25 Jun 2015, 17:34
ފިތުރު ޒަކާތް ދެއްކޭނެ ހަތަރު ގޮތެއް އިސްްލާމިކް ބޭންކުން މިއަދު ހަމަޖައްސައިފި އެވެ.
އިސްލާމިކް ބޭންކުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ މެނޭޖަރު މުހައްމަދު ޒިޔާއު އަހުމަދު ވިދާޅުވީ ފަސޭހަ ކަމާއެކު މިހާރު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީގައި ހުންނަ އެ ބޭންކުގެ ބްރާންޗުން ޒަކާތް ބަލައި ގަންނާނެ ކަމަށާއި އަދި އޭޓީއެމް މެދުވެރިކޮށާއި އޮންލައިން ބޭންކިން މެދުވެރިކޮށް އަދި އިސްލާމިކް މިނިސްޓްރީގައި ކާޑު މެޝިން ބޭނުންކޮށްގެން ވެސް ޒަކާތް ދެއްކޭނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ނޫނަސް އެ ބޭންކަށް ޒަކާތް ދެއްކޭނެ ކަަމަށް ޒިޔާއު ވިދާޅުވި އެވެ.
"އޭޓީއެމް ސްކްރީނުގައި އިންނާނެ ފަންކްޝަނެއް. އެ ބަޓަނަށް ފިއްތާލީމަ ޒަކާތް ދެއްކޭނެ،" ޒިޔާއު ވިދާޅުވި އެވެ.
މި އަހަރު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ ރޭޓް ވެސް އޭޓީއެމް ސްކްރީނުން ފެންނާނެ ކަަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
އޮންލައިން ބޭންކިން މެދުވެރިކޮށް ފައިސާ ދައްކާއިރު އައިޑީ ކާޑު ނަމްބަރާއު ޖެހުމަށްފަހު ޒަކާތް ދައްކާ މީހުންގެ އަދަދު ޖެހުމުން ޒަކާތް ދެއްކޭނެ ކަަމަށް ޒިޔާއު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި ޕީއޯއެސް މެޝިނެއް ބަހައްޓާފައި ހުންނާނެ ކަަމަށާއި ފައިސާ ކާޑު ބޭނުންކޮށްގެން އެ މެޝިނުން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.
އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ނުވިކަމަށް ވެސް އެ ބޭންކަށް ސްލިޕެއް ފުރާލާފައި ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެ އެވެ.
އޭޓީއެމް ލިމިޓް 10000 ބޮޑު ކުރުން
އޭޓީއެމް އިން ފައިސޭ ނެގޭ އަދަދު ކަސްޓަމަރުންގެ އެދުމުގެ މަތިން 10،000 ރުފިޔާ އަށް ބޮޑު ކޮށްފައިވާ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
ރާއްޖޭ އާއި ރާއްޖޭގެ ބޭރުގެ ބޭންކަށް ފައިސާ ފޮނުވުން
އިސްލާމިކް ބޭންކުން ރާއްޖޭގައި ހުރި ބޭންކު ތަކަށާއި އެހެން ގައުމުތަކުގައި ހުންނަ ބޭންކު ތަކަށް ވެސް ފައިސާ ފޮނުވޭނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
"އިންޓަނެޓް ބޭންކިން އިން ޓީޓީ ހައްދަވާލެވޭނެ. ނުވަތަ ސްވިފްޓް ޓްރާންސްފާއެއް ހައްދަވާ ލެވޭނެ،" އިސްލާމިކް ބޭންކުގެ ހެޑް އޮފް ޓެކްނޮލަޖީ އަހުމަދު ރިޒާ ވިދާޅުވި އެވެ. އަދި ޗާޖު ކުރާނީ ޓީޓީ އަށް ޗާޖުކުރާ ރޭޓުން ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.