ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރުމުގެ ކުރިން އެމަނިކުފާނާ ގުޅުއްވުމުން ޖަވާބު ނުދެއްވުމުން، ދެން އެމަނިކުފާނާ ދައްކާނެ ވާހަކައެއް މިހާރަރު ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

ނިހާން އެހެން ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް/އެމްޑީއޭ ޕީޖީ ގުރޫޕުން ނިންމުމަށްފަހު، މުލިއާގެއިން ނުކުމެވަޑައިގެންނެވި ވަގުތު "ސަން"އިން ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

ނިހާނު ވިދާޅުވީ ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޕީޕީއެމް މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވާތީ ޕީޖީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އެ މައްސަލައާ ގުޅޭ ގޮތުން، ރަސްމީ ވާހަކައެއް ޖަމީލާ ދައްކާލުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ވާނީ ރޭގެ 8:25 އިން ފެށިގެން ރޭގެ ދަންވަރާ ހަމައަށް ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ގުޅުމަށް މަސައްކަތް ކޮށްފައި. 8 ފަހަރު ގާތްގަނޑަކަށް އަޅުގަނޑުގެ ނަމްބަރުން އެމަނިކުފާނަށް [ނައިބު ރައީސް ޖަމީލް] ގުޅުމަށް މަސައްކަތް ކުރިން. ފޯނަށް ޖަވާބު ނުދެއްވާތީ އަޅުގަނޑު އެސްއެމްއެސް އެއް ކުރިން. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ކުރައްމުން ގެންދަވާތީ އެކަމުގައި ރަސްމީ ސިފައެއްގައި ވާހަކަދައްކާލުމަށް ބޭނުން ވާތީ އަޅުގަނޑުގެ ކޯލަށް ޖަވާބު ދެއްވުމަށް އެމަނިކުފާނަށް މެސެޖު ކުރިން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާނު ވިދާޅުވި އެވެ.

މުލިއާގެ ބޭރުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން-- ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ ފޯނަށް ޖަވާބު "ނުދެއްވިތާ" އޭނާގެ މެސެޖަށް ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުން އޭނާ އަށް ޔަގީން ވެގެން ދިޔައީ ޕީޕީއެމްގެ ޕީޖީ ގުރޫޕާ ޖަމީލު ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާކަން ކަމަށެވެ. އެހެންކަމުން ދެން އެކަމުގައި ޖަމީލާ "ދައްކާނެ އިތުރު ވާހަކައެއް ނެތް" ކަމަށް ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމަން ޖެހުނީ ވެސް ނައިބު ރައީސް ޖަމީލު ޕީޕީއެމްގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ބޭނުންފުޅު ނުވާތީ ކަމަށެވެ.

ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފާސްކުރީ މިރޭ ބޭއްވި ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެއްވުމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި ހިމަނާ ކަންތައްތަކެއް ނިހާން ވިދާޅެއް ނުވި އެވެ. އޭނާ ވިދާޅުވީ މީޑިއާއަށް އެ މައުލުމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ޖަމީލު މަގާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނާއި ޖޭޕީގެ މެމްބަރުން ވެސް ސޮއި ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ނައިބު ރައީސްގެ މަގާމުން ޖަމީލު ވަކިކުރެއްވުމުގެ މަސައްކަތް ފައްޓަވާފައި ވަނީ އެ މަގަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންނެވުމަށް ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނިހާން ކުރިން ވިދާޅުވެފައި ވަނީ ނައިބު ރައީސް ބަދަލު ކުރަންޏާ އެ މަގާމަށް އެންމެ އެކަށީގެނ ްވަނީ އަދީބު ކަމަށެވެ.

ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރެވޭނީ، މިހާރު އެ މަގާމުގައި ހުންނެވި ޑރ. ޖަމީލުގެ މައްޗަށް މަޖިލީހުން އިތުރުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްފަހުގަ އެވެ. ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.