25 Jun 2015, 20:29
ރާއްޖޭގެ ވައިގެ ކޮލިޓީ މޮނިޓާކުރުމާ ބެހޭ ދިރާސާއެއް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ޝަރީފް ވިދާޅުވީ އެ ދިރާސާއަކީ މާލޭގައި ދުއްވާ އެއްޗެހިން އަރާ ދުމަށް ވުރެ ތިލަފުށީގައި ކުނި އެންދުމުގެ ނުރައްކާ ބޮޑު ކަމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި ކުރާ ދިރާސާއެއް ކަމަށެވެ. އެގޮތުން އެ ދިރާސާ ކުރާނީ އެއާ ސާމްޕަލް ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ސަބަބުން ތިމާވެށްޓައް ލިބޭ ގެއްލުންތައް ދެނެގަނެ އެއަށް އެކަށިގެންވާ ގައިޑްލައިނެއް އެކުލަވާލުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދިރާސާއަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ހޭދަ ވާނެ ކަމަށް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ. އެ މުއްދަތުގައި ހުޅަނގު މޫސުމާއި އިރުވާ މޫސުމުގައި ވައި ދަތުރު ކުރާ ގޮތް ވެސް ދިރާސާ ކުރާނެ އެވެ.
ހަނިމާދޫގައި ހުންނަ ތިމާވެއްޓާ ބެހޭ އޮބްޒަވޭޓަރީ އާ ގުޅިގެން ކުރާ އެ ދިރާސާއަށް މިނިސްޓްރީގެ ފަރާތުން 20،000 ޑޮލަރުގެ އެހީތެރިކަމެއް ލިބޭނެ ކަމަށް ޔުނިވާސިޓީ އިން ބުންޏެވެ.