ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އިއްޔެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

އާ ގާނޫނު އަސާސީ އަށް ފުރަތަމަ ފަހަރަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރީ 77 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

އެހާ ބޮޑު އަގުލަބިއްޔަތަކާ އެކު އެ އިސްލާހު މަޖިލީހުން ފާސްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި އިދިކޮޅު އެމްޑީޕީއާ އެކު ޖޭޕީގެ މަޖިލިސް މެމްބަރުން ވެސް ވޯޓު ދެއްވުމުންނެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ހަގު އުމުރަކީ 30 ކަމަށްވެސް އެ އިސްލާހުގައި ކަޑައަޅާފައިވެ އެވެ.