ދ. އަތޮޅު ކައުންސިލްގެ އިދާރާ ހުންނަ ދ. ކުޑަހުވަދޫ "އަތޮޅު ގޭ"ގެއިން އެކޮމަޑޭޝަން ނުލިބިގެން ދ. އަތޮޅުގެ ހަތަރު ކައުންސިލަރަކު މިހާރު ތިއްބަވަނީ ދުވާލަކަށް 500ރ. ހަރަދުކޮށްގެން ދ. ކުޑަހުވަދޫ ގެއެއްގައި ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ދ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް ސައީދު މިއަދު ވިދާޅުވީ ކައުންސިލުގައި ތިއްބަވާ ހަ މެންބަރުންގެ ތެރެއިން ދެ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ހަތަރު ބޭފުޅުންނަކީ ކުޑަހުވަދޫ ބޭފުޅުން ނޫން ކަމަށާއި އެ ހަތަރު ކައުންސިލަރުން ވެސް ތިއްބަވަނީ އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ކަމަށެވެ.

"މީދޫ ދާއިރާގެ ތިން މެންބަރުންނާއި ކުޑަހުވަދޫ ދާއިރާގެ ތިން މެންބަރުން ދެން އޭގެ ތެރެއިން ކުޑަހުވަދު އަށް ނިސްބަތްވާ ދެމީހުން އެބަތިބި. ދެންތިބި ހަތަރު މެންބަރުންނަކީ އަތޮޅުގެ އެހެން ރަށްރަށުން މި ކައުންސިލަށް ހޮވިވަޑައިގެންފައި ތިއްބެވި ބޭފުޅުން އަސްލު. ދެން އެހެންވުމާ އެއްކޮށް ރަށުން ބޭރުގައި ތިއްބެވި ބޭފުޅުންނަށް މިތަނަށް އައިސް އެބޭފުޅުން ހަމަ ތިއްބަވާނެ ގޮތެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅުގެއަކީ އަށް ކޮޓަރީގެ ފެންވަރު ރަނގަޅު އިމާރާތަކަށް ވިޔަސް އެތަން ވަނީ 2010 ވަނަ އަހަރު ޔުޓިލިޓީސް ކުންފުންޏާ ހަވާލުކޮށްފައި ކަމަށާއި އެހެންވެ އެތަން ބޭނުން ކުރަމުން އަންނަނީ ޔުޓިލިޓީސް ކުންފުނީގެ އިސްވެރިން ތިބުމަށް ކަމަށެވެ. ސައީދު ވިދާޅުވީ އެބޭފުޅުންގެ އެކޮމޮޑޭޝަންގެ ކަންތައްތަކަށް އަތޮޅުގެ ދެއްވުމަށް އެދި ލޯކަލް ކައުންސިލް އޮތޯރިޓީ އާއި ޔުޓިލިޓީސް ކުންފުނީގައި ވެސް އެދިފައިވާ ކަމަށާއި އެކަމަށް އަދި ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"އަދި އަތޮޅުގެ 2010 ވަނަ އަހަރުތެރޭގައި ވަނީ މިތާގެ ޕްރޮވިންސް އޮފީސް އުފައްދާފައި، އެތަނަށް އެ އޮފީސް ރަޖިސްޓްރީ ކުރައްވާފައި ވަނީ. އެހެންވުމާ ވިދިގެން އަޅުގަނޑުމެންނަށް އެތަނަކުން ފުރުސަތެއް ނުލިބުނު. އަޅުގަނޑުމެން އެތާންގައި މިވަގުތު ތިއްބެވި އިސްވެރިންނާ ބައްދަލުކޮށް އެތަނުން ފުރުސަތު ލިބޭތޯ މަސައްކަތް ކޮށްދިނުމަށް ވެސް ވާނީ އެދިފައި... އަދި މިހާތަނަށް އެއްވެސް ކަހަލަ އެދެވޭ ޖަވާބެއް ލިބިފައެއްނެތް،" ސައީދު ވިދާޅުވި އެވެ.

ކައުންސިލަރުން އަމިލަށް ޖީބުން ހަރަދުކުރައްވަން ޖެހިވަޑައިގަތަސް ކައުންސިލްގެ އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާކަމަށާއި ކައުންސިލްގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ދާ ކަމަށް ސައީދު ވިދާޅުވި އެވެ.

މެދު ޕްރޮވިންސްގެ ގައުމީ އިދާރާގެ ވެރިޔާ އިބްރާހިމް މުހަންމަދު މިއަދު ވިދާޅުވީ އަތޮޅުގެ ބޭނުންކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެން އެ އިދާރާގެ ބޭނުމަށް ކަމަށެވެ. މުހަންމަދު ވިދާޅުވީ ލާމަރުކަޒީ ކުރުމުން ހިންގުމަށް އައި ބަދަލުތަކާ ގުޅިގެން އަތޮޅުގެ އާ ގުޅޭ ގޮތުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށާއި އެކަމަށް ގޮތެއް ނިންމަވާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަމެއް ނޫން އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަކީ. އަތޮޅުގެ ހުންނަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. ލާމަރުކަޒީ ކުރުމުން މިއައި ބަދަލުތަކުގައި އެ އިމާރާތާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ ފިނޭންސުން،" މުހަންމަދު ވިދާޅުވި އެވެ.

ދ. އަތޮޅު ކައުންސިލުގެ ހަ ގޮޑިއަށް ވެސް އިންތިހާބުކޮށްފައި ވަނީ ހުސް އަމިއްލަ މެންބަރުންނެވެ.