ކޮންމެ ދުވަހަކުވެސް އިރުއަރައި އޮއްސެނީ އެކި މީހުންގެ ޙަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. އެއް ބައެއްގެ ހިތް އުފަލުން ފޮޅިގެންދާއިރު އަނެއް ބައެއްގެ ލޯތައް ކަރުނައިން ފުރާލަމުންނެވެ. ސ.ހިތަދޫގެ ހިޔާލީވާދީއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އިރުއިރު ކޮޅުން އެ ހަމަހިމޭންކަން ފޫދުއްވާލަނީ ރުއިމާއި ގިސްލުމުގެ އަޑުންނެވެ. އެނދެއްގެ މަތީގައި ކަފުން ކޮށްފައިވާ މީހެއް ބާއްވާފައި އޮތެވެ. ފަހަރަކު މީހެއް އެންމެ ފަހުފަހަރަށް އެމީހާގެ މޫނު ދެކިލުމަށް އަންނަމުން ދެއެވެ. ފަރީދުގެ ދެމަފިރިންގެ ލޮލުގައި ރަސްކަންކުރަމުންދަނީ ކަރުނައެވެ. ދެބައިއުމުރަށް އަޅާފައިވާ އެދެމީހުންގެ ހިތުގައިވެސް ބަޔާންކުރަންދަތި ރިހުމެއް އެކުލެވިފައިވެއެވެ. އެދެމީހުންގެ ދޮށީ ފިރިހެން ދަރިފުޅު މާހިލް އެމީހުންނާ އަދި މިދުނިޔެއާ ތާއަބަދަށް އަލްވަދާއު ކިޔުމުގެ ހިތާމައިން އެ ދެހިތް ވަނީ ކުދިކުދި ކޮށްލާފައެވެ.

ފަރީދުގެ ދެމަފިރިންގެ ލޮލަށް ސިފަވަމުން ދަނީ މާހިލްގެ ކައިރީގައި އޮތް ވަޅިއެވެ. މާހިލްގެ ލެއިން ކޯރު ހެދިފައިވާ ތަޅުންގަނޑެވެ. ސިކުނޑީގައި ގުގުމަމުން ދަނީ ފުލުހުން ބުނުއްވި ބަހެވެ.

"މާހިލް އެއޮތީ އަނިޔާވެރިކަމާއެކު މަރާލައިފައިކަމަށް ބެލެވޭ އެތައް ހެކިތަކެއް ފެންނަން އެބަހުރި. ތިޔަބޭފުޅުންނަށް އެއްވެސް މީހަކަށް ޝައްކު ކުރެވޭތަ؟" އެކަމާ ވިސްނި ވިސްނިހެން ހިތުތެރޭގައި ހައިޖާނުގަނޑެއް އުފެދުން ނޫން ކަމެއް ނުވެއެވެ. އެމީހުންނަށް މާހިލްއާ އެއްވެސް މީހަކާ ދެމެދު ހިތްހަމަނުޖެހުމެއް ހިނގާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

"ފަރީޝާ! އެމަންޖެ ކޮބައިތަ؟" ފަރީދުގެ އަޑުވަނީ ކުރެކިވެފައެވެ. "އެމަންޖެ ހުރީ ވަރަށް ބިރުން. ވަރަށް ދެރަވެސް ވެފައި. އެއީ ހުރި ހަމައެކަނި ބޭބެ. އަންނާނަން ގޮވައިގެން." މިހެން ބުނެފައި ފަރީޝާ ހިނގައިގަތީ ހަގުދަރިފުޅު މިޝާގެ ކޮޓަރިއާ ދިމާއަށެވެ.

"ދަރިފުޅާ މިޝާ! މިޝާ!" ތަޅުލައިފައި ހުރުމުން ޓަކިޖަހާލުމަށްފަހު ފަރީޝާ ގޮވައިލިއެވެ. ދެތިން މިނެޓުފަހުން މިޝާ ދޮރު ހުޅުވައިލިއެވެ. ފަރީޝާ މިޝާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. ކަޅުކަންގަދަ ބޮޑު ދެލޯ ވަނީ ވަޅުވަދެފައެވެ. ތުންފަތްވަނީ ހިކިފައެވެ. އެދެލޮލުގައި ރިހުމެއް އެކުލެވިފައިވެއެވެ. ނަމަވެސް އެދެލޮލުން ކަރުނައިގެ ތިއްކެއްގެ މިންވަރުވިޔަސް ފެންނާކަށް ނެތެވެ.

"ދަރިފުޅާ! ދޮންބެގެ މޫނު ދެކިލަންވެސް ނުދާނަންތަ؟'' މިޝާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ބުންޏެވެ. ޗާބީ ދީފައިވާ ބުދެއްހެން ފަރީޝާގެ ފަހަތުން މިޝާ ހިނގައިގަތެވެ.

ސިޓިންރޫމަށް ދެވުމާއެކު މިޝާއަށް މާހިލްގެ ފުރާނަނެތް މަސްގަނޑު ފެނުނެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޭގެ މަގާމުން ބޭރުވެ މިޝާގެ ކޯތާފަތް ތެންމާލިއެވެ. އަދި މަޑުމަޑު އާހަކާއެކު ބޭއިޚްތިޔާރުގައި ދޫ ޙަރަކާތް ކުރިއެވެ. "އައި ހޭޓް ޔޫ. އައި ޖަސްޓް ހޭޓް ޔޫ މާހިލް"

މާހިލް ވަޅުލެވުނުއިރު އިރުއޮއްސެނީއެވެ. ފަރީދުމެންގެ އެކުޑަ ކުޑަ ޢާއިލާއަށް މިއައި ފަޅުކަން އެންމެންގެ ހިތްތައް ހިތާމައިން ފޯކޮށްފިއެވެ. ކެއުމެއް، ބުއިމެއް ނެތި މިހެންތިއްބާ ރޭގަނޑުގެ 11 ޖަހާ ބޮޑުވެއްޖެއެވެ. މިޝާ އޮތީ ކޮޓަރީގައެވެ. އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން ފުން ޚިޔާލެއްގެ ތެރެއަށް ޣަރަގުވެފައެވެ. އިރުކޮޅެން ފަހުން ތެދުވެ ފޮތެއްހިފައިގެން މޭޒު ކައިރީ އިށީނދެލިއެވެ.

25 ފެބްރުވަރީ 2015 ޖަހައިލުމަށްފަހު ލިޔަންފެށިއެވެ. "މިއަދަކީ އަހަރެން އުފާކުރަންވީ ދުވަހެވެ. ނަމަވެސް އަހަރެންގެ ދެލޯ ފުރި ބަންޑުން ވަނީ ކަރުނައިންނެވެ." އަނެއްކާވެސް މިޝާ އޮށޯވެލިއެވެ. އޭނާއަށް ނިދުނީ ކޮން އިރުކަމެއް ނޭނގެއެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ހިޔާލީވާދީގެ ސިޓިންރޫމްގައި ތިބި ފަރީދާއި ފަރިޝާ އިންތިޒާރުކުރަމުން ދިޔައީ ފުލުހުން އަންނާނޭ އިރަކަށެވެ. އެމީހުންގެ ދަރިފުޅުގެ ޤާތިލަކީ ކާކުކުތޯ ބަލަން ބޭނުމެވެ. އެމީހަކަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ. މާގިނައިރުތަކެއް ނުވެ އިންތިޒާރުގެ ނިމުން އަތުވެއްޖެއެވެ. އިވުނީ ބަޔަކު ސަލާމް ގޮވައިލި އަޑެވެ. އޭރު ދޮރުމަތީގައި އަންހެންފުލުހަކާއި ފިރިހެންފުލުހަކު ހުއްޓެވެ. ފަރީދު ސަލާމް ބަލައިގަތުމަށްފަހު އަދަބުވެރިކަމާއެކު އެތެރެއަށް ވަނުމަށް އެދުނެވެ.

"މިގޭގައި ދިރިއުޅެނީ ތިދެމަފިރިން އެކަނިތަ؟" ފިރިހެން ފުލުސް މީހާ އެހިއެވެ. "ނޫން. އަދި ހުންނާނެ އަޅުގަނޑުމެންގެ އަންހެން ދަރިފުޅު މިޝާ. ފަރީޝާ! އެމަންޖެ ގޮވައިގެން އަންނަން ދޭބަލަ." ފަރީދުގެ ބަރު އަޑު އިވިގެން ދިޔައެވެ.

ކުޑައިރުކޮޅަކުން ފަރީޝާއާއި މިޝާ އެތަނަށް އަތުވެއްޖެއެވެ. ކުރިން ވާހަކަދެއްކި ފުލުސް މީހާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. "އަޅުގަނޑުމެންނަށް މާހިލް މަރައިލިއިރު އޮތް ކޮޓަރިން ބައެއް ތަކެތި ވަނީ ފެނިފައި. އެތަކެތީގެ ވެރިފަރާތަކީ ކާކުކަން ދެނެގަނެވިއްޖެނަމަ ޤާތިލް ހޯދުމަށް ފަސޭހަވެގެން ދާނެ." "ތިޔަ ވިދާޅުވާ ތަކެތި އަޅުގަނޑުމެންނަށް ދައްކަންވީނުންތޯ؟" ފަރީޝާ އަވަސްއަވަހަށް އެހެން ބުނުމުން ފުލުސަމީހާ ނެގީ ކެވެލިކޮޅެކެވެ.

"މިއީ ކާކުގެ އެތިކޮޅެއްކަން އެނގިވަޑައިގަންނަވާތޯ؟" ފުލުސްމީހާގެ މިސުވާލުން ފަރީޝާގެ ލޯ އަމާޒުވީ މިޝާގެ އަތަށެވެ. އެއީ މީގެ 2 އަހަރު ކުރިން ފަރީޝާ، މިޝާގެ ދެއަތުގައި އަޅުވަދިން ދެއެތިކޮޅެވެ. މިޝާގެ އަތަށް ފަރީޝާ ރަނގަޅަށް ބަލައިލިއިރު ކަނާތުގައި ކެވެލި ކޮޅު އޮތްއިރު ވާތުގައެއްނެތެވެ.

"މިޝާ!" ފަރީޝާ ސުވާލުން ފުރިގެންވާ ނަޒަރަކުން މިޝާއާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް މިޝާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އަންހެންފުލުސް މިޝާގެ ގާތަށް ޖެހިލުމަށްފަހު ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައެވެ. "މިއީ މިޝާގެ ކެވެލިކޮޅެއްތަ؟" ޖަވާބު ނުލިބުމުން އަނެއްކާވެސް އެސުވާލު ތަކުރާރު ކުރިއެވެ. "މިއީ މިޝާގެ ކެވެލިކޮޅެއްތަ؟" މިފަހަރު ޖަވާބުގައި މިޝާ ބޯޖަހައިލިއެވެ. އަނެއްކާވެސް އެހެން ސުވާލެކެވެ. "އެކެވެލިކޮޅު އެކޮޓަރީގައި އެއޮތީ ކީއްވެގެންކަން ބުނެދެވިދާނެތަ؟" މިޝާގެ ހަމަހިމޭންކަމުން ފުލުސްމީހާއަށް މިޝާއާމެދު ޝައްކުވިއެވެ. "ދަރިފުޅާ! އެމީހުން ކުރާ ސުވާލުތަކަށް ޖަވާބުދީބަލަ" ފަރީދު މިޝާ ގާތު ލޯބިން ބުނެލިއެވެ.

މިޝާގެ އަތްފައި ތުރުތުރުއަޅަމުންދެއެވެ. އިރުއިރުކޮޅުން ތުންފަތުގައި ދަތް އަޅައިލެވެނީ ކަރުނަތައް ހިންދާލުމުގެ ބޭނުމުގައެވެ. އަންހެންފުލުސްމީހާ ކުރިއަށްވުރެ ބާރަށް ހަރުކަށިކަމާއެކު އެހިއެވެ. "މިޝާތަ މާހިލް މަރާލީ؟" "ޚަބަރުދާރު! ތިފަދަ ފާޑުފާޑުގެ ސުވާލު އެދަރިފުޅާ ކޮށްގެންނުވާނެ." ފަރީދު އެހެންބުނެ މިޝާ ޙިމާޔަތްކޮށްލީ އޭނާގެ ދަރިފުޅާ ދިމާއަށް ގާތިލެކޭބުނާ އަޑުއަހަން ކެތްނުވީމައެވެ.

"ނޫން ބައްޕާ.. އެސުވާލުތަކަށް މިއަދު ނޫނީ މާދަމާ ޖަވާބު ދޭން ޖެހޭނެކަން އަހަރެންނަށް އެނގޭ... އާނ... އޭނަ... މަރާލީ އަހަރެން... އާނ.. އޭނަ... މަރުވީ.. އަހަރެންގެ އަތުން..." މިޝާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ.

"ނޫން.. ނޫން.." ފަރީދަށާއި ފަރީޝާއަށް އެއްފަހަރާ ބުނެވުނެވެ.

ކުޑަ ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު މިޝާއަށް ކުރިމަތިލާން ޖެހުނީ ފަރީޝާގެ ސުވާލުތަކާއެވެ. "ކީއްވެ؟ މިޝާ،ކީއްވެ؟ އެއީ މިޝާގެ ދޮންބެއެއް ނޫންތަ؟ އަހަރެން ހީކުރި ތިޔައީ ކިޔަމަންތެރި، ދަރިއެއްކަމަށް. އެކަމަކު މިޝާ ތިވީ ޤާތިލަކަށް. އެއީވެސް އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެގެ" މިޝާގެ ކޮނޑުގައި ހިފައި ތަޅުވާލުމަށްފަހު ފަރީޝާ ވާހަކަދެއްކިއެވެ.

"އާނ.. އަހަރެން ލަދެއް ނުގަނޭ.. އޭނާ އަހަރެން މިއީ އޭނަގެ ކޮއްކޮއެއް ކަމަށް ދުށްނަމަ އަހަރެންނަކަށް އެހެންނެއް ނުހަދާނެ. އޭނާ ކޮންމެ ދުވަހަކު އެތައްފަހަރަކު އެތައްގޮތަކަށް އަހަރެން މަރަމުން ދިޔަ." މިޝާގެ އަޑު ތުރުތުރު އަޅަމުން އައިނަމަވެސް ވާހަކަދެއްކުނީ ބާރަށެވެ.

މިޝާގެ އަނގައިން ނުކުތް ކޮންމެ ލަފްޒެއްވީ ފަރީދުގެ ދެމަފިރިންގެ ހިތަށް ހެރެމުންދިޔަ ތޫނު ކަށިތަކަކަށެވެ. ނޭނގޭ އެތައްކަމެއް އެގޭތެރޭގައި ހިނގާފައިވާކަމަށް އެމީހުންނަށް އިޙްސާސްވަމުންދިޔައެވެ. ހިތުގައި ސުވާލުތައް ފުނި ޖެހުނެވެ. ނަމަވެސް އެއިން އެންމެ ސުވާލަކަށްވެސް ޖަވާބުނުލިބި އުޅެނިކޮށް ފުލުހުން މިޝާ ހައްޔަރުކޮށްގެން ގެންދިޔައެވެ. މައްސަލަ ތަހުގީގުކުރާށެވެ.

އެދުވަހުގެ އިރުވެސް އޮއްސިގެންދިޔައީ ފަރީދުގެ ޢާއިލާ މާޔޫސްކުރުވާފައެވެ. ފުލުހުން މިޝާއާ ސުވާލުކުރުން މެދުކަނޑާލީ މިޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. އެދުވަހު މިޝާ ބެހެއްޓީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަންހެން ފުލުހެއްކަމަށްވާ ޝަކީލާ މިޝާގެ ހަރަކާތަތަކަށް ވަރަށް ރަނގަޅަށް ބަލަމުންދިޔައެވެ. މިޝާގެ މިލާފައިވާ މޫނުގައިވާ ހިތްދަތިކަން އޭނާ ވަރަށް ރަނގަޅަށް ދެނެގަތެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވިފައިވި ސިއްރެއް ނުވިސްނެއެވެ. މިޝާ ހަމައަކަށް އެޅުމުން އެސިއްރު ދެނެގަތުމަށް ޝަކީލާ އަޒުމުކަނޑައެޅިއެވެ. މިޝާ ރޭގަނޑު އެއްކޮށް ހޭދަކޮށްލީ މޭޒުމަތީގައި ބޯ ޖަހައިލައިގެން އޮވެއެވެ. އެހެން އޮއްވާ އިރުގެ ދޯދިތައް މިޝާގެ ދޮން މައުސޫމް މޫނަށް އެޅމުން އިސްއުފުލައި ބަލައިލިއެވެ. އޭރު ޝަކީލާ އެރޫމްގައި ހުރި ދޮރުފަތިތައް ދަމަނީއެވެ.

"ގުޑް މޯރނިންގް މިޝާ!" މިޝާއަށް ހިނިތުންވަމުން މިޝާގެ ކައިރީގައި ހުރި ގޮނޑީގައި ޝަކީލާ އިށީނދެލިއެވެ. މިޝާ އިނީ އިސްޖަހައިލައިގެންނެވެ.

"ރޭގައި ނުނިދަން ދޯ މިޝް އެއް." ޝަކީލާ މިޝާއަށް މިޝްގެ ނަމުން މުޚާތަބުކުރުމުން ހައިރާންކަމެއް ލިބުނެވެ. މިޝާ ބޯ ޖަހައިލިއެވެ. "ކެން ވީ ބީ ފްރެންޑްސް؟" ޝަކީލާ އޭނާގެ އަތް މިޝާއަށް ސަލާމްކޮށްލަން ދިއްކޮށްލިއެވެ. މިޝާ ޝަކީލާގެ އަތަށް ބަލައިލުމަށްފަހު އިސް ޖަހައިލިއެވެ.

"މިޝް! އަހަރެންނަށް އެނގޭ ކޮންމެވެސް ކަންތައްތަކެއް އެބަ ފޮރުވާކަން. ބޭނުން މިޝްގެ ދުލުން ހަގީގަތް ކިޔައިދޭ އަޑުއަހަން. މިޝް! ކިޔާދޭނަން ދޯ. ދޮންބެ މަރާލީ ކީއްވެކަން؟" ޝަކީލާ މިޝާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ބުންޏެވެ.

މިޝާވެސް އެވަގުތު އެފަދަ އޯގާތެރިކަމަކަށް ފެންބޮވައިގެންފައިވާތީ ޝަކީލާގެ އަތް މިޝާގެ މޫނުގައި ޖައްސާ ބާރުކޮށްލައި ރޯންފަށަމުން ބުންޏެވެ.

"އަހަރެން ޑައިރީގައި ހުންނާނެ ހުރިހައި ވާހަކައެއް. ޖީބުގައި އެ އަބަދުވެސް އޮންނާނެ." ޝަކީލާ މިޝާއަށް ފެންތަށްޓެއްދީ ހަމައަކަށް އެޅުވުމަށް މަސައްކަތްކުރިއެވެ. މިޝާ ޖީބުން ކުޑަކުޑަ ޚަތިމެއް ވަރުގެ ޑައިރީނަގައި ދިއްކޮށްލިއެވެ. އެވާހަކަތަކަކީ ދުލުން ބަޔާން ކޮށްދެވޭވަރުގެ ވާހަކަތަކެއް ނޫނެވެ. އެއަށްވުރެ ހިތްދަތި ވާހަކަތަކެކެވެ. ޝަކީލާ ޑައިރީ ކިޔަން ފެށިއެވެ.

"އެއީ މީގެ 3 އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ގެންދިޔައީ ގުރޭޑު 9ގައެވެ. އަހަރެންގެ ޢާއިލާއަކީ ތަނަވަސް ޢާއިލާއެއް ނަމަވެސް ކިޔެވުމަށް ބުރޫއަރާނެތީއޭ ކިޔާ ފޯނެއްވެސް ނުދެއެވެ. އަހަރެން އެކަމާ ވަރަށް ގިނައިން ޝަކުވާކުރަމެވެ. ހުރިހާ ރަޙްމަތްތެރިންގެ އަތުގައި ޒަމާނީފޯނު ހުންނައިރު އަހަރެންގެ އަތުގައި ނޯންނާތީއެވެ. އޭރު ދޮންބެ އުޅެނީ ކިޔަވާ ނިންމައިގެން ވަޒީފާއެއްގައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ބޭރު ޖޯލިފަތީގައެވެ. އެތަނަށް ދޮންބެ އައިސް ޕާރުސަލްކޮށްފައި އޮތް ހަދިޔާއެއް ދިނެވެ. އަވަސްއަވަހަށް ޕާރުސަލްކަނޑާލައި ހުޅުވައިލިއިރު އޮތީ ފޯނެކެވެ. "އަޅެ ދޮންބެ ހާދަރަނގަޅޭ.. ތެންކިޔޫ ބޮޑުކޮށް" އަހަރެންނަށް އެހެންބުނެވުނީ މާބޮޑަށް އުފާވުމުންނެވެ.

ދޮންބެ ފޯނު ހަދިޔާކުރީ ސިމްއާވެސް އެކުގައެވެ. އެދުވަހު އަހަރެމެން ފޯނާ ކުޅެން އެތައްއިރެއް ވަންދެން ތިބީމެވެ. "މިޝާ ހާދަ އައުޓްޑޭޓެޑްއޭ ދޯ. ތިޔައުމުރުގެ ހުރިހައި މިހާރު ފޭސްބުކް ބޭނުންނުކުރޭ" ދޮންބެ ދައްކަންފެށީ ސޯޝަލް މީޑިޔާތަކުގެ ވާހަކައެވެ. ދޮންބެ އަހަރެންނަށް ފޭސް ބުކް އެކައުންޓެއް ހައްދައިދިނެވެ. ހުރިހައި ފްރެންޑް އެޑްކޮށްދިނެވެ. އެވަގުތު ދޮންބެ ހާދަ ރަނގަޅޭ ހިތަށް އެރިއެވެ. ނަމަވެސް އެހުރިހައި ކަމެއްގެ ފަހަތުގައިވަނީ ކިހާވަރެއްގެ ބޮޑު ރޭވުމެއްކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟

އެދުވަހުގެ ރޭގަނޑުގެ ވަގުތު އަހަރެން ފޭސްބުކަށް ވަދެލީމެވެ. ޝާހް މުޙައްމަދުގެ ނަމުގައި ފްރެންޑް ރިކުއެސްޓެއް ފޮނުވައިފައި އޮތެވެ. އެދުވަހު އަހަރެން އެފްރެންޑް ރިކްއެސްޓު އެކްސެޕްޓްކުރެވުމަކީ މުޅި ހަޔާތުގައިވެސް ކުރެވުނު އެންމެ ބޮޑު ކުށެވެ. ޝާހް "ހައި" އޭ ޖަހައިލުމުން ޖަވާބުގައި އަހަރެންވެސް ހައި ޖަހާލީމެވެ. ނުދަންނަ މީހަކާ އެގޮތަށް ވާހަކަދެއްކުމަކީ އަހަރެން ޢާއްމުކޮށް ކޮށްއުޅޭ ކަމަކަށް ނުވިޔަސް އެދުވަހުގެ ކޮންވަރޒޭޝަން ހެނދުނު 6 ޖަހަންދެން ދެމިގެން ދިޔައެވެ. ތަފާތު އެތަކެއް ގިނަ ވާހަކަތައް ދައްކަމުންނެވެ. އަހަރެންގެ ޙަޔާތުގެ ވާހަކަތައް ޝާހްއަށް ހިއްސާކުރެވެން ފެށީ ޝާހްގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރަން ފެށުމުންނެވެ. ހިތަށް އެރިއެވެ. ޝާހް އަހަރެންނަށް ވަރަށް އިތުބާރުކުރެއެވެ. އެދުވަހު ސްކޫލަށް ދިޔައީ ނުވެސް ނިދައެވެ.

އެރޭގެ ފަހުން ކޮންމެ ރެއަކު ޝާހްއާ ވާހަކަދައްކަން އެތައް ވަގުތެއް ހުސްކުރީމެވެ. ފޭސްބުކްގެ ޒަރިއްޔާއިންނެވެ. ދުވަހަކުވެސް ނުފެންނަ މީހަކަށް އެގޮތަށް އިތުބާރުކުރެވެނީ ކީއްވެގެން ބާއޭ އޭރުވެސް ހިތަށް އަރައެވެ. ޝާހްއާ ވާހަކަދައްކަން އަބަދު ބޭނުންވަނީ ކީއްވެބާއޭ ހިތަށް އަރައެވެ. އެސުވާލުގެ ޖަވާބު އަމިއްލަ ނަފުސާކޮށްގެން ހޯދީމެވެ. އެއަށްވުރެ ބޮޑަށް އަހަރެން އަންޑާސްޓޭންޑްވާ ދެވަނަ މީހެއް ނެތީމައެވެ. ކުޑަކޮށްވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ނުވަތަ ދެރަވެފައި ހުއްޓަސް އެކަން އެނގޭތީއެވެ. ކޮންމެ ވިސްނުމަކަށް ސަޕޯޓްކުރާތީއެވެ. ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށްބަދަލުވީ މިސަބަބުތަކާ ހުރެއެވެ.

އަހަރެންނަށް ދުވަހަކުވެސް ޝާހް ނުފެންނާތީ ޝަކުވާކުރުމުން ބުނަނީ، ކޮންމެވެސް ދުވަހަކުންފެންނާނޭ ކަމުގައެވެ. އެއްރެއަކު އަހަރެން ޝާހް ގާތު ބައްދަލުކުރުމަށް އެދުމުން ޝާހް ހުށައެޅީ ޝަރުތެކެވެ. އަހަރެންގެ ބަރަހަނާ ވީޑިއޯއެއް ނަގައި ފޮނުވާ، އޭނާ ދެކެވާލޯބި ސާބިތުކޮށްދޭށެވެ. އެހެންނޫނީ ބައްދަލު ނުކުރާނެ ކަމުގައި ބުނެލިއެވެ. އެއީ އަހަރެންގެ ލޯބިވެރިޔާއެވެ. އޭނާއަށް އިތުބާރުކުރަމެވެ. އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އެލޯބި ސާބިތުކޮށްދިނުމަށް ކަނޑަށް ފުންމާލަން ބުނިނަމަވެސް އެކަންވެސް ކުރީމުހެވެ. އެރޭގެ ކޮންވަރޒޭޝަން ނިމިގެން ދިޔައީ އަހަރެންގެ އެ ވީޑިޢޯއާ ނަންބަރުވެސް ޝާހްއަށް ދީފައެވެ. އަދި އޭގެ ބަދަލުގައި ޝާހް މާދަމާ ބައްދަލުވާނޭ ކަމަށް ވަޢުދުވިއެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. އެދުވަހުގެ ހެނދުނު 6:30 ގައި އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. "އަހަރެން މިހުރީ މީޝްގެ ގޭގައި. ބަގީޗާއާ ދިމާއަށް ނުކުމެބަލަ" ޝާހްގެ މެސެޖެކެވެ.

އަހަރެން އަވަސްއަވަހަށް ބަގީޗާއާ ދިމާއަށް މިސްރާބު ޖެހީމެވެ. ހިތް ބާރަށް ތެޅެމުންދާއިރު ލޯބިވެރިޔާއާ ބައްދަލުކޮށްލެވޭތީ ވެފައި ހުރި އުފާ މޫނުމަތިން ފެންނަމުން ދިޔައެވެ. ޝާހް ހުރީ ފުރަގަސްދީގެންނެވެ. އަހަރެން ޝާހް އޭކިޔާ ގޮވައިލުމުން އޭނާ އެނބުރެލިއެވެ. "ދޮންބެ!" އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. "މިތާ ކީއްތިކުރަނީ؟" ދެންވެސް ވަހަކަދެއްކީ އަހަރެންނެވެ.

"ބަލަ މީޝްއެންނޫންތަ ބުނީ މިއަދު ބައްދަލުކޮށްލަން ވާނެއޭ." ދޮންބެ އަހަރެންގެ ގާތަށް ޖެހިލުމަށް ފަހު ބުންޏެވެ. "މީޝް އެއީ އަހަރެންނާ ޝާހް މުޚާތަބުކުރާނަން. ދޮންބެއަށް ކިހިނެއް.. ކީއްވެ.. އަނެއްކާ.." އަހަރެންގެ ހިތުގައި ސުވާލުތައް ފުނި ޖެހުނެވެ.

އެސުވާލުތައް ދޮންބެ އާ ނުކުރިކަމުގައި ވިޔަސް ދޮންބެ އަހަރެންނަށް ޖަވާބު ދޭން ފެއްޓިއެވެ. "މީޝް ތި ހޯދަނީ ޝާހްއެންނު.. މީއީ ޝާހްއަކީ." އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނީ އެދައްކާވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. ލަދުން އިސްޖަހައިލެވުނީ އަހަރެމެންނަށް ދެކެވުނު ވާހަކަތަކަކީ ކޮއްކޮއަކާއި ބޭބެއެއް ދައްކަން ހެޔޮވާވަރުގެ ވާހަކަތަކެއް ނޫންވީމައެވެ. ކުއްލިއަކަށް އަހަރެންގެ ޚިޔާލަށް އައީ ރޭގައި ފޮނުވުނު ވީޑިއޯއެވެ. އެ ޚިޔާލުގައި ހުއްޓާ ދޮންބެ މަލާމާތުގެ ރާގެއްގައި ތި ވިސްނަނީ މީގެ މަތިން ހޭބުނެ ފޯނުނަގައި ވީޑިޔޯ ޕްލޭ ކޮށްލިއެވެ. އަހަރެންނަށް ލަދުން ލޯ މަރައިލެވުނެވެ. މިކުރެވުނު ކަންތައް އިޙްސާސްވެ ރޮވެން ފެށުނެވެ. މޮޔަ ކަމާމެދު އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ނަމަވެސް ދޮންބެ އެފަދައިން ކަންތައް ކުރި ސަބަބެއް ނުވިސްނުނެވެ.

"މީޝް.. މީޝް ވެސް ބޭނުމެއް ނުވާނެ ކަންނޭނގެ މިއަދު އަހަރެންގެ އަތުގައި މި ވީޑިއޯ ކްލިޕް އޮތްފަދައިން މާދަމާ އެންމެންގެ އަތުގައި އޮންނަން. މަންމައާއި ބައްޕައަށް މި ފެންނަން. މުޅި ރަށަށް ފަޟީޙަތްވެ ބޭޒާރުވާން. ކުރިއަށްދެން އޮތީ މީޝްގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރު. ސްކޫލަށް އެނގިއްޖެއްޔާ ސްކޫލުންވެސް ކަނޑައިލާނެ. އަހަރެން މީތި ލީކް ނުކޮށްލާނެ އޮތީ އެންމެ ގޮތެއް. މިރޭ މަންމަމެން ނިދީމަ އަހަރެންގެ ކޮޓަރިއަށް އަންނަން ވާނެ." ދޮންބެ ކިތަންމެ މަޑުން ވާހަކަދެއްކިނަމަވެސް އެއަޑުގައިވީ ހަރުކަށިކަމެވެ. ދިނީ އިންޒާރުގެ މެސެޖެކެވެ.

އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާވައެވެ. ގޮތްނޭނގޭ މީހަކާ ގުޅުން ބަދަހިކުރުމުގެ ހިތިކަން މާރަނގަޅަށްވެސް އަރުބުޑުގައި ލައިފިއެވެ. ދުވަހަކުވެސް އެރަހަ ނުފިލާނޭފަދަ ގޮތަކަށެވެ. ދޮންބެ ބުނާގޮތަކަށް ކަންތައްކުރަން މަޖުބޫރު ވެއްޖެއެވެ. އަހަރެންގެ ޅަސިކުނޑިއަށް އެހެން ގޮތެއް ނުވިސްނުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެން ދޮންބެގެ ކޮޓަރިއަށް ވަންއިރު ދޮންބެ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. އަހަރެން ފެނުމުން އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. ޖެހިލުންވެގެން ހުރެ ނަމަވެސް ދޮންބެގެ ގާތަށް ދިޔައީމެވެ. ދޮންބެ އަހަރެންނަށް އެންގީ ބަރަހަނާވާށެވެ. ނަމަވެސް އަހަރެން އެކަމަށް އިންކާރުކުރީމެވެ. ދޮންބެ އެނދުން ތެދުވިއެވެ. އަދި އަހަރެން އެނދު މައްޗަށް ވައްޓާލައިފާ ގަދަކަމުން ކަޝްފު ކުރުވިއެވެ. އަދި ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އަހަރެންގެ ގަޔަށް ޖެހިގަތެވެ. އަހަރެން އެހެން ނުހެދުމަށް އެދި ކުރި އާދޭސްތަކަށް ދޮންބެ ދިނީ ބީރު ކަންފަތެކެވެ. އެރޭ ނިމިގެންދިޔައީ އަހަރެންނަށް އެންމެ އަގުބޮޑު ޖަވާހިރު އަހަރެންގެ އަތުން ފޭރެމުންނެވެ. އަހަރެން ދުނިޔެ މަތިން މުޅިން ފޫހި ކޮށްލާފައެވެ. އެރޭގެ ފަހުން ދޮންބެ ބޭނުންވާ ކޮންމެ ރެއެއްގައި އެކަމާ ކުރިމަތިލާން ޖެހެއެވެ.

އަހަރެންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ކިޔެވުން ދުވަހަކު ނުދާ ވަރަށް ދަށަށް ދިޔައެވެ. އެންމެ މާއްދާއަކުންވެސް ފާހެއް ނުވެއެވެ. މިކަމާ މަންމަ އަހަރެންދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް އެވޭނުގައި ކިޔަވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަރުބުޑުން އެއްޗެއް ނުދިރެއެވެ. ނުނިދެއެވެ. ދަށްބަނޑު ކޮޅަށާއި ގައިގެ އެތައްމިތަނުގައި އަބަދު ވޭންއަޅައެވެ. ދުވާލަކު 5 ފަހަރު ފެންވަރައިގެން ނޫނީ ހިތްހަމައެއް ނުޖެހެއެވެ. ތަންމައްޗަށް ހީސްލެވެންވެސް ފެށުނެވެ. އަހަރެން ބަލިކަށިވެ ހިކިވެ އަނަރޫފަވަމުން ދިޔައެވެ. މިކަންތައް އެންމެ ރަނގަޅަށް ފެންނާނީ މަންމަޔަށެވެ. ނަމަވެސް އެއީ އިމްތިޙާނުތަކުން ފެއިލްވުމުން އަހަރެން ހިތާމަކުރާތީ ކަމަށް ނިންމައި ދެން ރަނގަޅަށް ކިޔަވާނީކަމުގައި މަންމަ ވިސްނާދިނެވެ.

މަންމާއެވެ! މަންމަ އަމިއްލައަށް ތިހެން ކަނޑައެޅުމުގެ ކުރިން އަހަރެން ގާތު އެންމެ ފަހަރަކު ނަމަވެސް އަހާނުލީ ކީއްވެހެއްޔެވެ؟ މަންމަގެ މިދަރިފުޅު އުފުލަމުންދާ ވޭންތައް ހަމަ ނުފެންނަކަމަށް ހަދައިގެން ހުންނާނީ ހެއްޔެވެ؟ މަންމާއެވެ! އަހަރެން މިކަމުން ސަލާމަތްކޮށްދޭށެވެ.

އެހާލުގައި ތިން އަހަރު ފާއިތުވެ ހިނގައްޖެއެވެ. އަހަރެން ކިޔެވުމަށް ކުރި ފޮނި އުއްމީދުތައްވެސް ވިއްސިވިހާލި ވެއްޖެއެވެ. އެއްވެސް އިމްތިހާނަކުން ފާސްނުވާތީ ބައްޕަގެ ނަމަށް ހަޑިކުރަނީއޭބުނެ ސުކޫލުންވެސް ކަނޑާލިއެވެ. ނަމަވެސް އެހުރިހައި ކަމެއް އެގޮތަށް ކުރިމަތިވީ ކީއްވެކަން ހޯދަން މަސައްކަތްކުރާނޭ އެކަކުވެސް ނެތީހެއްޔެވެ؟ ބައްޕާއެވެ! އަހަރެން ތި އަތުގެ ހިމާޔަތްތެރިކަން ބޭނުމެވެ. އަހަރެންނަކަށް ދެނެއް ކެތެއް ނުވާނެއެވެ.

އަހަރެންގެ ހިތުގައި ދޮންބެއާމެދު ނަފްރަތުގެ އަލިފާން ރޯވެ ކެކި އުތުރިއަރަމުން ދިޔައެވެ. ދޮންބެގެ ބޭނުންތައް އަހަރެންގެ ކިބައިން ފުއްދުމަށްޓަކައި އަހަރެންގެ މުޅި ޙަޔާތް އެފުއްމިފުށަށް ޖަހައިލިއެވެ.

2015 ފެބްރުއަރީ 24ވަނަ ރެއެވެ. އަހަރެން އޮތީ ދޮންބެގެ ކޮޓަރީގައެވެ. ދޮންބެގެ އަނިޔާވެރި ވަކިތަކުގެ އިޙްސާސް ދިޔައީ އޭގެ އެންމެ މަތީ ދަރަޖައަށް ލިބެމުންނެވެ. އެއްލި ކަޅިއަކުން އަހަރެންނަށް ފެނުނީ ކަބަޑުގެ މަތީގައި ބާއްވާފައި އޮތް ވަޅިއެވެ. ދޮންބެ އަހަރެންނަށް މިހާތަނަން ދިން ހުރިހާ ވޭނަކާއި އަނިޔާއެއް ސިފަވަމުން ދިޔައެވެ. ފާޚާނާއިން ފެންވަރައިގެން ނުކުތުމުން ދޮންބެއަށް ނޭނގި ހުއްޓާ ވަޅިނަގައި ދޮންބެގެ ބަނޑަށް ހަރާލެވުނީ ކަލޭއަށް ދުވަހަކުވެސް މާފުނުކުރާނަމޭ ކިޔައި ހަލޭއްލަވައި ގަންނަމުންނެވެ. އެފަދަ ބާރެއް ލިބުނީ ކޮންތަނަކުން ކަމެއް ނޭނގެއެވެ. ދޮންބެ މަރުވުމުން އަހަރެންގެ ހިތަކަށް އަސަރެއް ނުކުރެއެވެ. އެނާގެ ކިބައިން މިންޖުވުމުން ވީއުފަލެވެ. މިހާރު މިއީ ބަދަލުވެފައިވާ މިޝާއެކެވެ. އަހަރެން މި މިޝާއަށް ވުމަށް މަޖުބޫރުކުރުވީ ހަމަ ތި މާހިލްއެވެ." ޝަކީލާ ޑައިރީ ލައްޕާލިއެވެ.

ޝަކީލާ ދެން ނުކުތީ ބޭރަށެވެ. އަދި އޭނާއަށް އެނގުނު މަޢުލޫމާތުތައް އޭނާގެ މައްޗަށް މަސައްކަތްކުރާ މީހުންނަށް ކިޔާ ދިނެވެ. އެތާނގައި ފަރީޝާއާއި ފަރީދުވެސް ހުއްޓެވެ. އެދެމީހުންވެސް ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. މިޝާ ރޭގަނޑު ނުނިދާ އުޅޭތޯ ބަލައިލެވެވިފައި ނުވާތީއެވެ. ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުވުމަށް ނަސޭހަތްތެރިވެވިފައި ނުވާތީއެވެ. އެދަރިފުޅަށް އަންނަމުން ދިޔަ ބަދަލުތަކަށް ސަމާލުކަން ނުދެވުނީތީއެވެ. ބޮޑުވަމުން އައި އެދަރިފުޅަށް އިހުމާލްވެވުނީތީއެވެ. މިޝާ އެމީހުންގެ ލޯތްބާއި އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު އެކަހެރިކޮށްލެވުނީމައެވެ. އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅުގެ ހަގީގަތް އެނގުމުން ޢަމިއްލައަށް ދެވުނު ތަރުބިއްޔަތާމެދު ސުވާލުކުރެވުމުންނެވެ.