27 Jun 2015, 12:12
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ އަށް ގެނައި އިސްލާހާއި ބެހޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ކުރިން ވެސް ރައީސް އަދި ނައިބު ރައީސްއަކަށް އަންނަ މީހެއްގެ އުމުރު ބަޔާންކޮށްފައި އެބައޮތް ކަމަަށާއި އޭގެ މާނައަކީ ގާނޫނު އަސާސީ އިން ވެސް އެ މަގާމަކީ އުމުރުފުރައެއް އޮންނަން ޖެހޭ މަގާމެއް ކަން ދަންނަ ކަމަށެވެ.
އެ އިސްލާހާ ބެހޭ ގޮތުން ގާނޫނީ ގޮތުން ބަލަން ޖެހޭނީ ދެ ކަމަކަށް ކަމަށް އަނިލް ވިދާޅުވި އެވެ. އެއްކަމަކީ މިފަދަ ބަދަލެއް ގެނައުމުގެ ބާރު ރައްޔިތުންގެ މަޖީލީހަށް ލިބިގެންވޭތޯ ބެލުން ކަމަށް އަނިލް ވިދާޅުވި އެވެ.
"ވަރަށް ސާފު ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީ އަށް ބަދަލުގެނައުމުގެ ބާރު ލިބިގެންވޭ،" އަނިލް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ވަނީ "ދިވެހި ރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ،" މިހެންނެވެ.
ދެން އޮތް ކަމަކީ މިފަދަ އިސްލާހެއް ގެންނަ އިރު އާއްމު ވޯޓަކަށް ދާން ޖެހޭނެ ކަމަށް ދައްކާ ވާހަކަ ކަމަށް އަނިލް ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައި އެބަހުރި ގާނޫނު އަސާސީގައި، ގެންނަ ބަދަލަކާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭނެ ކަަންކަން. އޭގެ ތެރޭގައި 109 ވަނަ މާއްދާ އަށް ގެންނަ ބަދަލު ހިމެނިފައެއް ނެތް،" އަނިލް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގުކުރުމުގެ ކުރިން އާއްމު ވޯޓަކަށް ދާންޖެހޭނެ ކަންތައްތައް ކަމަަށް ގާނޫނު އަސާސީގެ ބަޔާންކޮށްފައި ހުރި ކަންތައްތަކަކީ ގާނޫނު އަސާސީގެ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގެ އެއްވެސް މާއްދާ އަކަށް ގެންނަ އިސްލާހާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމަށް ގެންނަ އިސްލާހާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތެވެ.
ފެހި ގާނޫނު އަސާސީ އަށް އެއްމެ ފުރަތަ ގެނައި އިސްލާހުކަމަށްވާ ރައީސް އަށް ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ގެނައި އިސްލާހަށް ބައެއް ގާނޫނީ ވަކީލުން ވަނީ ފާޑު ވިދާޅުވެފަ އެވެ.