ނިޔުޔޯކް (ޖޫން 26) : އިންސާނީ ހައްގުތައް ޙިމާޔަތް ކުރުމުގައި އދ. އާއި އެޖަމްއިއްޔާގެ މުއައްސަސާތައް ފޭލްވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަށްޑިހައަށް ވުރެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ ފަރާތްތަކުން އެގައުމުގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާ ހުއްޓުވުމުގައި އދ. ނުކުޅެދިފައި ވަނީ ލަދުގަންނަން ޖެހޭ މިންވަރަށް ކަމުގަ އެވެ.

އދ. އަށް ފާޑުކިޔައި ނެރުނު ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިޔުމަންރައިޓްސް ވޮޗް އާއި ކީރް އިންޓަނޭޝަނަލް ފަދަ ޖަމްއިއްޔާ ޖަމާއަތްތައް ހިމެނެ އެވެ. މިޖަމާއަތްތަކުން ސޮއިކޮށްފައިވާ ބަޔާނުގައި އިންސާނީ ހައްގުތަކުގެ ނަމުގައި އދ.ގެ ކަމާ ބެހޭ މުއައްސަސާތަކުން ނިކަމެތި ފަރާތްތަކާ ދެކޮޅަށް ގަރާރުތައް ފާސްކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިންނަމަވެސް އާރާބާރު ހުރި ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭކަން ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި އިޝާރާތް މިކުރަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުލިބިފައިވާ އެމެރިކާފަދަ ބޮޑެތި ބާރުތަކަށެވެ. އެމެރިކާއިން އިރާގުގައި ހިންގި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ މުގުލުގައި ތިއްބެވި އެމެރިކާގެ އެއްވެސް އިސްވެރިއެއްގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނު ހިންގިފައެއް ނުވެ އެވެ. އަދި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ކިތަންމެވަރަކަށް ހިންގި ނަމަވެސް ދުނިޔޭގެ ބޮޑު ފަސްބާރުންކުރެ ބާރެއްގެ ހިމާޔަތް ލިބިފައިވާ ގައުމަކާ ދެކޮޅަށްވެސް ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްކުރެވޭނެ ގޮތެއް އދ. އަކަށް ނޯވެއެވެ.

ސޫރިޔާގެ މައްސަލާގައި އދ. އަށް ފިޔަވަޅު ނޭޅެނީ އެގައުމާ ދެކޮޅަށް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ގަރާރަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވީޓޯކުރާތީއެވެ. ފަލަސްތީނުގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނޭޅެނީ އެމެރިކާއިން ވީޓޯކުރާތީއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ވެސް ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައެވެ. މީގެތެރޭގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާއި އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތްތަކާ އެނޫންވެސް ހަރުކަށި ޖަމާއަތްތައް ހިމެނެ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޝާމިލްވާ ފަރާތްތަކުން އެގައުމުގެ އާންމުންގެ ލައްކައަކަށްވުރެ ގިނަމީހުން މަރާލައި އެތަށް މިލިޔަންބަޔަކު ހާލުގައި ޖައްސައި ރެފިއުޖީންނަށް ހަދާފައިވީ ނަމަވެސް މިއަނިޔާތައް ހުއްޓުވުމުގައި އދ. ގެ މުއައްސަސާތަކަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. (ނޫސްއެޖެންސީތައް)