25 Jun 2015, 10:42
މާލެ އާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގައި ޒުވާނުން ސައިކަލު ބުރު ޖަހަން ވަކި ހާއްސަ ލައިނެއް ހަދާފައި އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސޯސަންމަގު އިދިކޮޅު އެމްޑީޕީ އޮފީސް ކުރިމަތީގައި ރޭ ޒުވާނުންނަށް ދެއްވި ި"ތަރާވީހެއް"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ އާންމުކޮށްބުރިޖުގައި އޮންނާނީ "ހެވީ ވެހިކަލްސްއާ ވެހިކަލްސް" ދުއްވަން ހާއްސަ ލޭނެއް ކަނޑައަޅާފައި ކަމަށެވެ. އަދީބު ވިދާޅުވީ ސައިކަލު ދުއްވުމުގެ ގޮތުން ވަކި ހާއްސަ ލައިނެއް ބުރިޖަށް އިތުރުކޮށްފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމުގެ މަތީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބުރިޖުގައި އޮންނާނީ ހަ ލޭނެއް ކަނޑައެޅިފައި. ރައީސް ޔާމީނުގެ އެދުމުގެ މަތީން ސައިކަލު ދުއްވަން ވެސް ވަކި ހާއްސަ ލޭނެއް އޮންނާނެ. އެހެންވީމާ އަޅުގަނޑުމެން ސައިކަލު ބުރު ވެސް ޖަހާނީ އެތާނގައި [ބުރިޖުގައި]. އަދި ހާއްސަކޮށް ބައިސްކަލު ދުއްވާ ފަރާތްތަކާއި ޖޮގަރުންނަށް ވެސް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ވާހަކަ އަޅުގަނޑުހަމަ އުފަލާއި އެކީގައި ޒުވާނުންނަށް ދަންނަވަން،" އަދީބު ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އަދި ދެ އަހަރު ނުވާ ކަމަށެވެ. އެހެންނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އެއީ ވެސް ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށް އަދީބު ވިދާޅުވި އެވެ.
މާލެ ހުޅުލެ ބުރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ބުރިޖުގެ ބޯހޯލް ތޮރުފުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ބޯހޯލް ތޮރުފަން ފެށުމުގެ ކުރިން ސުނާމީ ބިނާ ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަޝްރޫގެ ދަށުން އެއްގަމާއި ކަނޑު ހިމެނޭ ގޮތަށް ޖުމުލަ 29 ތަނަކުން ބޯހޯލް ތޮރުފުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ތަފްސީލީ ޑިޒައިން ހުށަހަޅައި ޓެންޑަރިން މަސައްކަތް ޗައިނާގައި ފެށިގެން ދާނެ ކަމަށާއި އަދި މި އަހަރުގެ ފަހުކޮޅު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.