މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އޯގާތެރިވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު ފާހަގަ ކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން މިއަދު ގެނެސްދީފައިވާ ހުކުރު ހުތުބާގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެ ވަބާއިން ސަލާމަތް ވެވޭނެ ގޮތް ތަނަވަސްކޮށް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އޯގާވެރިވެ، ހަމްދަރުދީ ވެގެން ނުވާނެ ކަމަށެވެ.

އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ދީނުގައި އޮތްކަމަށް އިލްމުވެރިން ފަތުވާ ދެއްވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"މަސްތުވާތަކެތީގެ ވިޔަފާރި ވެރިޔާއަކީ އެތައް ނަފްސެއް މަރާފައިވާ އަދި މަރަމުންދާ މީހެއް، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުންނަކީ އިންސާނުންގެ ލޭ ބޮއިގެން އެމީހުންގެ މުދާކޮޅު ފޭރިގަންނަ ބަޔެއް،" ހުތުބާގައި ބުނެފައިވެއެވެ.

މަސްތުވާތެކތީގެ ވިޔަފާރި ކުރާ މީހުން ޖަލަށް ލުމުން ޖަލުގައި ތިބެގެން އެވަބާގެ "ވައިރަސްތައް" ފަތުރަމުންދާ ކަމަށާއި އެމީހުން ރައްކާތެރި އަމާން މާހައުލެއް ހޯދުމަށް އަމިއްލައަށް ޖަލަށް ވަނުމަށް ފުރުސަތު ހޯދާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ޝެއިހް ޑރ. ޔޫސުފުލް ޤަރްޟާވީ އާއި ހަވާލާދީ ހުތުބާގައި ބުނެފައި ވަނީ މަސްތުވާ ތަކެތީގެ ދަލުގައި ޖެހި އެކަމުގެ ދެވި ހިފާފައިވާ މީހާ އޭނާގެ ނަފްސު ކަމާ ބެހޭ މުއައްސަސާތަކާ ހަވާލުކޮށްފިނަމަ އެއީ ތައުބާގެ ބާވަތެއް ކަމަށެވެ.

މަސްތުވާ ތަކެއްޗަކީ މުޅި އިސްލާމީ އުއްމަތާ ދެކޮޅަށް އެއުއްމަތުގެ ދުޝަމަނުން ކުރަމުންދާ އަނިޔާވެރި ހަރުކަށި ހަނގުރާމާގައި ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. އެބަވާ ދުނިޔެއަށް ފެތުރެނީ ބުރައެއް ނޫފުއްލާ މުއްސަނދިވާން ބޭނުންވާ ވިޔަފާރިވެރިންގެ ސަބަބުން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

މަސްތުވާތަކެތި ވަބާއިން ސަލާމަތްވުމަށް އެންމެ ރަނގަޅު ކަމަކީ އެކަމަށް ރައްކާތެރިވުމާއި ދީނީ ރަނގަޅު ތަރުބިއްޔަތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ރާބުއިމާއި މަސްތުވާތަކެތީގެ ނުބައިކަން ބަޔާން ކޮށްދެއްވަމުން ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވަނީ "ރާބޯ މީހާގެ ހަށިގަނޑުގައި އޭނާ ބުއި ރާގެ އެއްވެސް އަސަރެއް ހުރިހާ ދުވަހަކު އޭނާގެ ކިބައިން އެއްވެސް ނަމާދެއް ﷲ ޤަބޫލު ނުކުރައްވާނެތެވެ."