ކޮކްކޮޕިޓް ދުމުގެ އަސަރުކޮށްގެން އެމެރޭޓްސްގެ އޭ 380ގެ މަތިންދާބޯޓެއް 500 މީހުންނާ އެކު ކަލަމްބޯ އެއާޕޯޓަށް އިއްްޔެ ޖައްސައިފި އެވެ.

ނޫސްތަކުން ބުނީ ކޮލަމްބޯ އެއާޕޯޓަށް ބޯޓު ޖެއްސީ ރައްކާތެރިކަމާ އެކު ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށެވެ.

ސްރީލަންކާ އެއާޕޯޓްގެ ޗީފް އެއާ އޭވިއޭޝަން އޮފިސަރު ކްރިޝާންތީ ތިސާރާ ވިދާޅުވީ ބޯޓުގެ ޕައިލެޓުން "މޭޑޭ މޭޑޭ" އޭ ބުނުމުން އެއާޕޯޓް އިމަޖެންސީ ހާލަތަށް ގެނެސް ބޯޓު ޖެއްސުވީ ކަމަށެވެ.

އޭނާ ބުނީ ބޯޓުގެ ޕައިލެޓުންނަށް ކޮކްޕިޓުން ދުމުގެ އަސަރު ކުރުމުން، އެއާޕޯޓުގެ މެނޭޖަރުން ފަޔާފައިޓިން ތައްޔާރުކޮށް، މެޑިކަލް ކަންތައްތައް ހަމަޖެއްސި ކަމަށެވެ.

ބޯޓު ޖެއްސީ އެހާދިސާ ހިނގިތާ 39 މިނިޓް ފަހުން ކަމަށާއި 471 ފަސިންޖަރުންނާއި 30 ފަޅުވެރިން ރައްކާތެރި ކަމާ އެކު ބޯޓުން ފޭބި ކަމަށެވެ.

އެމެރޭޓްސް އެއާލައިނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ބޯޓު އަނބުރާ ކަލަމްބޯ އެއާޕޯޓަށް ޖެއްސީ "ޓެކްނިކަލް ފޯލްޓް"އަކާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އެމެރޭޓްސް އިން ބުނީ އެ ބޯޓުގެ ފަސިންޖަރުން އެމެރޭޓްސްގެ އެހެން ބޯޓުތަކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.