27 Jun 2015, 12:54
އިންޑިއާގައި ފާސްޓްފުޑް ކައްކައިގެން ވިއްކާ މަޝްހޫރު ކޭއެފްސީން ހަދާ ފްރައިޑް ޗިކަންއިން ބެކްޓީރިއާ އެއް ފެނިއްޖެ އެވެ.
ކޭއެފްސީއިން ތައްޔާރު ކުރާ ފްރައިޑް ޗިކަން ތަހުލީލުކުރުމަށް އިންޑިއާގެ ދެކުނު ސްޓޭޓްގެ ޓަލަން އަވަށަށް ނިސްބަތްވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ޖަމްއިއްޔާއަކުން ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީއަށް ވޮނުވީ މިިމަހު 18 ވަނަ ދުވަހު އެވެ.
އެ ތަހުލީލު ރިޕޯތުތައް ބުނާގޮތުން ކޭއެފްސީއިން އުފައްދާ ފްރައިޑް ޗިކަންގައި ބެކްޓީރިއާގެ ބާވަތެއް ކަމަށްވާ އީ ކޮލީ ހިމެނެ އެވެ. އެ ބެކްޓީރިއާ އުފެދުމަށް މެދުވެރި ވަނީ ބޭރުކުރެވޭ ނަޖިހުން ނުވަތަ ޖަނަވާރުގެ ނަޖިހުންކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓަށް ރައްދު ދެއްވައި ކޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތަނުން އުފައްދާ އެއްވެސް ކުކުޅެއްގައި ބެކްޓީރިއާއެއް ހުއްނަކަމެއް އެއްވެސް އޮތޯރިޓީއަކުން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
"ތާޒާކަންމަތީ 170 ޑިގްރީގައި ކައްކައިގެން ވިއްކާ އެ ކުކުޅުގައި ބެކްޓީރިއާއެއް ހުރުމަކީ ވާނެ ކަމެއް ނޫން،" ކޭއެފްސީގެ ބަޔާނުގައި ވެއެވެ.
ކޭއެފްސީ އިން ކައްކާ ކުކުޅު ތަހުލީލުކުރަން ފޮނުވި ކުޑަކުދިންގެ ހައްގުތަށް ރައްކާތެރި ކުރާ ގުރޫޕުން ވަނީ ލެބޯޓްރީ ތަހުލީލު ރިޕޯތުގެ ކޮޕީއެއް އިއްޔެ އިންޑިއާގެ ޗީފް މިނިސްޓަރަށްވެސް ފޮނުވާފަ އެވެ.
"މިއީ ގައުމީ ލެބޯޓްރީ ރިޕޯޓެއް. އަހަރެމެން މިނުކުތީ ކޭއެފްސީ ނުވަތަ އެހެންވެސް ބްރޭންޑަކާ ދެކޮޅަކަަށް ނޫން. އަހަރެމެންނަކީ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރި ކުރާ ޖަމްއިއްޔާއެއް،" އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ ނެސްލޭ އިންޑިއާ ކުންފުނިން އުފައްދާ "މެގީ ނޫޑްލްސް"ގައި ސިއްހީގޮތުން ރައްކާތެރި ނޫން މިންވަރަކަށް "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ"އާއި ލެޑް އެކުލެވިފައިވާކަން ތަހުލީލުތަކުން ހާމަވުމާ ގުޅިގެން މެގީ ނޫޑްލް ވިއްކުން މަނާކޮށްފަ އެވެ.