25 Jun 2015, 12:55
ފުނާޑު ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ އަލަ ޗިޕްސް މޯލްޑިވިއަން އާއި މެގަ މޯލްޑިވްސްގެ ފްލައިޓްތަކުގައާއި ޑިއުޓީ ފްރީގައި ވިއްކުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފުނާޑް ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުހައްމަދު ޝަފީގު އަދުނާން އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އަދި މެގަ މޯލްޑިވްސްގެ ފަރާތުން އިންފްލައިޓް ސާވިސަސްގެ ސީނިއާ މެނޭޖަރު ލީޒާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ އުފެންދުންތަކަށް ރަނގަޅު އަގެއް ހޯދައި، ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެހީތެރިވަމުންދާ ކަމަށެވެ.
އެގޮތުން އެއާލައިންތަކާއި ރިސޯޓްތަކާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ވާހަކަ ދައްކަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އާއްމުކޮށް ވިއްކާ އަގަށް ވުރެ ބޮޑު އަގެއް ކޯޕަރޭޓިވް ސޮސައިޓީތަކުގެ އުފެއްދުންތަކަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެގަ މޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަނުން ކޯޕަރޭޓިވް ސޮސައިޓީން އުފައްދާ ތަކެތި ވިއްކުމަށް އެއްބަސްވެފައިވާތީ މިނިސްޓަރު ޝައިނީ ވަނީ އެ ދެ އެއާލައިނަށް ޝުކުރު އަދާކުރައްވާފައެވެ.
" ފްލައިޓްތަކުގެ ފޮތްތަކުގައި ނުވަތަ ޑިއުޓީ ފްރީ ގޮތަށް އަދި ކެޓަލޮގްތަކުގައި މި ޕްރޮޑެކްޓްތައް ފެނިގެންދާނެ. އަދި ފަތުރުވެރިންނަށް މިއީ ރާއްޖޭގެ އުފެއްދުމެއްގެ ގޮތުގައި ވިއްކައިގެން ކޯޕަރޭޓިވްސްގެ މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ" ޝައިނީ ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން ފްލައިޓްތަކުގައާއި މޯލްޑިވިއަންގެ ލައުންޖްތަކުގައި އަލަ ޗިޕްސް ވިއްކާނެއެވެ.

ފުނާޑު ކޯޕަރޭޓް ސޮސައިޓީ އާއި މޯލްޑިވިއަން އާއި ދެމެދު ސޮއިކުރުން. އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް(ވ) އަދި ފުނާޑް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުހައްމަދު ޝަފީގު -- ސަން ފޮޓޯ: ފަޔާޒް މޫސާ
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، އެ ކުންފުނިން ހިންގާ ހުރިހާ އެއާޕޯޓެއްގައި އަލަ ޗިޕްސް ލިބެން ހުންނާނެ ކަމަށެވެ. ކޯޕަރޭޓިވް ސޮަސައިޓީތަކުން އުފައްދާ އުފެންދުންތައް މާކެޓް ކުރުމަށް އައިލެންޑް އޭވިއޭޝަނުން އެހީތެރިވެދޭނެ ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.
" އަޅުގަނޑުގެ އުއްމީދަކީ މިއާއި ގުޅިގެން އިތުރު ޕްރޮޑެކްޓްސްތައް މާކެޓަށް ނުކުމެ އިތުރު ވަޒީފާގެ ފުރުސަތު ރާއްޖޭގައި ހުޅުވި މީގެ ސަބަބުން ދިވެހިންނަށް ބޮޑެތި މަންފާތަކެއް ކުރުން،" ހާރިސް ވިދާޅުވި އެވެ.
މެގަ މޯލްޑިވްސް އިން ޗައިނާ އަށް ކުރާ ދަތުރުތަކުގައި އަލަ ޗިޕްސް ވިއްކާނެ ކަމަށް މެގަ މޯލްޑިވްސްގެ ސީނިއާ މެނޭޖަރު ލީޒާ ވިދާޅުވި އެވެ. އަލަ ޗިޕްސް އަކީ ވަރަށް ކޮލިޓީ އަދި މީރު ޕްރޮޑަކްޓެއް ކަމަށާއި އެކަމާ ފަޚުރުވެރިވުން ހައްގުކަމަަށް ވެސް ލީޒާ ވިދާޅުވިއެވެ.

ފުނާޑު ކޯޕަރޭޓް ސޮސައިޓީ އާއި މެގަ މޯލްޑިވްސް އާއި ދެމެދު ސޮއިކުރުން. މެގަ މޯލްޑިވްސް ގެ ސީނިއާ މެނޭޖަރު ލީޒާ (ކ) އަދި ފުނާޑް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މުހައްމަދު ޝަފީގު -- ސަން ފޮޓޯ: ފަޔާޒް މޫސާ
" ފުނާޑު އަލަ ވަރަށް އަވަހަށް ބެއިޖިން ޝެންހާއި އަދި ހޮންކޮންގެ އަދި މެގަ ދަތުރުކުރާ ހުރިހާ މަންޒިލެއްގައި ފެންނާނެ ހުންނާނެ،" ލީޒާ ވިދާޅުވި އެވެ.
ލީޒާ ވިދާޅުވީ 2014 ވަނަ އަހަރު ރާއްޖޭގެ ޕްރޮޑެކްޓްސްތައް ވިއްކައިގެން މެގަ މޯލްޑިވްސް އިން އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެއެވެ. އަދި ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއި އާއި އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު މިއަދަދު 300 ގުނައަށް އިތުރުވެފައިވާ ކަމަށް ލީޒާ ވިދާޅުވި އެވެ.
ފުނާޑު ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން ވިދާޅުވީ، އެ ސޮސައިޓީގެ އަމާޒަކީ ފުވައްމުލަކުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި އަލަ، ނެތި ދާނެތީ އެކަމަށް ހައްލެއް ހޯދުން ކަަމަށެވެ. އަދި ފުވައްމުލަކަކީ ވަކިން އޮންނަ އަތޮޅަކަށް ވާތީ ދުނިޔެއަށް ދިމާވާ ހާދިސާއެއްގެ ސަބަބުން އެއްމެ ފުރަތަމަ ހާލުގައި ޖެހޭނެ ބަޔަކީ ފުވައްމުލަކު މީހުން ކަމަަށް ގަބޫލުކުރާ ކަމަށް މުހައްމަދު ޝަފީގު ވިދާޅުވިއެވެ.
" ދިވެިރާއްޖޭގެ އެއްވެސް ރަށެއްގައި ފުޑް ސެކިއުރިޓީ އެއް ގާއިމުކުރަންޏާ އެބަޔަކީ އަޅުގަނޑުމެން،" މުހައްމަދު ޝަފީގު ވިދާޅުވި އެވެ.
އަލަ ޗިޕްސް ދެ ހަފްތާތެރޭ ވިއްކަން ފަށާނެ ކަަމަށް މެގަ މޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަލަ ޗިޕްސް ވިއްކާނެ ސީދާ އަގެއް ނުބުނި ނަމަވެސް ޕެކެޓެއް ފަސް ޑޮލަރަށް ވުރެ ކުޑަވާނެ ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
ރާއްޖޭގައި ހަތް ކޯޕަރޭޓިވް ސޮސައިޓީ ދަނީ ހަރަކާތްތެރިވަމުން ނެވެ.