26 Jun 2015, 15:50
ކުލަބު އީގަލްސްއަށް ސްޕެއިންގެ ފޯވަޑާކާއި ޑިފެންޑަރެއް ގެނެސްފިއެވެ.
ސްޕެއިންގެ ޑިފެންޑާ ޓެރޮންކޮން އެންޓޮން ޕެޑްރާ އާއި ފޮވަޑް ހިމޭނޭޒް ރޭޔެސް ގެރާޑޯ މާލެ އައިސްފައި ވަނީ އިއްޔެ ހެނދުނުކަ މަށް އީގަލްސުން ބުންޏެވެ.
އެ ދެ ކުޅުންތެރިން ގެނައުމާއެކު އީގަލްސްގެ ބިދޭސީ ކުޅުންތެރިންގެ ޖާގަ ވަނީ ހަމަވެފަ އެވެ. އެފްއޭއެމުން ހުއްދަ ދިފައި ވަނީ ކޮންމެ ޓީމަކަށް ވެސް ހަތަރު ބިދޭސީ ކުޅުންތެރިން ޓީމު ލިސްޓްގައި ޖެހޭ ގޮތަށެވެ. އޭގެ ތެރޭގައި އޭޝިއާ ބައްރަށް ނިސްބަތްވާ އެއް ކުޅުންތެރިޔަކު ހިމެނެން ޖެހެއެެވެ.
ސްޕެއިންގެ ދެ ކުޅުންތެރިންގެ އިތުރުން އީގަލްސްގައި މިހާރު ތިބި ކުޅުންތެރިންނަކީ ސިއަރަލިއޯންގެ ފޯވަޑް އަބޫ ޑެސްމަން މަންސާރީ އާއި ލަންކާގެ ގޯލް ކީޕަރު ސޫޖަން ޕެރޭރާ އެވެ.
ލީގުގައި މިދިޔަ ހަފުތާގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ލީގު ތާވަލްގެ އެއްވަނައިގައި އޮތް އީގަލްސްގެ ކޯޗު އިހްސާން ޢަބްދުލް ގަނީ ސާންތީ ބުނީ ލީގްގައި ދެ ބުރު ކުޅޭ އިރު އެއްވަނައިގައި ހިފެހެއްޓުމަށް އީގަލްސްއަށް ގޮންޖެހުން ބޮޑު ކަމަށާއި އެއީ އީގަލްސް ފިޔަވައި ކޮންމެ ޓީމެއްގައި ވެސް ތިނެއް ނުވަތަ ހަތަރު ބިދޭސީ ކުޅުންތެރިން ތިބިއިރު އީގަލްސްގައި ހުރި އެންމެ ކުޅުންތެރިޔެއް ކަމަށާއި ކުރިއަށް އޮތް މެޗުތަކަށް ބިދޭސީ ކުޅުންތެރިން ނުގެނެވިއްޖެނަމަ އީގަލްސަށް ވެސް އުނދަގޫ ވާނެ ކަމަށެވެ.