26 Jun 2015, 11:24
އެއީ ޒުވާނުންގެ ސިޓީއެވެ. ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަވަށެވެ. ހިތްގައިމު މަންޒިލެކެވެ. މާލޭގެ ފަސްވަނަ އަވަށް ހުޅުމާލެއަކީ އެތައް ބަޔަކު ދަތުރުކުރާ މަންޒިލެކެވެ. ނަމަވެސް އެންމެން ވެސް ހިތުގައި ބޮޑު ޝަކުވާއެއް ވެއެވެ. އެއީ އެމްޓީސީސީން ދެމުންދާ ފެރީ ހިދުމަތުގެ ޝަކުވާ އެވެ.
ފެރީއެއް ނުލިބި އެތައް އިރެއްގައި ކިޔޫގައި ތިބެން ޖެހޭ ވާހަކަ އެވެ. ފެރީއަށް އަރަން ބޮޑު ކިޔޫއެއް އޮންނަ ވާހަކަ އެވެ. ފެރީ ތެރޭގައި ފިތި ބާރުވެގެން ތިބެންޖެހޭއިރު ހޫނު ވާހަކަ އެވެ. ނަމަވެސް އުފާކުރާށެވެ. އެފަދަ ކަންކަމަށް ހައްލު މި ވަނީ ލިބެން ފަށާފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިދިޔަ އަހަރު ރޯދަ މަހުން ފެށިގެން މިހާރު ކޮންމެ 10 މިނެޓަކުން ހުޅުމާލެ އާއި މާލެ އާއި ދެމެދު ފެރީގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. ހަމައެއާއެކު ފެރީތައް ހޫނު މައްސަލަ ހައްލު ކުރުމަށް ހަތަރު ފެރީއެއްގައި ފަންކާ ހަރުކޮށް ދަތުރުތައް ފަށާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
"ކޮންމެ ފެރީއެއްގައި 12 ފަންކާ ހަރުކުރަން، ފަންކާ ތަކަކީ އާދައިގެ ފަންކާތަކަށްވުރެ ބޮޑެތި ފަންކާތަކެއް ފަންކާތަކުގެ ސަބަބުން ހޫނު ވުމުގެ މައްސަލަ ހައްލުވާނެ،" ހަލީމް ވިދާޅުވި އެވެ.
ފެރީގެ ވެންޓިލޭޝަންގެ ވާހަކަ ދައްކާއިރު ދެން އޮތީ އެންމެ ބާރުބޮޑު ގަޑިތަކުގައި ވާ އުނދަގޫތަކުގެ ވާހަކަ އެވެ. ފެރީއަށް އަރަން ކިޔޫގައި ގިނައިރު ހުނަންޖެހޭ ވާހަކަ އެވެ.
"މިހާރު 10 މިނެޓުން ފެރީއިންނާތީ ކުރިއާ ބަލާއުރު ވަރަށް ރަނގަޅު، އެކަމަކު އޮފީހަށް އަންނަ ގަޑި އާއި އޮފީހުން ގެއަށް ދާ ގަޑީގައި އަދިވެސް ވަރަށް ބާރު ބޮޑު،" ހުޅުމާލޭގައި ދިރިއުޅޭ ޝަކީނާ މުހައްމަދު ބުންޏެވެ.
އެފަދަ ދަތިތައް ހައްލުކުރުމަށް އެމްޓީސީސީން މި ވަނީ ހައްލެއް ގެންނަން ފަށާފަ އެވެ. އެއް ފަހަރާ 203 މީހުންނަށް އެރޭ ޑަބަލް ޑެކް ފެރީ އިއްޔެ ވަނީ ތައާރަފްކޮށްފަ އެވެ. އެ ފެރީ ތައް ބާރު ބޮޑެތި ގަޑީތަކުގައި ބޭނުންކުރަން ނިންމާފައިވާއިރު އެފެރީ މާލެ އާއި ހުޅުމާލެ އާއި ދެމެދު 15 މިނެޓުން ދަތުރުކުރެ އެވެ.
ހަލީމް ވިދާޅުވީ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި އަންނަ އޮކްޓޫބަރު މަހު އެމްޓީސީސީން އަލަށް ތައާރަފް ކުރާ ދެ ފެރީ ހިދުމަތައް ނެރޭނެ ކަމަށެވެ. އެއާއެކު މިއަހަރުގެ ނިޔަލަށް ފެންވަރު ރަނގަޅު އިތުރު ހަތް ފެރީއެއް ހިދުމަތައް ނެރޭނަން ކަމަށް ހަލީމް ވިދާޅުވިއެވެ. އެއާއެކު ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ޔަގީން ކުރެއެވެ.
ދެން އެންމެ ބޮޑުޝަކުވާ އަކީ ފެރީތަކުގެ "ބަރަވެލި" ދުވެއްޔެވެ. މި އޮތް ހުރިހާ ދުވަހު އެއީ އެތައް ބައެއްގެ ޝަކުވާއެވެ. އޭގެ އެއްހެއްކަކީ އިއްޔެ ތައާރަފްކުރި 15 މިނެޓުން ދަތުރުކުރާ ފެރީއެވެ.
އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ނަމުގައި އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން އުފެއްދި ކުންފުނި ގުޅިގެން ފެރީގެ ހިދުމަތް މި އަހަރު ތެރޭގައި ފެށިގެންދާއިރު ހުޅުމާލެ އާއި މާލެއާ ދެމެދުގެ ދަތުރުތައް ހަލުއިވެ، ދަތުރުގެ ދިގުމިން 15 މިނެޓަށް ވުރެ ދަށް ކުރެވޭނެ އެވެ.
"އަޅުގަނޑުމެން މިހާރު މި ދަތުރުކުރަނީ 20 މިނެޓުން އަޅުގަނޑުމެން މި އުންމީދުކުރަނީ ލަސްވެގެން 15 މިނެޓް ނުވަތަ އެއަށް ވުރެ އަވަހަށް ދަތުރުކުރެވޭ ވަރަށް އަޅުގަނޑުމެން ހިދުމަތް ތަރައްގީ ކުރާނަން،" ހަލީމް ވިދާޅުވި އެވެ.
ދެން އޮތީ އެއްގަމު ދަތުރުފަތުގެ ވާހަކައެވެ. އެމްޓީސީސީއިން ދަނީ މުޅި ހުޅުމާލެ ކަވަރުވާގޮތަށާއި ހުޅުމާލެ އާއި އެއާޕޯޓާއި ދެމެދަށް ބަހުގެ ހިދުމަތް ދެމުންނެވެ. އެކަމުގައި ވެސް ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.
އިއްޔެ އެ ވަނީ އެކަމަށް ވެސް ހައްލެއް ވެސް އައިސްފައެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާއި ހުޅުމާލެއާ ދެމެދު ދެމުންދާ ބަހުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މިއަދު ތައާރަފް ކުރި ދެ ބަހަކީ ލަގެޖާއެކު މީހުން އުފުލާ ދެ ބަހެވެ. އެއިން ކޮންމެ ބަހެއްގައި 45 މީހުންގެ ޖާގަ ހުންނަ އިރު އެއީ އޭސީން ފިނިކޮށްފައިވާ ބަސްތަކެކެވެ.
އެމްޓީސީސީން މި ވަނީ ހިދުމަތްތައް ތަރައްގީ ކުރަން ފަށާފަ އެވެ. އެމްޓީސީސީގެ އެދުމަކީ އަންނަ ބަދަލުތައް ޝުކުރުވެރިކަމާއެކު ބަލައިގަތުމާއެކު ހިދުމަތްތައް ބޭނުންކުރާއިރު އުސޫލްތަކާއި ގަވައިދުތަކަށް އިހުތިރާމް ކުރުމެވެ.
އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމަށް "އިންގިލާބާއި" ބަދަލުތަކެއް ގެންނަން އެމްޓީސީސީއިން މި ވަނީ ފަށާފައެވެ. އެހެން ކަމުން މިއޮތް ހުރިހާ ދުވަހު އެމްޓީސީސީގެ ހިދުމަތައް ކުރި ޝަކުވާ އަށް ނިމުމެއް އަންނާނެ ކަމަށް މި ވަނީ ބެލެންފަށާފަ އެވެ.