26 Jun 2015, 15:27
ދަހޭގް (ޖޫން 26) : އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކުގެ ހެކިތައް ފަލަސްތީނުގެ ސަރުކާރުން ބައިނަލް އަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ހުށަހެޅުމާއެކު އިސްރާއީލާ ދެކޮޅަށް އެ މައްސަލަ ބަލަން ފަށައިފިކަން އެކޯޓުން ހާމަކޮށްފި އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ތަރްޖަމާނަކު ވިދާޅުވީ މިއީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް އެ ކޯޓުން ބަލަންފެށި ފުރަތަމަ މައްސަލަ ކަމުގަ އެވެ.
ފަލަސްތީނުގެ ޚާރިޖީ ވަޒީރު ޑރ. ރިޔާޒްއަލްމާލިކީ ވިދާޅުވީ އިސްރާއީލުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ބަޔާންކޮށްދޭ ހެކިތަކާބެހޭ ފައިލްތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އިއްޔެ ހުށަހަޅާފައިވާނެ ކަމަށާއި އެއީ އިސްރާއިލާ ދެކޮޅަށް ހުށަހެޅި ފުރަތަމަ ހެކިތައްކަމުގަ އެވެ. އެފަދަ އެތަށް ހެކިތަކެއް އިސްރާއީލާ ދެކޮޅަށް އަދި ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ވެރިންގެ އަނިޔާވެރިކަމުގެ މައްސަލަ ބައިނަލް އަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުން އެމެރިކާ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރްޖަމާން އެލެސްޓަރ ބަސްކީ ވިދާޅުވީ ފަލަސްތީނުގެ މި ފިޔަވަޅަކީ އޭގެ ނަތީޖާ މުޅިން އިދިކޮޅަށް އަންނާނެ ފިޔަވަޅެއްކަމުގަ އެވެ. އަދި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން ފަލަސްތީނަށް ކޮންމެ އަހަރަކު ދެމުން ގެންދާ ހަތަރު ސަތޭކަ މިލިޔަން ޑޮލަރުގެ ފައިސާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް އެމެރިކާގެ މިބިރުދެއްކުންތަކަށް ފަލަސްތީނުން މިހާރު މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ފަލަސްތީނުގެ އެ ފިޔަވަޅާ ގުޅިގެން އިސްރާއީލަށް އޮތީ އެންމެ ދެގޮތް. އެއްގޮތަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އެއްބާރުލުން ދިނުމެވެ. އަނެއްގޮތަކީ އެކޯޓަށް އެއްބާރުލުން ނުދޭ ބައިނަލްއަގްވާމީ މުޖްތަމައުން އެކަހެރިވެފައިވާ ގައުމެއްގެ ގޮތުގައި އޮތުމެވެ.
އިސްރާއީލަކީ ސަރަހައްދީ ފެންވަރުގައި މިހާރުވެސް އެކަހެރިކޮށްލެވިފައިވާ ގައުމަކަށްވާތީ ބައިނަލްއަގްވާމީ ކޯޓަށް އެއްބާރުލުން ނުދިނުމަށް ނިންމައިފިނަމަ މިހާރަށްވުރެވެސް ބޮޑަށް އިސްރާއީލު އެކަހެރިވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގި އުދުވާނާ ގުޅިގެންނެވެ. މިއުދުވާނުގައި އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ހަމަލާދީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންގެ އެތަށްސަތޭކަ ބަޔަކު ޝަހީދުކޮށް އާންމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާއާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައެވެ.
2014 ވަނައަހަރު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގާ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަން މިކަން ތަހްގީގްކުރި އދ. ގެ ޓީމުންވެސް ހާމަކޮށްފައިވެއެވެ. (ރޮއިޓާސް)