އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި އަންގަވައިފައިވެއެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަނލާގެ އާދަމުގެ ދަރީން މާތް ކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތީން ރިޒުޤުދެއްވީމެވެ. އަދި ތިމަންރަސްކަނލާގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަޔަކަށް މާތްކުރެއްވީމެވެ." (އަލްއިސްރާއު: 70 )

ކީރިތި ޤުރްއާނުގެ އިސްވެދިޔަ އާޔަތުން އެނގޭ ގޮތުގައި އިންސާނާ އަކީ މިދުނިޔެއަށް ފާޅުކުރެއްވުމުގައިވެސް ޢިއްޒަތާއި ކެމޭހިތެވުން ޙައްޤުމީހެކެވެ. މިދެންނެވި މާތްކޮށްހިތެވުމަކީ ކޮންމެ އިންސާނެއްގެވެސް ފިޠުރީ ޙައްޤެކެވެ. އޭނާއަކީ ކޮންމެ ފަންވަތެއްގެ މީހަކަށްވިޔަސް ކޮންމެ ގިންތިއެއްގެ މީހަކަށްވިޔަސްވެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ފުޅެއްގައިވެއެވެ. އަހަރެމެންގެ ކުޑަކުދީންނަށް އޯގާވެރިނުވާ، އަދި އަހަރެމެންގެ ބޮޑެތިމީހުނަށް ކަމޭނުހިތާ މީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ހަމައެފަދައިން ކައުސާހިބާގެ އެހެން ބަސްފުޅެއްގައިވެއެވެ. ﷲ އާއި، އާޚިރަތް ދުވަހަށް އީމާންވާމީހާ އޭނާގެ މެހްމާނުންނަށް ކަމޭހިތާހުށިކަމެވެ.

މާތްﷲގެ ދީނަށް އީމާންވާ މީހާ އެކަލާނގެ އަޅުތަކުންނަށް އިޙްތިރާމު ކުރުމަކީ، ކީރިތި ޤުރްއާނާއި ކައުސާހިބާގެ ޙަދީޘު ފުޅުތަކުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާކަމެކެވެ. އިންސާނިއްޔަތަށް އިޙްތިރާމް ކުރުމަކީ އިންސާނާގެ ތަޤްވާވެރިކަމުގެ އިމްތިޙާނުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިންސާނާއާ މާތްﷲ އާ ދެމެދު އޮންނަ ގުޅުން ފާޅުކުރެވޭ އެއްގޮތަކީ މިދުނިޔޭގައި އޭނާއާ އެހެނިހެން އިންސާނުންނާ ދެމެދު އޮންނަ ގުޅުމެވެ. މާތްﷲ ގެ ރަސްކަންފުޅު ދެކެ ލޯބިވާ މީހާ އޭނާގެ އެތެރެފުށުގެ ޖަޒުބާތުގެ ސަބަބުން މާތްﷲ ގެ އަޅުތަކުންދެކެ ލޯބިވާންޖެހެއެވެ.

އިންސާނުންނަށާއި އިންސާނިއްޔަތަށް އިޙްތިރާމުކުރުމަކީ އިސްލާމްދީނުގެ ނުހަނު އަސާސީ އެއް އުނގަންނައިދިނުމެވެ. އަނެކާއީ ތިމާއާ އެއްދީނެއްގެ މީހެއް ކަމުގައި ނުވިޔަސް މެއެވެ. ތިމާއާ އެއްޤައުމެއްގެ މީހެއްކަމުގައި ނުވިޔަސްމެއެވެ. ތިމާގެ ރަށްފިޔަވައި އެހެން ރަށެއް މީހަކަށްވިޔަސްމެއެވެ. ތިމާގެ ރަޙްމަތްތެރީންގެ ޕާޓީ ފިޔަވައި ތިމާގެ ދުޝްމިނުންގެ ގިންތީގައި ހިމެނޭ މީހަކަށް ވިޔަސްމެއެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އިންސާނާއަކީ އޭނާގެ އިންސާނީ ޙައިޘިއްޔަތުން އިޙްތިރާމު ކުރެވުމާއި ކަމޭހިތެވުން ޙައްޤުމީހެކެވެ. އަނެކަކު ދެކޮޅުވެރި ރޫޙެއްގައި ތިމާއާ ކުރިމަތިލި ކަމުގައިވިޔަސް އެކަން ހަނދާން ނައްތައިލައި އިންސާނީ ވަންތަކަމުގެ ގޮތުން އަނެކާއަށް އިހްތިރާމު ކުރަންޖެހެއެވެ.

އިސްލާމްދީނުގެ ނަޒަރުގައި ކޮންމެ އިންސާނަކީވެސް އަރަހުށި މާތްﷲ މާތްކުރައްވައިފައިވާ އާދަމުގެ ދަރިއެކެވެ. ކޮންމެ އާދަމުގެ ދަރިއަކީވެސް އެމީހަކަށް އިހްތިރާމު ކުރެވުން ޙައްޤު މީހެކެވެ.