26 Jun 2015, 15:39
އެމްޑީޕީން ވަނީ ކުރިން ވެސް ނުވާނެ ކަމަށް ހީކުރި އެތައް ގޮންޖެހުންތަކެއް ބަލިކޮށްފައި ކަމަށާއި ދެން ވެސް އެކަން ކުރާނީ އެމްޑީޕީން ކަމަށް އެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެމްޑީޕީއަށް މިއަދު 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި އަލީ ވަހީދު ވިދާޅުވީ މި ވަގުތަކީ ހަފަރާތުން ގޮންޖެހުންތައް އަންނަމުންދާ ވަގުތެއް ކަމަށެވެ. ނަމަވެސް އެކުވެރި ބަދަހި ސަފުތަކަކާއެކު އެމްޑީޕީދާނީ އަބަދުވެސް ކުރިއަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ގަދަ ކަނޑުގެ ރާޅުތައް ބައްދަމުންނެވެ. ދިވެހިރާއްޖެ މިއަދު މި އޮތީ ނާމާން ތޫފާނެއްގެ އޮއިވަރެއްގެ މެދުގަ އެވެ. ކުރިން ވެސް ނުވާނެ ކަމަށް ހީކުރި ގޮންޖެހުންތައް ބަލި ކުރީ މި ޕާޓީ އެވެ. ދެންވެސް އެކަން ކުރާނީ ހަމަ މި ޕާޓީ އެވެ. މިއީ އެމް.ޑީ.ޕީ. އެވެ. އަޅުގަނޑުމެން ދާނީ ކުރިޔަށެވެ. ބާރަށް ކުރިޔަށެވެ." އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށްވާއިރު މިއަދު ޕާހަގަ ކުރަމުން ގެންދާ އެ ޕާޓީގެ އަހަރީ ދުވަހުގެ އަމާޒަކަށް ވާންވީ އަނެއްކާވެސް ދިވެހިންނަށް އުފާވެރި ރަންޒަމާނެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާ އެކު އުފެދިގެން އައި އެމްޑީޕީގައި މިއަދު 44608 މީހުން މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.