25 Jun 2015, 14:42
އައިޖީއެމްޗްގައި ޑޮކްޓަރުގެ އިހުމާލުން އެއްމާބަނޑު ދެކުދިން މަންމަގެ ބަނޑުތެރެއަށް މަރުވި ކަމަށް ބުނާ މައްސަލައެއް އައިޖީއެޗުން ބަލަން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު 'ސަން' އަށް ވިދާޅުވީ އެއްމާބަނޑު ދެކުދިން މަންމަގެ ބަނޑަށް މަރުވި މައްސަލައެއް އައިޖީއެމްއެޗުން ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ އިތުރު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
ކ. ހުރައަށް ނިސްބަތްވާ އެ އަންހެން މީހާގެ އާއިލާ އިން މިއަދު 'ސަން' އަށް ބުނީ، ބަނޑުބޮޑުވީކަން އެނގުނު ދުވަހުންފެށިގެން ވެސް ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އަންނަ ކަމަށާއި އަދި ސްކޭން ވެސް ހަދަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ސްކޭން ހެދުމުން ސްކޭން ޑޮކްޓަރު ލަފާދެއްވީ އޮޕަރޭޝަން ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"ސްކޭން ޑޮކްޓަރު ބުނީ ދެކުދިން ތިބީ ބަނޑުގެ ދެކޮޅަށޭ. އެހެންވީމާ އޮޕަރޭޝަން ކުރަންށޭ ޖެހޭނީ. އޮޕަރޭޝަން ނުކުރަންޏާ ގެއްލުން ވާނެ އޭ،" އަންހެން މީހާގެ އާއިލާ މީހަކު ކިޔައިދިނެވެ.
އައިޖީއެމްއެޗްގެ ގައިނީ ޑޮކްޓަރަށް ދެއްކުމަށް ފަހު އޮޕަރޭޝަން ކުރުމަށް ސްކޭން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ބުނި ކަމަށާއި ނަމަވެސް "ގޮތް ނިންމަން އެނގޭނީ ސްކޭން ޑޮކްޓަރަށް ނޫން" ކަމަށް ގައިނީ ޑޮކްޓަރު ބުނި ކަމަށް އަންހެން މީހާގެ އާއިލާއިން ބުންޏެވެ.
އަދި ހުރިހާކަމެއް ރަނގަޅުކަމަށް ވެސް ގައިނީ ޑޮކްޓަރު ބުނި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
ބަނޑުތެރެއަށް އެއްމާބަނޑު ދެކުދިން މަރުވީ މިއަދު ކަމަށް އާއިލާ އިން ބުންޏެވެ.