25 Jun 2015, 11:10
މާޓިން ގާނޭޓް އަކީ އޮސްޓްރޭލިއާގެ ނުރައްކާތެރި ޑްރަގް ޑީލަރެކެވެ. 1993 ވަނަ އަހަރު ތައިލެންޑު މަގުން އެމެރިކާގެ ޖަލަކަށް 4.7 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމަށް އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް ބެންކޮކު އެއާޕޯޓުން 4.7 ކިލޯގެ ހެރޮއިން ހަށިގަނޑުގައި ހަރުކޮށްގެން ހުއްޓައި ތައިލެންޑްގެ ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭރު އޭނާގެ އުމުރުން 26 އަހަރެވެ.
ގާނޭޓް ހައްޔަރުކުރުން
ބެންކޮކުގެ ކްލޯންގް ޕައި ޖަލުގައި ގާނޭޓް ހައްޔަރު ކުރި އެވެ. ގާނޭޓްގެ ބަހުންނަމަ ކްލޯންގް ޕައި އަކީ ދުނިޔޭގެ އެންމެ ވޭންދެވެނިވި ޖަލެވެ. އެއީ ތައިލެންޑުގައި އެންމެ ނުރައްކާތެރި ކުށްވެރިން ހައްޔަރު ކުރާ ޖަލެވެ. ގާނޭޓް ބަހުންނަމަ އެ ޖަލަކީ އިންސާނުން އިންސާނުން ކަމުގައި މިން ކުރާ ޖަލެއް ނޫނެވެ. ޖެހިގެން އައި 1994 ވަނަ އަހަރު ގާނޭޓް 40 އަހަރަށް ޖަލަށް ލުމަށް ތައިލެންޑްގެ ކޯޓަކުން ހުކުމް ކުރިއެވެ.
ޖަލުން ލިބެމުންދިޔަ އަނިޔާއާއި ބިރުވެރިކަން ގާނޭޓް އިހްސާސް ކުރަމުންދިޔައެވެ. އޭނާ އެ ޖަލުގައި ހޭދަކުރި ފުރަތަމަ އަހަރު ތެރޭގައި އެޖަލުން ފަސް މީހަކު އަމިއްލައަށް ވަނީ މަރުވެފައެވެ. އޭނާވެސް ދިރިހުރުމުގެ ބޭނުމެއް ނެތް ކަމަށް އިހްސާސް ކުރަމުން ދިޔައެވެ. ދިރިހުއްޓަސް އޭނާއަށް ސަލާމަތެއް ނެތް ކަމުގެ އިހްސާސް ގާނޭޓް ކުރަމުން ދިޔައެވެ. ޖަލުގެ ނުރައްކަލާއި ވޭންދެނިވި ކަމުގެ ތެރޭގައި ގާނޭޓް ނިންމީ އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށެވެ. އަމިއްލައަށް އޭނާ މަރުވުމަށް މަސައްކަތް ކުރިއެވެ. އޭނާގެ ސިކުނޑިއަށް ބަރާވަމުން ދިޔަ އިހްސާސްތައް އޭނައަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ގާނޭޓްއަށް ވެސް ވިސްނުނީ އޭނާއަށް ވެސް އެގޮތް ނޫން އެހެންގޮތެއް ނެތް ކަމަށެވެ. އެގޮތުން ބަނޑުހައި ހޫނުކަމުގައި މަރުވާން އޭނާ ނިންމައި އެގޮތުގައި ކުރިއަށް ގެންދިޔައެވެ.
ގާނޭޓްގެ ހަޔާތް ބަދަލުވެގެން ދިޔަގޮތް
އޭނާ ބާއްވާފައި އޮތް ތަނުގެ ބޭރުގައި ޖަލުގައި ތިބި މުސްލިމް ގައިދީން ކޮންމެ ދުވަހަކުވެސް ނަމާދު ކުރެއެވެ. ކޮންމެ ދުވަހެއްގެ މެންދުރު ނަމާދަށްފަހު ވެސް އެމީހުންނަށް ހުސް ވަގުތެއް ލިބެއެވެ. އެއް ދުވަހެއްގެ މެންދުރު ނަމާދަށް ފަހެވެ. މުސްލިމުންގެ ތެރޭގައި ޕާކިސްތާނުގެ މީހެއްކަމުގައިވާ ހަބީބު، ގާނޭޓް އޮތް ތަނުގެ ބޭރުގައި އެއް ގަޑިއިރުވަންދެން މަޑުކޮށްގެން ހުއްޓެވެ. ހަބީބުއަކަށް އިނގިރޭސި ބަހެއް ނޭންގެއެވެ. އެހެންކަމުން ގާނޭޓްއާ މުއާމަލާތް ކުރާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ނަމަަވެސް ގާނޭޓް ކައިރީ ބުނާނެ އެއް ޖުމުލަ އޭނާ އިނގިރޭސި ބަހުން ދަސްކުރި އެވެ. "ކަލޭއަށް ތިކަން ކުރަން ހައްގެއް ނެތެވެ." ހަބީބު އިނގިރޭސި ބަހުން ގާނޭޓްއަށް އަޑު އިއްވައި ބުންޏެވެ.
އޭނާ އެބުނި ޖުމުލައިން ގާނޭޓްއަށް އަސަރުތަކެއް ކުރި އެވެ. ނަމަވެސް ގާނޭޓް ހިތާހިތުން ކިޔާލިއެވެ. "އަހަރެން އަމިއްލައަށް މަރުވާން ނިންމުމާ މިމިހާ، (ހަބީބު) އާ" ކީއްހެއްޔެވެ. އެއީ އަހަރެންގެ ކަމެކެވެ. އެހެންނަމަވެސް އޭނާގެ ބުނުމުގައި ހަރުކަށި ކަމެއް ނެތެވެ. އެ ބުނުމުގައި ހުރީ މަޑު މައިތިރި ކަމެވެ. އޯގާތެރި ކަމެވެ.
ހަބީބަކަށްވެސް މިކަން ގާނޭޓްއަށް އިތުރަށް ބުނެދޭނެ ގޮތެއް ނޭނގެއެވެ. ގާނޭޓް އެތާ އޮއްވައި ހަބީބު ގެނެސްދިނީ ފޮތެކެވެ. އެއީ ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއެކެވެ.
ގާނޭޓް އެފޮތް ކިޔަވަން ފެށިއެވެ. ގަނޑުތައް އެއް ލަމުން ދިޔައެވެ. އޭނާއަށް ފެނުނީ ޤުރުއާނުގައި އޭނާއަށް މުހާތަބުކޮށްފައިވާ ތަނެވެ. ކީރިތި ޤުރުއާނުގެ ހަތަރު ވަނަ ސޫރަތުގެ 29 ވަނަ އާޔަތް އޭނާ ކިޔަވަމުން ދިޔައެވެ. އެއާޔަތުގައި އޭނާއަށް ނިސްބަތްކޮށް ބުނެފައިވާ ތަނެވެ. އެ އާޔަތުގައި ވެއެވެ... އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަހުމަތްވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
އެ އާޔަތުން ގާނޭޓްއަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. އޭނާގެ މައްޗަށްވެސް ހެޔޮގޮތް މިންވަރު ވާނެކަން އޭނާ ޔަގީން ކުރިއެވެ.
ޤުރުއާން ކިޔަވަމުން ދިޔަވަރަކަށް އޭނާއަށް ފެނުނީ އެ ގުރުއާނުގައިވާ ޝައުގުވެރި ވާހަކަތަކެވެ.
ކޮންމެ ދުވަހަކު މުސްލިމުން ނަމާދުކުރާތަން ބަލަން އޭނާ މަޑު ކުރެއެވެ. މުސްލިމުންގެ ނަމާދަށް އޭނާ ޝައުޤުވެރިވާން ފެށި އެވެ.
އޭނާއަށް ބުނެވުނެވެ. "އަހަރެންގެ ހަޔާތުން ބުރަ ދުވަސްތަކެއް ތަޖުރިބާކޮށްފީމުއެވެ. އަހަރެން ފިޔަވަޅު އަޅާންވީ ވަގުތު އައިސް ޖެހިއްޖެއެވެ."
ގާނޭޓް އިސްލާމް ވިއެވެ. އިސްލާމް ވުމަށްފަހު އޭނާގެ ނަން ޢަމީން މުބާރަކްއަށް ބަދަލު ކުރިއެވެ. އިސްލާމް ވުމަށްފަހު އޭނާ އެއްވެސް ނަމާދެއް ދޫނުކުރާކަމަށް އަމީން ވަނީ ބުނެފައެވެ. މިއަދު އިސްލާމް ދީނަށް ބޯލަނބައި އަމަލު ކުރަމުންދާތީ މިއަދު އޭނާ ސިފަ ކުރަނީ އޭނާއަކީ އޭނާގެ ނަމުގެ މާނައާއި އެއްގޮތަށް އަމީން (އަމާނާތްތެރި) މުބާރަކު (ބަރަކާތްތެރިކަމާއި ރަހުމަތް) ތަނަވަސްވެފައިވާ މީހެއްގޮތަށެވެ.
އާ ހަޔާތެއް އާ ދިރުމެއް
ތައިލެންޑްގެ ރަސްގެފަނު 2011 ވަނަ އަހަރު ދެއްވި އަފުއާމާ ގުޅިގެން އޭނާ ތައިލެންޑްގެ ޖަލުން މިނިވަން ކުރެވުނެވެ. ނަމަވެސް 2001 ވަނަ އަހަރު އެމެރިކާގެ އެޓާނީ ޖެނެރަލުން ހުށަހެޅި މައްސަލައެއްގައި އޭނާ 57 މަހަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ.
އެހެންކަމުން ތައިލެންޑްގެ ޖަލުން އޭނާ ބަދަލު ކުރީ އެމެރިކާގެ އިންޑިއާނާ ސިޓީގެ ޖަލަކަށެވެ. އެ ޖަލުގައި އެއް ހަރު ހޭދަކުރި ފަހުން އޭނާގެ މަންމަ ކުރި މަސައްކަތުން އޮސްޓްރޭލިއާގެ ސިޑްނީގެ ސިލްވާ ވޯޓާ ޖަލަށް އޭނާ ބަދަލު ކުރެވުނެވެ.
ގާނޭޓް އިސްލާމްވި ވާހަކަ އޭނާގެ މަންމަ ގާތުގައި ބުނުމުން އޭނާގެ މަންމަ އޭނާއަށް ނިސްބަތްކޮށް ބުނީ ކުރިން ކަލޭތީ ޑްރަގު ޑީލަރެކެވެ. އެއަށްފަހު ނުރައްކާތެރި ކުށްވެރިޔެކެވެ. މިއަދު ތިޔަވީ ޓެރަރިސްޓަކަށެވެ.
ނަމަވެސް މަންމަގެ މިޖަވާބަށް އަމީން އެއްވެސް ޖަވަބެއް ނުދެއެވެ. އޭނާގެ މަންމައަށް އޭނަ ދެއްކީ އޯގަތެރިކަމެވެ. އަމީން ބުނީ "ޤުރުއާނުގައި މަންމަގެ ކުރިމަތީގައި އުއްފުވެސް ނުބުނަން އަންގަވާފައި ވާތީ" އޭނާ މަންމައަށް ދެއްކީ އޮގާތެރިކަމެވެ.
މިއަދު އަމީން ދުވަސްތައް ހޭދަ ކުރަމުން ގެންދަނީ ސިޑްނީގެ ސިލްވާ ވޯޓާ ޖަލުގައެވެ. އެއްދުވަހަކު އޭނާގެ މަންމަ އޭނާއަށް ޒިޔާރަތް ކުރި ދުވަހެކެވެ. އޭނާގެ މަންމަ ބުންޏެވެ. ދަރިފުޅު ހީވަނީ ތިން އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ. ދަރިފުޅުގެ މޫނު މަތިން ފެންނަނީ އެ އުފާވެރިކަމެވެ. އެ ހިތް ހަމަޖެހުމެވެ.
އަމީން އޭނާގެ މަންމައަށް ޖަވާބު ދިނެވެ. މަންމާއެވެ. އަހަރެންގެ ހިތް މިވަނީ އިސްލާމްދީނުގެ ސަބަބުން ހިތްހަމަޖެހިފައެވެ. ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ އަހަންނަކަށް ބުރަ ކަމެއް ނޫނެވެ.
އަމީންގެ ބަހުން ނަމަ އިއްޔެ އޭނާގެ ނަފުސު އަމިއްލައަތުން ގަތުލު ކުރުމަށް ހުށަހެޅި ނަމަވެސް މިއަދު އޭނާގެ ނަފުސައް ލިބެނީ ހިތް ހަމަޖެހުމެވެ. އަމީން ބުނި ގޮތުގައި އޭނާ އެކަނިވުމުން މަޔޫސްކަން ފިލުުވައިދެނީ ﷲ ހަނދުމަ ކުރުމުންނެވެ. އެ ހިތްހަމަޖެހުން އޭނާއަށް ލިބެއެވެ.