މިރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ފުލުހުންނަށް ހުށައެޅިފައި ވަނީ ވައްކަމާއި ފޭރުމުގެ 28 މައްސަލަ ކަމަށާއި އެއީ މިދިޔަ ރޯދައާ އަޅާބަލާ އިރު ދަށް އަދަދެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ވައްކަމާއި ފޭރުމުގެ 28 މައްސަލަ ހުށައެޅިފައިވާ އިރު އެއީ މިދިޔަ އަހަރު ރޯދަ މަހާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށެވެ.

"އެއް ހަފްތާގައި 28 މައްސަލަ ވީމާ ވަރަށް ބޮޑުތަން ދަށްކޮށް އެއުޅެނީ. ފޭރިފައި ހުރީ މަގުމަތިން،" އަހުމަދު ވިދާޅުވި އެވެ.

އާންމު މަސްމަހު ވެސް ހަފްތާއެއްގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 100 އަށް ވުރެ ގިނަ މައްސަލަ ހުށައެޅޭ ކަމަށާއި އެހެން ކަމުން 28 މައްސަލަ ހުށައެޅުމުން އެފަދަ މައްސަލަތައް އެވަނީ ބޮޑުތަން ދަށްވެފައި ކަމަށް ވިދާޅުވި އެވެ.

ކުށްމަދުކުރުމަށް ފުލުހުން ރޯދަމަހާ ގުޅިގެން އަބަދުވެސް ދަނީ ހާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދަމުން ކަމަށާއި މަގުމަތި ރަނގަޅަށް ބެލެހެއްޓޭތީ ހުށައެޅޭ މައްސަލަތައް މަދު ކަމަށް އަހުމަދު ވިދާޅުވި އެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާ އިރު ރޯދަމަސް ފާހަގަ ކުރެވިފައި ހުންނަނީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ މަސްތަކެއްގެ ގިތުގައެވެ. ހާއްސަކޮށް ރޯދަ ވިއްލާ ވަގުތު މަގުމަތިން ފޭރުން އިތުރުވާއިރު ދަންވަރު ވަގުތުތަކުގައި ގޭގެއިން ވައްކަން ކުރުން އިތުރެވެ.