25 Jun 2015, 14:08
އެހެން އަހަރުތަކާ އަޅާ ބަލާ އިރު "ކަންބޮޑުވާ" ވަރަށް ޑެންގީ ހުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމު އާދަމް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކާ އަޅާ ބަލާ އިރު މިއަހަރު ޑެންގީ ހުން ފެތުރިގެން އަންނަ އަދަދު ގިނަކަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަމައެކަނި މާލެ އަށް ބަލާލި ކަމުގައި ވިއަސް 125 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި އަތޮޅުތަކަށް ބަލާ އިރު 249 ކޭސް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމު ވިދާޅުވި އެވެ.
"އެހެންކަމުން ޑެންގީ ހުމުން ރައްކާތެރި ވުމަށް ޓަކައި ދުރާލާ މަދިރި ކޮންޓުރޯލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކި ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އަދި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރަން،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ޑެންގީ ހުން ފެތުރުނަ ނުދިއުމަށް ޓަކައި މަދިރި ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ އެންމެ ގިނައިން ފެތުރެމުން ދަނީ އއ. އަތޮޅާއި އދ. އަތޮޅުގައި ކަމަށެވެ. އަދި ވިދާޅުވީ މިއަހަރަކީ ޑެންގީ ހުން އެންމެ ގިނައިން މީހުންނަށް ޖެހިނު ފަހަރު ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ޑެންގީ ހުން ޖެހިގެން ފުރަތަމަ ތިން ދުވަހު ހުން މަޑު ނުވެ ވަރަށް ގަދަ އަށް ހުން އަންނާނެ ކަމަށެވެ. އަދި މިހާ ޑެންގީ ހުން ގިނަ ދުވަސް ވަރެއްގައި ތިން ދުވަހަށް ފަހު ހުން މަޑު ވިއަސް އެއީ ހުން ރަނގަޅުވި ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުން މަޑުވި ކަމުގައި ވިއަސް އެހެނިހެން އަލާމާތްތައް ފެންނަ ކަމަށްވާ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ.
"ހުން ރަނގަޅުވި ކަމުގައި ވިއަސް ލޭ އައުމާ މީހާ މަޑު މޮޅުވެފައި ހުންނަ ކަމަށްވާ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެ. އެއީ މި ބަލީގައި [ޑެންގީ]ގެ އެންމެ ނުރައްކާތެރި އެއް ހާލަތް. ހުން ޖެހިއްޖެ ނަމަ އެންމެ ރަނގަޅުގޮތަކީ ގިނައިން ދިޔާ އެއްޗެހި ބޮއެގެން އަރާމު ކުރުން. ހުން ތިރިކުރުމަށް ޕެެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ކޮށްގެން ނުވާން. ބަލި ރަނގަޅު ކުރަން ޖެހޭނީ ދިޔާ އެއްޗެހި ބޮއެ، ގައިގައި ފެން ފޮތި ހާކައިގެން،" ޑރ. ފައިސަލް ވިދާޅުވި އެވެ.