26 Jun 2015, 13:57
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތުގެ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
އިއްޔެ އެމްޓީސީސީން ލަގެޖާއެކު މީހުން އުފުލާ ދެ ބަސް ތައާރަފް ކުރުމުގެ ކުރިން ބޭނުން ކުރި ބަސްތަކުގައި ޓިކެޓެއް ވިއްކަމުން އައީ 16 ރުފިޔާއަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ސަންއަށް މިއަދު ވިދާޅުވީ، ހުޅުމާލެ އާއި އެއާޕޯޓަށް ދެމުންދާ ބަހުގެ ހިދުމަތް 20 ރުފިޔާއަށް ބޮޑުކުރީ މިހާރު ބޭނުންކުރާ ބަސްތަކަކީ ލަގެޖް އުފުލާ ބަސްތަކަކަށް ވާތީ ކަމަށެވެ.
"20 ރުފިޔާއަށް އަޅުގަނޑުމެން މިހެދީ ލަގެޖް އަރުވަމުންދާތީ، ހަމަ އެކަނި ލަގެޖަކަށް ވެސް ނޫން އެއާޕޯޓް ޝަޓުލްއަށްދާތީ، އާންމުކޮށް ލަގެޖް ހިފައިގެންތާ ދާނީ، އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ ލަގެޖް އަރުވައިގެން ދާ މީހުންނާ، ލަގެޖް ނުގެންދާ މީހުން ވަކިކުރަން،" ހަލީމް ވިދާޅުވި އެވެ.
ހުޅުމާލޭ އެތެރެއަށް ދޭ ބަހުގެ ހިދުމަތަކަށް ބަދަލެއް ނުގެންނަ ކަމަށާއި އެ ބަހުގެ ހިދުމަތުގެ އަގަކީ ހަމަ 3.50 ރުފިޔާ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީން އިއްޔެ ތައާރަފް ކުރި ލަގެޖާއެކު މީހުން އުފުލާ ބަސްތަތަކީ 45 މީހުންގެ ޖާގައިގެ އޭސީ ބަސްތަކެކެވެ. އެ ބަސް ކޮންމެ ގަޑިއަކުން ގަޑިއަކުން ހުޅުމާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރުތައް ބާއްވަ އެވެ.