ކުވޭތާއި ތޫނިސްއާއި ފްރާންސްގައި މިއަދު ދިން ހަމަލާތަކެއްގައި 60 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ތިން ކޮންޓިނެންޓްގައި ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކުގެ ތެރެއިން ކުވޭތުގައި ދިން ހަމަލާ އަމާޒުވީ ޝިޔައީން އަޅުކަން ކުރާ ތަނަކަށެވެ. ގައިގާ ބޮންހަރުކޮށްގެން މީހަކު ދިން އެހަމަލާގައި 25 މީހުން މަރުވި ކަމަށް ނިއުޔޯކްޓައިމްސް ނޫހުން ބުންޏެވެ. ޝިޔައީން އަޅުކަން ކުރުމަށް ކުވޭތުގައި ހަދާފައި ހުރި ތަންތަނުގެ ތެރެއިން އެންމެ ބޮޑު އެއް ތަނަށް ދިން އެހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފަ އެވެ.

ތޫނިސްގައި ބަޑި ހިފައިގެން ހުރި މީހަކު ގޮނޑުދޮށުގައި ތިބި ބަޔަކަށް ދިން ހަމަލާއެއްގައި 37 މީހުން މަރުވި އެވެ. ތޫނިސްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާއެއްގައި އެމީހާ ވަނީ މަރާލާފައެވެ.

ފްރާންސްގައި ހުރި އެމެރިކާގެ ކުންފުންޏެއްގެ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި އެކަކު ވަނީ މަރުވެފަ އެވެ.

ތިން ހަމަލާއަކީ ގުޅިގެން ދިން ހަމަލާތަކެއް ކަމެއް އަދި އޮޅުން ނުފިލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.