26 Jun 2015, 15:37
ޕެރިސް (ޖޫން 26) : އެމެރިކާ ހައްޔަރު ކުރަންބޭނުންވެފައިވާ "ވިކިލީކްސް"ގެ ފައުންޑަރު ޖޫލިޔާން އަސާންޖް އާއި އެމެރިކާގެ ޖާސޫސީ އިދާރާގެ ކުރީގެ މުވައްޒަފު އެޑްވަޑް ސްނޯޑަންއަށް ސިޔާސީ ހިމާޔަތް ދިނުމަށް ކުޑަކޮށް ވެސް ޖެހިލުން ނުވާކަމަށް ފަރަންސޭސިވިލާތުން ބުނެފި އެވެ.
ފަރަންސޭސި ޖަސްޓިސް މިނިސްޓަރު ކްރިސްޓިޔާން ޓުބީރާ ވިދާޅުވީ އެމެރިކާ އަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެ މީހުންކަމަށްވާ ޖޫލިޔާން އަސާންޖް އާއި އެޑްވަޑް ސްނޯޑަންއަށް ފަރަންސޭސިވިލާތުން ދާއިމީ ގޮތެއްގައި ސިޔާސީ ހިމާޔަތް ދިނުމުގެ ހައްގު ފަރަންސޭސިވިލާތަށް ލިބިގެންވާކަމުގަ އެވެ. ނުސީދާގޮތެއްގައި އެމެރިކާ އަށް ގޮންޖައްސަވަމުން ޓުބީރާ ވިދާޅުވީ އަސާންޖް އާއި ސްނޯޑަންއަށް ފަރަންސޭސިވިލާތުން ދާއިމީ ގޮތެއްގައި ޙިމާޔަތް ދިނުމުން އެއްވެސް ގައުމަކުން ކަންބޮޑުވެގެން އެކަމަށް ފާޑުކިޔަންނުޖެހޭނެ ކަމަށާ އެފަދަ ފާޑިކިޔުމެއް ފަރަންސޭސި ސަރުކާރުން ބަލައި ވެސް ނުގަންނާނެ ކަމުގަ އެވެ.
މިއީ އެމެރިކާ އިން ފަރަންސޭސި ރައީސުންނަށް ޖާސޫސު ކުރި މައްސަލާގައި އެމެރިކާއަށް ނިސްބަތްކޮށް ފަރަންސޭސި މަސްއޫލުވެރިއަކު މިހާތަނަށްދެއްވި އެންމެ ހަރުކަށި އިންޒާރު ކަމަށް މުރާސިލުން ސިފަކުރެ އެވެ.
"ވިކިލީކްސް" އިން އެންމެފަހުން ބޭޒާރުކޮށްލި އެމެރިކާގެ ޖާސޫސީ ޑޮކިއުމެންޓްތަކެއްގައި ފަރަންސޭސި ތިން ރައީސުންކަމަށްވާ ޖެކް ޝިރާކް އާއި ނިކޮލައި ސާކޯޒީ އާއި މިހާރުގެ ރައީސް ފޮންސުވާ އޮލާންދަށް އެމެރިކާއިން ފުޅާދާއިރާއެއްގައި ޖާސޫސުކުރިކަން ފަޅާއެރުމުން ފަރަންސޭސި ސަރުކާރުވަނީ އެމެރިކާދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ.
މިމައްސަލާގައި އެމެރިކާދެކެ ބޮޑަށް ރުޅި އައިސްފައިވަނީ ފަރަންސޭސި އާންމު ރައްޔިތުންނެވެ. ފަރަންސޭސި އާންމު ރައްޔިތުންގެ ނަޒަރުގައި މިއީ ފަރަންސޭސިވިލާތުގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ ކުޑަކޮށްވެސް އިޙްތިރާމް ނުކުރާކަމުގެ ހެއްކެކެވެ. (ނޫސްއެެޖެންސީތައް)