ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ މ. އަލިވާގޭ ދޮށަށް އެމްޑީޕީގެ އެކްޓިވިސްޓުން ރޭ އެއްވެ މައުމޫން ހައްޔަރުކުރުމަށް ގޮވާލައި ހަމަނުޖެހުން ހިންގީ ރައްޔިތުންގެ ހިތުގައި ރައީސް މައުމޫނާ މެދު ޝައްކު އުފައްދައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމަށް ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

އަލިވާގޭ ކުރިމައްޗަށް އެއްވެ އެމްޑީޕީގެ އެކްޓިވިސްޓުން ރޭ ހަމަނުޖެހުން ހިންގައި އަދި މައުމޫން ހައްޔަރު ކުރުމަށް ގޮވާލުމުން މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް މިއަދު ވިދާޅުވީ ރޭގެ ހާދިސާ މައުމޫން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށާއި ރައީސް މައުމޫން ކުށެއްކުރައްވާފައި ވާނަމަ އެކަމެއްގެ މަރުހަލާއަކުން އިންސާފުހޯއްދަވައިދެއްވުމަށް މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ.

Listen!

"އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ. އެބޭފުޅުންގެ އަބަދުވެސް ގޮވާލުމަކީ ހައްޔަރު ކުރުން. އެހެންވެއްޖިއްޔާ އެއޮތް މަރުހަލާއަކުން އިންސާފު ހޯއްދެވޭނެ ދެއްތޯ؟ މިހާރު ވެރިކަން ނިމި އައު ވެރިކަމެއް އައިތާވެސް ދެ އަހަރުވެގެން ދިޔައީ. ކޯޓު މަރުހަލާ އިންވެސް ކަމެއް ސާބިތުވީކީ ނޫން،" ނަދީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ރައީސް މައުމޫނުގެ ބޮލުގައި އަޅުވަމުން އަންނަ ތުހުމަތު ތަކަށް ރައްދުދެއްވަމުން ނަދީމް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވުމާ ގާތްވެފައި ވާއިރު އޭގެން އެއްވެސް ތުހުމަތު ތަކެއް އަދި މިހާތަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި ސަރުކާރުގެ އިސް ވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް އްކަމަށެވެ.

"އިންތިހާބުގެ ތެރޭގައިވެސް ހެދި ދޮގުތައް އެއޮތީ ފެންނަން. މިސާލަކަށް އަފީފުމެން ކަހަލަ ބޭފުޅުން އޭރުވެސް ދެއްކެވި ދޮގު ހަގީގަތާ ހިލާފުވާހަކަތައް. އެގޮތުން އަނެއްކާވެސް ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ކަހަލަ ކަންތައްތަކެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް އެއީ،" ނަދީމް ވިދާޅުވި އެވެ.

ރޭ ގާ އުކައި އަލިވާގޭ ކުރިމަތީގައި ލޭއޮހޮރުވުން ހިންގުމުން ނަދީމް ވިދާޅުވީ އެފަދަ އަމަލުތަކަކީ ސިދާ ސަރުކާރުން ރާވައިގެން ކުރާ އަމަލުތަކެއްކަމުގައި ނުވިނަމަވެސް އެ އަމަލުތަކުގައި އެމްޑީޕީގެ މީހުން ޝާމިލްވާތީ އެކަން ރައްދުވާނީ ސަރުކާރަށް ކަމަށެވެ.

"ސަރުކާރުން ރާވައިގެންނޭ (އެކަން ކުރީ) ސީދާ އަޅުގަނޑުމެންނަކަށް ނުބުނުވޭނެ. ދެން އެކަމަކު އެމްޑީޕީގެ މީހުންތަކެއް އައިސް ކުރިކަމެއްގެ ހައިސިއްޔަތުން ވީމަ އެކަން (ސަރުކާރަށް) ރައްދުވާނެ ކަމަށް ބެލެވޭނީ،" ނަދީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭގެ ހަމަނުޖެހުންތަކުގައި މައުމޫނާއި އޭނާގެ އާއިލާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ދެ ގަޑިއެއް ހާއިރަށް ދިގުދެމިގެން ދިޔަ މުޒާހަރާގައި އެމްޑީޕީގެ މީހުންނާއި މައުމޫނަށް ތާއީދު ކުރާ މީހުންނާއި ދެމެދު ގަލާއި ތެޅި މިރުހުން ބަދަލުކުރި ހަމަލަތަކުގައި ފުލުހުންނާއި ބައެއް އާންމުންނަށްވެސް އެކި ވަރުގެ އަނިޔާތަށް ލިބުނެވެ. އަދި އަލިވާގޭ ބިއްލޫރި ގަނޑެއްވެސް ތަޅައިގެން ދިޔަ އެވެ.

ސަރުކާރުން ލޯކަލް ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއެޅަމުން ދާކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލައި މައުމޫން ފެކްޝަނުން ވެސް ރޭ މާލޭގައި މުޒާހަރާ ކުރި އެވެ.