ލީބިއާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ކުންފުނީގެ ހިއްސާ އޮންނަ ޔުވެންޓަސް އަށް ހުސްވި ސީޒަނުގައި ފައިދާވި ނަމަވެސް މިހާރު ހިނގަމުންދާ ފުޓްބޯޅަ ސީޒަން ދެބައިވިއިރު 39 މިލިއަން ޔޫރޯ ގެއްލުން ވެއްޖެ އެވެ.

ހުދުމުހުތާރު ވެރިކަމެއް ކުރާ ކަމަށްބުނެ ގައްޒާފީއާ ދެކޮޅަށް އެ ގައުމުގެ އާއްމުން މުޒާހަރާ ކުރަމުންދާއިރު ގައްޒާފީގެ ލީބިއަން އަރަބް ފޮރިން އިންވެސްޓްމަންޓް ކުންފުނީން ޔުވެންޓަސްގެ 7.5 ޕަސެންޓް ހިއްސާ ކުރެ އެވެ.

މިގޮތަށް ކަންތައް މެދުވެރިވި އިރު ޔުވެންޓަސް ހުސްވި އަހަރުގެ ސީޒަން ނިންމާލީ 14 މިލިއަން ޔޫރޯގެ ފައިދާއަކާ އެކުގަ އެވެ.

އިޓަލީގެ އެންމެ ނަންހިނގާ އެއް ކުލަބަށް މިހާބޮޑު ގެއްލުމެއްމިވީ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ޔޫރޮޕާ ލީގުގައި ކުޅެން ޖެހުމުންނެވެ. މީގެ އިތުރުން ޓީވީ ރައިޓްސްއިން ލިބޭ ފައިސާ މަދުވުމަކީ ވެސް ގެއްލުން ބޮޑުވަމުންދާ ސަބަބެކެވެ.

މި ވަގުތު ޔުވެންޓަސް އޮތީ ވެސް އިޓާލިއަން ލީގުގެ ތާވަލުގެ ހަތް ވަނާގަ އެވެ. މިއީ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް ވެސް ކުޅެން ލިބޭ ޖާގަތަކަށްވުރެ ފަހަތެވެ.