ހދ. ހަނިމާދޫ ސްކޫލުގައި އިތުރު 18 ކްލާސްރޫމް ހެދުމަށް އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އިބްރާހިމް އިސްމާއިލެވެ. ހަނިމާދޫ ސްކޫލުގައި އިތުރު ކުލާސްތަކެއް ހެދުމަށް ހަވާލުވުމުގެ އެއްބަސްވުމުގައި އައިލެންޑް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަދީޖާ އަލީ އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި އިބްރާހިމް އިސްމާއިލް ވާހަަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމާއެކު ހަނިމާދޫގައި އެޅުމަށް ހަމަޖެހިފައިވާ 18 ކްލާސްރޫމަކީ ސީއެސްއާރުގެ އެހީތެރިކަމުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކްލާސްރޫމްތަކެއް ކަމަށެވެ.

އެހެން ކަމުން އެ ކްލާސްރޫމްތައް އިމާރާތް ކުރެވެނީ ވަރަށް ބޮޑަށް ހެޔޮ އަގެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ސްކޫލުގައި އިމާރާތް ކުރާ 18 ކްލާސްރޫމަށް ހަރަދު ވާނީ 4.2 މިލިއަން ރުފިޔާ ކަމަށް ވެސް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.