27 Jun 2015, 12:37
އައިޖީއެމްއެޗްގައި ޑެންގޫއަށް ފަރުވާދެމުން އައި މާބަނޑު އަންނެހަކު ނިޔާވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޑެންގޫ ޖެހިގެން ރޭ ދަންވަރު ނިޔާވެފައި ވަނީ ނ. މާޅެންދޫ، މާޖެހިގޭ ހަމްދާ ހަސަން،18، އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 2:20ގައި ހަމްދާ ނިޔާވެފައި ވަނީ އޭނާގެ ހާލު ދެރެވަ އައިސީޔޫ އަށް ބަދަލުކުރި ފަހުން ކަމަށެވެ. ހަމްދާއަށް ޑެންގޫޖެހި އައިޖީއެމްގައި އެޑުމިޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހަމްދާ ނިޔާވި އިރު އޭނާގެ ބަނޑަށް 12 ހަފްތާ އެވެ.
މާޅެންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން މިއަދު ސަން އަށް ވިދާޅުވީ ހަމްދާ ނިޔާވެފައި ވަނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންދައި ކަމަށެވެ. ހަމްދާ ކައިވެނިކުރީ ވެސް ދާދި ފަހުން ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އެހެން އަހަރުތަކާ އަޅާ ބަލާ އިރު "ކަންބޮޑުވާ" ވަރަށް ޑެންގޫ ހުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމު އާދަމް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހަމައެކަނި މާލެ އަށް ބަލާލި ކަމުގައި ވިއަސް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 125 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތަކަށް ބަލާ އިރު 249 ކޭސް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމު ވިދާޅުވި އެވެ.
"އެހެންކަމުން ޑެންގޫ ހުމުން ރައްކާތެރި ވުމަށްޓަކައި ދުރާލާ މަދިރި ކޮންޓުރޯލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އަދި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރަން،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ޑެންގޫ ހުން ފެތުރުނަ ނުދިއުމަށް ޓަކައި މަދިރި ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.