ރަނގަޅުގޮތުގައި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "ސާފު ރާއްޖެ" ޕްރޮގްރާމްގައި ސަރުކާރުގެ ދެ މުއައްސަސާއަކާއި ތިން އެންޖީއޯއަކުން ރަސްމީކޮށް ބައިވެރިވެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

ސާފު ރާއްޖެ ޕްރޮގްރާމްގައި މިއަދުގެ ސަރުކާރުގެ ފަރާތުން ބައިވެރި ވެފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި އަމިއްލަ ޖަމާއަތްތަކުގެ ތެރެއިން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ގާލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިިނިސްޓަރު ތޯރިގު ވިދާޅުވީ، މިހާރު ކުރިއަށްދާ ސާފު ރާއްޖެ ޕްރޮގްރާމްގައި މިއަދު ވެވުނު އެއްބަސްވުމާ ގުޅިގެން އެ އިންސްޓިޓިއުޓްގެ އިސްނެގުމުގެ ދަށުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ އަމަލީ ޕްރޮގްރާމްތަކެއް ބޭއްވުމުގެ އިތުރުން އޯގަނައިޒޭޝަންތަކުން އިންތިޒާމްކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ގާލް ގައިޑް އެސޯސިއޭޝަނުން ބުނެފައިވަނީ އެ އެސޯސިއޭޝަން އިން ބާއްވާ ކޮންމެ ހަރަކާތެއްގައިވެސް ކުނި މެނޭޖު ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ސާފު ރާއްޖެ ޕްރޮގްރާމަކީ އެ މިނިސްޓްރީން މިދިޔަ މަހުގައި ފެށި ޕްރޮގްރާމެކެވެ.