25 Jun 2015, 11:42
ދަހޭގް (ޖޫން 25) : ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގައި ބައިވެރިވާ ގައުމުތަކުން ދަ ހޭގްގައި ބޭއްވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ފަލަސްތީން ބައިވެރިވެއްޖެ އެވެ. ފަލަސްތީނުގެ ޚާރިޖީ ވުޒަރާ އިން ބުނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ދަހޭގްގައި ބާއްވާ އެކޯޓު ގެ ތޭރަ ވަނަ ބައްދަލުވުމުގައި ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީން ބައިވެރިވާ ކަމުގަ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގައި ފަލަސްތީނުން ސޮއިކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅުގަ އެވެ. މިއީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އެތައް އަރަހެއްވާންދެން ފަލަސްތީނުން އެޅުމަށް ފަސްޖެހުނު ފިޔަވަޅެކެވެ. އެންމެފަހުން މިފިޔަވަޅު އެޅުމަށް ފަލަސްތީނަށް މަޖްބޫރުވީ މިދިޔަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގި އުދުވާނުގައި ފަލަސްތީނުގެ އާންމުންނަށް ގަސްދުގައި ދީފައިވާ އަނިޔާތަކާއި ހިންގާފައިވާ ޖަރީމާތަކާގުޅިގެންނެވެ.
ރޯމް ކޮންވެންޝަންގައި ސޮއިކުރުމުން ފަލަސްތީނަށް ވަނީ އިސްރާއީލުގެ ހަރުކަށި ވެރިންގެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާގުޅޭ މައްސަލަތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ފުރްސަތު ތަނަވަސް ވެފަ އެވެ.
މިގޮތުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާ ބެހޭ މައުލޫމާތާއި އެކަމާ ބެހޭ ލިޔެކިޔުންތައް މިއަދު ބައިނަލްއަގްވާމީ ޖިނާކޯޓަށް ހުށަހަޅާނެ ކަމަށް ފަލަސްތީން ސަރުކާރުން ބުނެ އެވެ.
މިއީ އިސްރާއީލުގެ ހަރުކަށި ވެރިންނާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާކޯޓަށް ފަލަސްތީނުން ހުށަހަޅާ ފުރަތަމަ މައްސަލައެވެ. ރޯމް ކޮންވެންޝަންގައި ސޮއިކުރުމާއެކު ބައިނަލްއަގްވާމީ ޖިނާކޯޓުގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމުން އިސްރާއީލުވަނީ ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެކަމާދެކޮޅަށް ވަރަށްބޮޑަށް ވާކާލާތުކޮށްފައެވެ. ނަމަވެސް އިސްރާއީލަށްވެސް ނުފޫޒު ނުފޯރުވޭ ކަންތައްތަކާ އަދި ޙާލަތްތައް ބައިނަލްއަގްވާމީ ދުނިޔޭގައި މިހާރު ހުންނާތީ މިކަމުގައި އިސްރާއީލަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. 2014 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަން މިކަން ތަހްގީގްކުރި އދ. ގެ ޓީމުން ވަނީ ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)