މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް އަބްދުﷲ ސުޖާއު ހިންގަވަނީ އަމިއްލަ އެޖެންޑާއެއް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުއުމިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މުއުމިނާ މިރޭ ސަން އަށް ވިދާޅުވީ ކޮމިޝަންގެ ރައީސް ސްޓޭޓްމަންޓުތައް ނެރުއްވަނީ މެމްބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

"އަމިއްލަފުޅަށް ޑިޒިޝަންތައް ނަންގަވަނީ ކޮމިޝަންގެ މެމްބަރުންނާ ޑިސްކަސްކަސް ކުރެއްވުމެއް ނެތި. ބްރޯޑްކާސްޓަރުންގެ ހައްގުގަ ބުނަންން ޖެހޭ އެއްޗިހި އެބޭފުޅާގެ [ޝަހީބު] އަމިއްލަ ޚިޔާލުގައި ބުނަމުންގެން ދަނީ. އެހެންވީމާ މިހާރު އެހިންގަނީ ކޮމިޝަނެއް ނޫން. އެ ހިންގަނީ އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް،" މުއުމިނާ ވިދާޅުވި އެވެ.

އަދި އޭނާ ވަނީ އޭނާގެ ޓުވީޓާ އެކައުންޓްގައި ވެސް އެ ކޮމިޝަންގެ އިންޓަގްރިޓީއާ މެދު ސުވާލުއުފައްދަވައިފަ އެވެ.

މޫމިނާ ވިދާޅުވީ ކޮމިޝަންގެ ތެރެއިން ފެންނަމުންދާ އެކި އެކި ކަންތައްތަކުގެ ސަބަބުން ކޮމިޝަންގެ ރައީސް ޝަހީބާއި ނައިބު ރައީސް ސުޖާއުގެ އިންޓެގްރިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ބްރޯޑްކާސްޓަރުންނަށް ހުރި ގޮންޖެހުންތަކާއި އެނޫންވެސް އެހެން ކަންކަންތައްތަކާ މެދު މެމްބަރުންގެ މެދުގައި ވާހަކަދެކެވި މަޝްވަރާ ކުރެވޭ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއްގެ އަލިމަގެއް ނުފެންނަ ކަމަށް މުއުމިނާ ވިދާޅުވި އެވެ.

"ކޮމިޝަންގެ ރައީސަށް މިހާރު ނޭނގޭ އިނގޭތޯ ކޮމިޝަންގެ މީޓިންގްތައް ކުރިއަށްގެންދާކަށް ވެސް. އެބޭފުޅާ ބޭނުންގޮތަކަށް މީޓިންގްތައް ކުރިއަށްގެންދަނީ. ރިޔާސަތުން ކޮމިޝަންގެ މީޓިންގްތަކުގެ ރެކޯޑިންގްތައް ނެރެގެން ގެންގޮސްގެން އިއްވަނީ،" މުއުމިނާ ވިދާޅުވި އެވެ.

މޫމިނާގެ ކޮމެންޓާ ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާ ފޯނުން ގުޅުމުން ވިދާޅުވީ އެއްވެސް ކޮންމެންޓެއް ދެއްވަން ބޭނުން ނޫން ކަމަށެވެ.