25 Jun 2015, 12:06
ނިޔުޔޯކް (ޖޫން 25) : މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން 2013 އަހަރު ދެލައްކައަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި މަރުވެފައިވާ ކަމަށް އދ. އިން ހާމަކޮށްފި އެވެ.
މަސްތުވާތަކެއްޗާ އަދި ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ އޮފީހުން ބުނީ މީގެ ތެރޭގައި ހިމެނެނީ މަސްތުވާ ތަކެތި މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން އޯވަޑޯޒް ވެގެން މަރުވި މީހުންނާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބުނު ސިއްޙީ ގެއްލުންތަކާ ގުޅިގެން މަރުވިމީހުން ކަމުގަ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އދ.ގެ މި އޮފީހުން ނެރުނު ބަޔާނެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށާއި އިންސާނުންނަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުގެ އިންޒާރުދީ މިކަން ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވެ އެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމުގެ ގާނޫނުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ތަންފީޒު ކުރަމުން ގެންދާ އިރު އަނެއްބައި ގައުމުތަކުގައި މިފަދަ ހަރުކަށި އަދަބުތައް ތަންފީޒެއް ނުކުރެވެ އެވެ. މިގެއިތުން ޑްރަގް ކާޓެލްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ގޭންގްތަކާއި ބައެއްގައުމުތަކުގެ ސަރުކާރުތަކުގެ އިސް ފަރާތްތަކާ ސިއްރު ގުޅުންތައް އޮތުމާއި ހަތިޔާރުއެޅި ބައެއް ޖަމާއަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެފަދަ ޖަމާއަތްތަކުން މަސްތުވާތަކެތި ހައްދައި އޭގެ ވިޔަފާރި ކުރަމުން ގެންދިޔުމަކީ ވެސް މިވިޔަފާރި ހުއްޓުވުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ އޮފީހުން ފާހަގަ ކުރެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެގޮތުގައި އދ. ގެ ޖެނެރަލް އެސެމްބްލީން ކަނޑައަޅާފައިވާ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަހެވެ. ޑްރަގް ކާޓެލްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ގޭންގްތައް އެންމެ ގިނައީ ލެޓިން އެމެރިކާގެ ގައުމުތަކުގަ އެވެ. ޚާއްސަކޮށް މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާ އާއި ކެރީބިޔަންގެ ގައުމުތަކުގަ އެވެ. ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރެއިން މަސްތުވާތަކެތި ހައްދައި އެތަކެތި ޑްރަލް ކާޓެލްތަކަށް ވިއްކައިގެން ހަނގުރާމައަށް ބޭނުންވާ ފައިސާ އެންމެ ބޮޑަށް ހޯދަމުންގެންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަފްޣާން ތާލިބާނުންގެ ބަޖެޓްގެ ތިންބައިކުޅަ ދެބައަކީ އެޖަމާއަތުގެ ކޮންޓްރޯލް އޮންނަ އަފްޣާނިސްތާނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ދަނޑުތައް ހައްދައިގެން އެއިން ވިޔަފާރިކޮށްގެން ހޯދާ ފައިސާކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)