ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުން އަތޮޅުތެރޭ ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނެސްދޭ ކާގޯގެ އަގު 50 ޕަސެންޓާއި 60 ޕަސެންޓާއި ހަމައަށް އަގު ހެޔޮކޮށްފި އެވެ.

އަލަށްގެނައި ބަދަލުތަކުގެ ތަފްސީލް ސަން އަށް ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ "ހެޑް އޮފް ކާގޯ" އަހުމަދު ސަލީމް ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކާއި ލ. ކައްދޫ އެއާޕޯޓް އިން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ކާގޯގެ ތެރެއިން 45 ކިލޯ އިން މަތިވާ ނަމަ 60 ޕަސެންޓް އަގުހެޔޮކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މީގެ ކުރިން އެމަންޒިލްތަކުން ކިލޯއަކަށް 10 ރުފިޔާ ނެގިއިރު މިހާރު ނަގަނީ ހަތަރު ރުފިޔާ އަށެވެ.

އޭނާ ވިދާޅުވީ އެތިން މަންޒިލް ފިޔަވާ ދެން ހުރި މަންޒިލްތަކުން ކާގޯ ރޭޓް 45 ކިލޯއިން މަތިވާ ކޮންމެ ކިލޯއަކުން 50 ޕަސެންޓަށް އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް ނާލުގެ ރޭޓާއި އެއްވަރު، ދޯންޏަކުން މާލެގެނައުމަށް ނާލުގެ ރޭޓަށް އަންނަ ވަރަށް އެހެރީ ގާތްގަނޑަކަށް ދެވިފައި." ސަލީމް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މަގުސަދަކީ އަތޮޅުތެރޭ ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވީހާވެސް ތާޒާކޮށް މާލެ ގެނައުމަށް އެހީތެރިވުން ކަމަށް ސަލީމް ވިދާޅުވި އެވެ.

ގައުމީ އެއާލައިންގެ މޯލްޑިވިއަން އިން ގެންދަނީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ.