25 Jun 2015, 22:21
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް މެމްބަރުންގެ ސޮއި ހޯދަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ މަޖިލިސް މެމްބަރަކު މިރޭ ސަން އަށް ވިދާޅުވީ ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް 29 މަޖިލިސް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޕީޕީއެމްގައި އެކަނި ވެސް 44 މަޖިލިސް މެމްބަރުން ތިއްބަވަ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ހުށައެޅުމުން މަޖިލީހުން އެ މައްސަލަ ބެލުމަށް ވަގުތީ ކޮމެޓީއެއް އެކުލަވާލާން ޖެހެ އެވެ. ވަގުތީ ކޮމެޓިއެއް އެކުލަވާލައި އެކޮމެޓީ އިން ނައިބު ރައީސް މަގާމުން ވަކިކުރަން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުން ނާއިބު ރައީސް މަގާމުން ވަކިކުރެވިދާނެ އެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދަކީ 85 އެވެ. ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތަކީ 57 މެމްބަރުންނެވެ.
ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް މަސައްކަތް ކުރާ އިރު ނައިބް ރައީސް ކަން ކުރެވޭ އުމުރު 30 އަހަރަށް ދަށް ކުރުމަށް ދާދި ފަހަކުން މިވަނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންފާސްކޮށްފަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ގޮތް:
- ޕީޕީއެމް: 44 މެމްބަރުން
- އެމްޑީޕީ: 21 މެމްބަރުން
- ޖޭޕީ: 11 މެމްބަރުން
- އެމްޑީއޭ: 5 މެމްބަރުން
- އަދާލަތު: 1 މެމްބަރުން
- މިނިވަން: 3 މެމްބަރުން (މެމްބަރު ރީކޯ މޫސާ މަނިކު/ މެމްބަރު އަހުމަދު މަހުލޫފު/ މެމްބަރު ހުސައިން އަރީފް)