25 Jun 2015, 22:41
އައިސްކޮށްފައި ހުންނަތާ 40 އަހަރުވީ 100،000 ޓަނުގެ މަސް ޗައިނާ ސަރުކާރުން ހިފަހައްޓައިފި އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން ޗައިނާގެ ސަރުކާރުން ހިފެހެއްޓި ގިނަ އަދަދެއްގެ މަހުގެ އަގަށް 300 މިލިއަން ޕައުންޑް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
"އޭގެން ދުވަނީ ވަރަށް ނުބައި ވަސް، ދޮރުހުޅުވާލީމާ ކެއްވެސް ނުވާވަރަށް،" ޗައިނާގެ ހުނާން ޕްރޮވިންސްގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނިއުސްގައި ބުނެފައިވެ އެވެ. ހަމައެކަނި ހުނާން ޕްރޮވިންސުން ވެސް 800 ޓަނު މަސް ވަނީ ވިއްކުން މަނާކޮށްފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރަކީ ޗައިނާގައި މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލަ އެވެ.
ދައުލަތުގެ ނިއުސްޕޭޕާއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ހުނާން ޕްރޮވިންސުން ފެނުނު ބައެއް މަސްތައް ގައުމަށް އެތެރެކުރި ތާރީހަކީ 1970 ވަނަ އަހަރު ކަމަށެވެ.
ޗައިނާގައި ވިއްކުން މަނާ ކުރި މަސްތަކުގެ ތެރޭގައި ގެރިމަހާއި ކުކުޅު ފައި އަދި އަސްދޫނިމަސް ހިމެނޭ އިރު، މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން އެ މަސްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުމުގެ ކުރިން އެތައް ފަހަރަކު ވަނީ އައިސްފިލާ އަލުން އައިސްކޮށްފަ އެވެ.
ހުނާން ޕްރޮވިންސަށް މުދާ އެތެރެކުރާ އޮފިޝަލެއް ކަމަށްވާ ޔޭންގް ބޯ އާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ހަރަދުކުޑަކުރުމުގެ ގޮތުން އޭގެ ތެއިން ބައެއް މަސްތައް ގައުމަށް އެތެރެކުރީ ރެފްރިޖިރޭޓާ ހުންނަ ވެހިކަލަތަކުގައި ނޫން ކަމަށާއި ފިނި ކެނޑުމުން އަލުން ގަނޑުކޮށްފައި ވާނެ ކަމަށެވެ.
ގިނަދުވަސްވީ މަސަތަކެއް ޗައިނާ ސަރުކާރުން ހިފަހައްޓާފައިވާ އިރު ހަމަ އެދުވަހު ޗައިނާގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސުގައި ކިރު އުފައްދާ ތިން މީހަކަށް ކިރު އުފައްދާ ފޯމިއުލާ އަލުން ބަދަލުކުރުމަށް އަންގާފަ އެވެ.