25 Jun 2015, 13:24
ޑެންގީ ހުން ޖެހިގެން ކޫއްޑޫގައި ބިދޭސީ އަކު މަރުވެއްޖެ އެވެ.
ހެލްތު މިނިސްޓުރީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު އަސްމާ އިބްރާހިމް ވިދާޅުވީ ކޫއްޑޫގައި ޑެންގީ ހުން ޖެހިގެން ބިދޭސީ އަކު މަރުވުމާއި ގުޅިގެން އެރަށް ސާފު ކުރުމުގެ ޕުރޮގުރާމު ފަށާފައިވާ ކަމަށެވެ.
"ޕޭޝަންޓް ނިޔާވުމާ ގުޅިގެން އެ ރަށު ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފިން. އެ ރަށުގައި ފުދޭވަރަކަށް ގިނަ އަދަދަކަށް މަދިރި އާލާވަމުން އަންނަނީ،" އަސްމާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޑެންގީ ހުން ޖެހުމުން އަރާމުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބިދޭސީންނަށް ޑެންގީ ހުން ޖެހުމުން އަމަލު ކުރަންވީ ގޮތް ނޭނގޭ ކަމަށެވެ. އަދި އެކަން ދިމާވަނީ އެކަމުގައި ހޭލުންތެރިކަން ކުޑަވެފައި ވާތީ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
"ގިނަފަހަރު ޑޮކްޓަރަށް ނުދައްކާ ކޮންމެވެސް ފާމަސީ އަކަށް ގޮސް އެމީހުން [ބިދޭސީން] ކޮންމެވެސް ކަހަލަ ބާރު ގަދަ ބޭހެއް ކާ ލަނީ. އަދި ކައިގެން މަސައްކަތަށް އެނބުރި ނުކުންނަނީ މި. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުން މި ހުން [ޑެންގީ ހުން] ޖެހިއްޖިއްޔާ ޖެހޭނެ ވަރަށް އަރާމު ކުރަން." ޑރ. ފައިސަލް ވިދާޅުވި އެވެ.