އިއްޔެ ދުވާލު ވަގުތު އާންމު ތަނެއްގައި ސިނގިރޭޓް ބޮމުން ދިޔަ ތިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ސިނގިރޭޓް ބޮއެގެން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހަކު ސަލްޓަން ޕާކްގައި ސިނގިރޭޓު ބޯން އިންދައި ހައްޔަރު ކުރި އިރު 40 އަހަރުގެ ފިރިހެނަކު ހަނދުވަރީމަގުގައި ސިނގިރޭޓް ބޯން ހުއްޓައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 21 އަހަރުގެ ފިރިހެނަކު ވެސްޓްޕާކް ސަރަހައްދުގައި ސިނގިރޭޓު ބޯން އިންދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ސިނގިރޭޓް ބޮއެގެން އިއްޔެގައި ތިން މީހަކު ހައްޔަރުކޮށްފައި އެބަތިބި އެއީ މެންދުރު ފަހުގެ ވަގުތުތަކުގައި އެކި މީހުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރޯދަ މަހު ފުރަތަމަ 10 ނުނިމެނިސް ރޯދައަށް ނުހުރެ ކައިގެން ފުލުހުންނަށް މި ވަނީ ހަތް މައްސަލަ ހުށައެޅި އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އެ އަށް ފިރިހެނުން ވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ރޯދައަކީ އިސްލާމް ދީނުގެ ރުކުނަކަށްވާ އިރު ގަސްތުގައި ރޯދަ ދޫކޮށްލާ ފަރާތްތަކުން އެ ރޯދައިގެ ކައްފާރާ ދޭން ޖެހޭ ކަމަށާއި އެގޮތުން ކައްފާރާގެ ގޮތުގައި ދޫކޮށްލާ ކޮންމެ ރޯދައަކަށް އަޅަކު މިނިވަން ކުރުން ނުވަތަ ދޫކޮށްލައި ކޮންމެ ރޯދައަކަށް ދެ މަސް ދުވަހު ރޯދަ ހިފުން ނުވަތަ 60 މިސްކީނުންނަށް ކާން ދޭން ޖެހޭނެ ކަމަށް ޝެއިހް ފަހުމީ ވިދާޅުވި އެވެ.