27 Jun 2015, 11:37
ޕްރޮމޯޝަންތަކުގެ ނަމުގައި ގޮތްނޭނގޭ ފަރާތްތަކުން ގޮތް ނޭނގޭ ނަމްބަރުތަކުން ގުޅައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުން އިތުރުވަމުންދާތީ އާމުން އެކަމަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެފަދަ ފޯންކޯލްތައް ކޮށްގެން އޮޅުވާލައި ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑުތަން އިތުރުވެފައި ވާތީ އެކަމަށް އާމުން ހޭލުންތެރިކުރުމަށް އެކި އަތޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ހއ.، ހދ. އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި އެ ޕްރޮގުރާމް ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި އަތޮޅުތަކުގައި އެބަ ކުރިއަށްގެންދޭ، ވަކިވަކިން ބައެއް އަތޮޅުތަކުގައި އެކުރިއަށްގެންދަނީ. ވާގޮތަކީ ރަމަޟާން މަހު ގިނައީ މާ ބޮޑަށް ވެސް އެފަދަ މައްސަލަތައް ހުށައެޅޭލެއް،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް އެފަދަ ހަތް މައްސަލަ ނޫނީ ދިހަވަރަކަށް މައްސަލައެއް ފުލުހުންނަށް ހުށައަޅަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އަދި ހިންގަމުންދާ އާއްމު ޕްރޮމޯޝަންތަކަކީ މުދާ ގަނެގެން ނުވަތަ ކޮންމެވެސް މަސައްކަތްތަކެއް ކޮށްގެން ޕްރޮމޯޝަނެއްގައި ބައިވެރިވެގެން ގުރުއަތަކުން ހޮވޭފަރާތަކަށް އިނާމުތަކެއް ލިބޭ ގޮތަށް ހިންގޭ ޕްރޮމޯޝަންތަކެކެވެ. އެއްވެސް ޙާލަތެއްގައި ފޯނުކޮށްގެން ވަކި އަދަދުތަކަކުން ފޯނުން ގުޅާ ފަރާތުން ކަނޑައަޅާ އުސޫލަކުން ފައިސާ ދޫކުރާ ޕްރޮމޯޝަންތަކެއް ނޫނެވެ.
ނަމަވެސް ރާއްޖޭގައި މިއަދު އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި މަޝްހޫރު ވިޔަފާރިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަން ބޭނުންކޮށްގެން ނުދަންނަ ނަމްބަރުތަކުން އާއްމު ރައްޔިތުންނަށް ގުޅައި އެކި ކަހަލަ ވާހަކަތައް ދައްކައި ބޮޑެތި އަދަދުތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަ ބޮޑެވެ.