ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ހިންގުމުގެ އޮނގަނޑު އެއްގޮތް ކުރުމަށް ގައުމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނު ގެ ދަށުން އުފައްދަވާފައިވާ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއަކީ ދައުލަތުގެ ދެ ޔުނިވަސިޓީ ކަމަށް ވާތީ، އެ ދެ ޔުނިވަސިޓީގެ ހިންގުމުގެ އޮނިގަނޑު އެއްގޮތަށް ބައްޓަންކުރުން ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނެއް ވުޖޫދު ވެފައި ވަނީ މި އަހަރު އެވެ.

ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުރަހީމް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވާފައި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އެ ޔުނިވާސިޓީ ހިންގާ އިމާރާތް ކުއްލިއްޔާ: ސަން ފައިލް ފޮޓޯ

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނުގައި ބުނެފައި ވަނީ އިސްލާމިކް ޔުނިވާސިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތަށް އިސްލާމީ ޔުނިވާސިޓީ އަކަށް ބަދަލު ކުރަނީ، މިހާރު ހުރި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އެވެ. ޔުނިވާސިޓީގެ އިންތިގާލީ ކައުންސިލަކަށް އޮންނާނީ ވެސް ކުއްލިއްޔާގެ ކައުންސިލެވެ. އަދި ޗާންސެލާއަކަށް ބޭފުޅަކު ހަމައްސަވަންދެން، ވަގުތީ ޗާންސެލާއެއްގެ ގޮތުގައި ހުންނަވާނީ ކުލިއްޔާގެ މަޖިލީހުގެ ރައީސް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ސަބަބުން މިހާރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ފާސްވެ ދަސްދީގު ކުރައްވާ ހިސާބުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނެ އެވެ.