25 Jun 2015, 15:57
އެމްޓީސީސީން ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުން އަންނަ ފެރީގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް "ޑަބަލް ޑެކް" ފެރީ އަކާއި ހުޅުމާލެއާއި އެއާޕޯޓާ ދޭތެރޭ ކުރެވޭ އެއްގަމު ދަތުރުތަކަށް މުދާ އުފުލާ ދެ ބަސް ތައާރަފް ކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފެރީގެ ދަތުރާއި ބަހުގެ ހިދުމަތް ތައާރަފް ކޮށްދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ ހިދުމަތް ތައާރަފް ކޮށްދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޓީސީސީއަކީ ވަަރަށް އެދެވޭ ގޮތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ދެމުން ދާ ކުންފުއްޏެއް ކަމަށްވާއިރު އެ ކުންފުއްޏަކީ، ކެނޑިނޭޅި ތަރައްގީއަށް މަސައްކަތް ކުރާ ކުންފުއްޏެއް ކަމަށެވެ.
"މިއަދު އެމްޓީސީސީން އެ ތައާރަފް ކުރައްވާ ބަސްތަކަކީ ލަގެޖްވެސް ހިފައިގެން އެއާޕޯޓަށް އާދެވޭނެ ފެސިލިޓީއެއް ގާއިމް ކުރުން. މިއީ ޒަމާނީ ކުރުމަކީ، މިއީ ހަގީގަތަށް ބަލާއިރު ކަސްޓަމާ ނީޑަކަށް ބަލައި ހިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިތަކުން ތައްޔާރަށް ތިބިކަން ދައްކުވައިދޭ ކަމެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ބަހުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު
މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއަދު މިތައާރަފް ކުރެވުނު ޑަބަލް ޑެކް ފެރީއަކީ 203 މީހުންގެ ޖާގައިގެ ފެރީއެއް ކަމަށާއި އެ ފެރީއަކީ ސްޕީޑު ބާރު ވެންޓިލޭޝަން ރަނގަޅު ފެރީއެއް ކަމަށެވެ.
އެ ފެރީއަކީ ވެހިކަލްތަކާއެކު މީހުން އުފުލޭ ގޮތަށް، ޑެކެއްއަޅައިގެން ފެރީގެ މަތީގައާއި ތިރީގައި މީހުން ތިބެވޭ ގޮތަށް ހަދާފައިވާ ފެރީއެކެވެ. އެ ފެރީގައި 15 މިނެޓުން ހުޅުމާލެއާއި މާލެއާ ދޭތެރޭ ދަތުރުކުރެއެވެ. ފެރީގައި ސާފު ވައި ވަންނަގޮތަށް ބަނދެފައިވާއިރު އިށީންނަން ބަހައްޓާފައިހުރި ޝީޓްތައް ވެސް ވަރަށް ޒަމާނީ އެވެ.
ފެރީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާއި ހުޅުމާލެއާ ދެމެދު ދެމުންދާ ބަހުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މިއަދު ތައާރަފްކުރެވުނު ދެ ބަހަކީ ލަގެޖާއެކު މީހުން އުފުލާ ދެ ބަސް ކަމަށް ހަލީމް ވިދާޅުވި އެވެ. އެއިން ކޮންމެ ބަހެއްގައި 45 މީހުންގެ ޖާގަ ހުންނަ އިރު އެއީ އޭސީ ބަސްތަކެކެވެ.
"އެ ދެ ބަސް ތައާރަފް ކުރުމާއެކު ކޮންމެ ގަޑިއަކުން ގަޑިއަކުން އެ ބަހުގެ ހިދުމަތް ހުޅުމާލެއާއި ހުޅުލެއާއި ދެމެދު ދެމުން ދާނެ،" ހަލީމް ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި އެމްޓީސީސީގެ ޗެއާމަން ސާލިމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަލީ ނަސީރު
އެމްޓީސީސީގެ ޗެއާމަން މުހައްމަދު ސާލިމް ވިދާޅުވީ، ހުސެއިން ސާލިމް ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާގައި އެމްޓީސީސީން ހާސިލް ކޮށްފައިމިވާ ލަނޑުދަނޑިއަކީ މިހާތަނަށް ދިވެހި އެހެން ކުންފުންޏަކަށް އެދާއިރާއިން ހާސިލް ކުރެވިފައި ނުވާވަރުގެ ލަޑުދަނޑިއެއް ކަމަށެވެ.
އެމްޓީސީސީން މިހާރު ދަނީ ހުޅުމާލެއާއި މާލެއާއި ދެމެދުގެ ދަތުރުފަތުގެ ހިދުމަތް ރަނގަޅު ކުރުމަށް ޒަމާނީ ބަދަލުތަކެއް ގެންނަމުުންނެވެ. އެގޮތުން ފެރީތަކުގައި ފަންކާ ހަރުކުރުންވެސް ހިމެނެއެވެ.