26 Jun 2015, 15:37
އިސްލާމްދީން ދަސްކޮށްދީފައިވާ ދިރިއުޅުމުގެ އަދަބުގެ ތެރެއިން އެއްކަމަކީ އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާންކުރުމެވެ. އެކަކު "އައްސަލާމްޢަލައިކުމް" މިހެން ބުނުމާއި އަނެކަކު "ވަޢަލައިކުމުއްސަލާމް" އޭ ބުނުމެވެ.
ސަލާމުގެ މިޖުމުލައަކީ ދުޢާގެ ބާވަތެކެވެ. އެއްމުއުމިނެއްގެ ހިތުގައި އަނެއް މުއުމިނަކާމެދު ހެޔޮއެދުމާއި ކުލުނުގެ ޖަޒުބާތު އުފެދިފައި އޮންނާން ޖެހެއެވެ. އެޖަޒުބާތު އެކި ގޮތްގޮތަށް، އެކި ސިފަސިފައިގައި ފާޅުކުރާންޖެހެއެވެ. މަތީގައި ދަންނަވައިފައިވާ ސަލާމަކީ އޭގެތެރެއިން އެއްގޮތެވެ.
ސަލާމުގެ އެންމެ ފުރިހަމަ އެއް ޝަރަޙައެއް ގެންނަވައިފައިވާ ބޭކަލަކީ އިބްނު ޢުޔައިނާ ކަމުގައި ޢިލްމުވެރީން ލިޔުއްވައިފައިވެއެވެ. އިބްނު ޢުޔައިނާގެ އަރިހުން ނަކަލުވެފައިވެއެވެ. "ސަލާމަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުން ދަންނަމުހެއްޔެވެ؟ ސަލާން ކުރާމީހާ ސަލާން ރައްދުވާމީހާ ގާތު އެބުނަނީ ކަލެޔަށް ވަނީ އަހަރެންގެ ކިބައިން ސަލާމަތްކަމާއި ރައްކާތެރިކަން ލިބިގެންނެވެ." މިހެންނެވެ.
ސަލާމުގެ މިޝަރަހައަކީ ވަރަށްވެސް މާނަވީ ޝަރަހައެކެވެ. އޭގެ މަފްހޫމަކީ އަހަރެން ހުރިހާ ގޮތަކުންވެސް ކަލެޔަށް ހެޔޮއެދެމޭ ބުނުމެވެ. އިޚްލާސްތެރިވަމޭ ބުނުމެވެ. އަހަރެންގެ ކިބައިން ކަލެޔަށް ކުޑަވެސް ބިރެއް ނުވަތަ ނުރައްކަލެއް ނެތޭ ބުނުމެވެ. އަހަންނަކީ ކަލެޔަށް އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިކުރާނެ މީހެއް ނޫނޭ ބުނުމެވެ. ކަލެއާ އަހަރެން ވާހަކަ ދެއްކިޔަސް ދޫނުބައިކޮށް ހުތުރުބަހުން ކަލެޔާ މުޚާޠަބެއް ނުކުރާނަމޭ ބުނުމެވެ. އަހަރެން ކަލެޔާ ލޭންދޭނެއްކުރިޔަސް ކަލެޔާމެދު ޣަޞްބެއް ޚިޔާނަތެއް ނުކުރާނަމޭ ބުނުމެވެ. ކަލޭގެ ކޮންމެ ޙައްޤެއް އިންސާފާއި އަމާނާތްތެރިކަމާއެކު ފުރިހަމަޔަށް އަދާކުރާނަމޭ ބުނުމެވެ. ކަލެޔާމެދު އަހަރެންގެ ހިތުގައި ޝަކުވާއެއް އުފެދުނުކަމުގައި ވިޔަސް އަހަރެން ޢަދުލް އިންސާފުން އެއްކިބައެއް ނުވާނަމޭ ބުނުމެވެ. ކަލެޔާ ދުޝްމިނުވެގެން ކަލެޔާ ދިމާކުރާކަށެއް ނުފަށާނަމޭ ބުނުމެވެ. ކަލޭގެ ނިކަމެތިކޮށް ހަލާކުގެ ތެރެޔަށް ވައްޓައިލާކަށެއް ނުއުޅޭނަމޭ ބުނުމެވެ. ކަލެޔާ ދެބަސްވާން ޖެހުނަސް އަހަރެން އެކަން ބާއްވާނީ ތަންޤީދުކުރުމުގެ ރީތި، ހުއްދަ ދާއިރާގައޭ ބުނުމެވެ. ކުށްދެއްކުމާއި އައިބުކިޔުމާއި، ބަދުނާމު ކުރުމާއި، ޝަޚްޞިއްޔަތުކަތިލުމާ ހަމަޔަށް އެކަމެއް ނުގެންދާނަމޭ ބުނުމެވެ.
އައްސަލާމް ޢަލައިކުމް މިއީ ހަމައެކަނި ބުނެލާ ރަސްމީ ޖުމުލައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ހަމަތަކެއްގެ މަތީން، އުސޫލެއްގައި ހިފެހެއްޓުމަށް ކުރާ އަޙްދެކެވެ. އައްސަލާމް ޢަލައިކުމް އޭ ބުނާމީހާ އެއިޢުލާން ކުރަނީ އޭނާގެ ދިރިއުޅުމުގައި އެހެން މީހުނާ މެދު ކަންތައް ކުރާނެ ގޮތެވެ. އޭނާގެ ޢަމަލުތައް ބަހައްޓާނެ ގޮތެވެ. އެގޮތަކަށް ވާނީ އެޔޮއެދުމާއި އިޙްލާޞްތެރިކަމާއި، ޞުލްޙަމަސަލަސް ކަމާއި އަމަން އަމާން ކަމޭ ބުނުމެވެ.