މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ގޮތުން ބޯހޯލް ތޮރުފުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު މިއަދު ސަން އަށް ވިދާޅުވީ، މިމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަން ކުރިން ތާވަލްކޮށްފައި އޮތްނަމަވެސް މިހާރު މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޖުލައި މަހުގެ މެދުތެރޭގައި ކަމަށެވެ.

އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

މުއްތަލިބު ވިދާޅުވީ، އެ މަސައްކަތް ނިންމުން ލަސްވީ ކަނޑުގަދަވެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށެވެ. އަދި ކަނޑުގަދަވުމުން މަސައްކަތް ކުރިއަށް ގެންދަން ޗައިނާއިން އިތުރު ސާމާނު ގެންނަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްގަމާއި ކަނޑު ހިމެނޭ ގޮތަށް ޖުމުލަ 29 ތަނަކުން ބޯހޯލް ތޮރުފުމަށް ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިސަރުކާރުން ބުރިޖުގެ މަސައްކަތް ކުރަނީ އެކަން ކުރަން އެނގިގެން، ކުރަން އޮންނަ ގޮތަށް ކަމަށާއި ބުރިޖު ނިމިގެން ދާއިރު އިދިކޮޅު ފަރާތްތައް ވެސް އުފާވެގެންދާނެ ކަމަށެވެ.