ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ ލެވެލް އެކެއްގެ ފަސް ހޮސްޕިޓަލަކަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ހަދިޔާކޮށްފި އެވެ.

އެތަކެތި ހަދިޔާ ކުރުމަށް މިރޭ ސްޓެލްކޯ ކޮންފަރެންސް ރޫމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަކެތި ހޮސްޕިޓަލުތަކާއި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ވޯލްޑް ބޭންކުން ކޮމްޕިއުޓަރާއި ޕްރިންޓަރު ހަދިޔާކުރި ފަސް ހޮސްޕިޓަލުގެ ތެރޭގައި ހިމެނެނީ:

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

  • ގަމު ރީޖަނަލް ހޮސްޕިޓަލް
  • ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ވޯލްޑް ބޭންކުން ލެވެލް އެކެއްގެ ހޮސްޕިޓަލަށް ވެދެއްވި އެހީއަކީ ވަރަށް ފައިދާ ކުރުވަނިވި އެހީއަކަށް ވާނެ ކަމަށާއި އެގޮތުން ރެކޯޑުތަށް ރަގަޅަށް ބެލެއްހެއްޓުމަށްވެސް ވަރަށް ރަގަޅު އެހީއަކަށް ވެގެން ދާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ ލެވެލް އެކެއްގެ ފަސް ހޮސްޕިޓަލަކަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ހަދިޔާ ކުރުމަށް މިރޭ ސްޓެލްކޯ ކޮންފަރެންސް ރޫމުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައި ހެލްތު މިނިސްޓަރު ވާހަކަފުޅުދައްކަވަނީ-- ސަންފޮޓޯ -- ޔޫސުފް ސޮފްވާން

އަދި އެފަދަ އެހީތަށް ވޯލްޑް ބޭންކް ނޫން އެހެން ފަރާތްތަކުންވެސް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ އަދުގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މުޖްތަބާ ޖަލީލް ވާހަކަދައްކަވަނީ -- ސަންފޮޓޯ -- ޔޫސުފް ސޮފްވާން

އަދި އަމާޒަކީ އަދުގެ ރައީސް ޔާމީން ސިއްހީ ދާއިރާކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތާއި އެއްވަރަށް މަސައްކަތްކޮށް، ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަށް އެންމެ ފުރިހަމައަށް ތަންފީޒު ކުރުން ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

" އެކަން އަޅުގަނޑުމެން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އަރުވަން،" މުޖުތަބާ ވިދާޅުވި އެވެ.