އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގައި ވާދަ ކުރާ ގްރޭޓް ބްރިޓްން ޓީމަށް ހަރަދު ކުރާނެ ފައިސާ ނެތް ކަމަށް އިނގިރޭސި އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ބީބީސީން ބުނާ ގޮތުގައި މިކަން އިއުލާނުކުރީ ބްރިޓިޝް އޮލިމްޕިކް ކޮމިޓީން މީގެ ހަފުތާއެއްގެ ކުރީން ބޭއްވި އިމަޖެންސީ ބައްދަލުވުމެއްގަ އެވެ.

މި މުބާރާތުގައި ވާދަ ކުރާ ގްރޭޓް ބްރިޓިން ޓީމުގައި ހިމެނޭ 550 އެތްލީޓުންނާއި 450 އޮފިޝަލުންނަށް ޓެރޭނިން ދިނުމަށާއި ބޭސްފަރުވާ އާއި ކޭމްޕް ކުރުމުގެ ހަރަދުތައް ބެލެހެއްޓޭ ވަރަށްވުރެ އެ ޖަމާއަތުގެ މާލާި ހާލަތު ދަށްކަމަށްވެ އެވެ.

ބްރިޓީޝް އޮލިމްޕިކް ކޮމިޓީގެ ޗީފް ބީބީސީގައި ވާހަކަ ދައްކަމުން ބުނީ ފައިސާ ނެތްނަމަވެސް މުބާރާތުގެ ހުރިހާ ކުޅިވަރެއްގައި ވެސް އެތްލީޓުން ވާދަ ކުރާނެ ކަމަށެވެ.

މި ޓީމަށް ހަރަދު ކުރަން ސަރުކާރުން ފައިސާ ނަގާފައިނުވާއިރު ފައިސާ ހޯދަން ނިންމާފައިވަނީ ފަންޑް ރައިޒް ކޮށްގެންނާއި ސްޕޮންސާޝިޕުންނެވެ. އަދި މުޅި ޓީމުގެ ހަރަދު ހަތް މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.