26 Jun 2015, 23:48
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.
އެ ގޮތަށް ނިންމީ މުލިއާގޭގައި ކުރިއަށްދާ ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިރޭގެ ބައްދަލުވުމުގައި 33 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުވުން ނިންމާލެއްވުމަށްފަހު މުލިއޭގޭ ބޭރުގައި "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރާނީ 57 މެމްބަރުންގެ ވޯޓަށް ވުރެ ގިނަ މެމްބަރުންގެ ވޯޓުން ކަަމަށެވެ.
ނިހާން ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީގެ މަޖިލިސް މެމްބަރުން ވެސް ޖަމީލުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާ ގަރާރުގައި ސޮއި ކުރާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެވިގެން ދާނީ 57 މެމްބަރުންގެ ވޯޓަކުންނެއް ނޫން. އެއަށްވުރެއް މަތިން ވޯޓު ލިބޭނެ. އެއ ީއެމްޑީޕީގެ މުޅި ޕާލިމަންޓަރީ ގުރޫޕު މިރޭގެ މިހާތަނަށް އަޅުގަނޑާ ވާހަކަދެދެއްކެވި ހުރިހާ މެމްބަރުން ވެސް މިރޭގެ ވަގުތެއްގައި ސޮއި ކުރާނެ. ދެން އޮތީ ޖޭޕީ. އެބޭފުޅުންގެ ތެރެއިން ވެސް ދެތިން ހަތަރު ބޭފުޅަކު ނޫނިއްޔާ އެހެން ހުރިހާ ބޭފުޅުން ވެސް ސޮއި ކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށްވަނީލިބިފައި،" ޝުޖާއު ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޖަމީލުގެ އިތުބާރު ނެތް ކަމަށް މިހާތަނަށް 47 މެމްބަރުންގެ ސޮއި ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ އެމަނިކުފާނު [ނައިބު ރައީސް ޖަމީލް] މަގާމުން ވަކިކުރެއްވުމުގެ ގޮތުން ސޮއި ހޯދަމުން. އެކަމުގައި އެމްޑީޕީ އަދި ޖޭޕީ މެމްބަރުންގެ ސޮއި ވެސް ލިބޭނެ އިރާދަކުރެއްވިއްޔާ. ދެން ދަންނަވާލަން ދަތި ސީދާކޮން ދުވަހެއްގަ އިތޯ މި މައްސަލަ މަޖިލީހަށް ވައްދާނީ. މަސައްކަތް މިކުރަނީ ވީހާވެސް އަވަހަކަށް ހުށަހެޅޭތޯ،" ނިހާނު ވިދާޅުވި އެވެ.
ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެއްވުމަށް މަސައްކަތް ކުރުމަށް ޕީޕީއެމް އިން މަޖިލީހަށް ހުށަހަޅާ ގަރާރާ ގުޅޭ ގޮތުން ނިހާނު ވިދާޅުވީ ގަރާރުގައިވާ އެއްޗެއް އަދި ހިއްސާ ކުރެވެން ނެތް ކަމަށެވެ.
މި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމު ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީއަށް އެފަދަ ބޮޑު އިސްލާހެއް ގެންނަން ޖެހުނީ ނައިބު ރައީސް ޖަމީލަށް އެމަނިކުފާނުގެ ޒިންމާތަކާ ވާޖިބުތައް އަދާ ކުރެވެމުން ނުދާތީ ކަމަށެވެ.