25 Jun 2015, 13:23
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޫން ގޮވާލައްވައިފި އެވެ.
ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަދި ގާނޫނީ ވަކީލު އާމާލު ކުލޫނީއާއި އެކު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުގައި ބައްދަލުކުރެއްވުމުގައި ކެމެރޫން ވަނީ ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލައި ސިޔާސީ މަޝްވަރާތަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ނަޝީދުގެ އަނބިކަނބަލުން ލައިލާ ވަނީ ރައީސް ނަޝީދުގެ ޝަރީއަތް ހިނގާދިޔަ ގޮތުގެ މައުލޫމާތު ކެމެރޫންއާ ހިއްސާކުރައްވާފަ އެވެ.
ކެމެރޫންގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ އާވެސް ލައިލާ ޢަލީ އަދި އަމާލް ކްލޫނީ ވަނީ ބައްދަލުކުރައްވާފަ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.