25 Jun 2015, 01:47
ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސް ކުރުމަށް ވޯޓު ނުދިން މެމްބަރުންނަކީ ސިޔާސީ މަސްރަހުން ބާކީވާނެ މީހުން ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސޯސަން މަގު އުތުރު ފަރާތު، އެމްޑީޕީގެ އޮފީސް ކައިރިގައި ޒުވާނުންނަށް ދެއްވި "ތަރާވީހެއް"ގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އެފަދަ ފަރާތްތަކަކީ އެއްވެސް "ޓީމު ވޯކެއް" އޮތް ބައެއް ނޫން ކަމަށާއި އެފަދަ ފަރާތްތަކަކީ އެއްވެސް ފިކުރެއް އޮތް ބައެއް ނޫން ކަމަށެވެ.
"އެބޭފުޅުންނަކީ އަބަދުވެސް ހިހޫ ތަނުން ކާލައިގެން ނުވަތަ އަމިއްލަ އެދުމުން ފުރިގެން އެބޭފުޅުންނަކީ އުޅޭ ބައެއް. އެހެންވީމަ އެކަހަލަ ބޭފުޅުން ތިބޭނެ ވަކި ހިސާބަކުން ބާކީވެފައި. އަޅުގަނޑުމެން ދާނީ މި ގައުމުގައިގެން ކުރިއަށް،" އަދީބު ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެވޭ އުމުރު ބަދަލު ކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ދެ މެމްބަރަކު ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މިނިވަން މެމްބަރެއްގެ ގޮތުގައި މި ވަގުތު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.
ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހަށް ވޯޓަށް އެހިއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާ ދެކޮޅު ހެއްދެވީ އަލީ ހުސައިން އަދި މަހުލޫފު، އެ އިސްލާހަށް ވޯޓު އެހިއިރު، ފާރިސް އާއި އަސްމާ ވެސް ހުންނެވީ ރާއްޖެއިން ބޭރުގައި-- ފޮޓޯ/ މަޖިލިސް
އިސްލާހު ފާސްވެގެން ދިޔައިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބުރާހިމް ވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ ވަނީ އެ އިސްލާހަށް ތާއީދު ކޮށްދެއްވުން އެދި ޖޭޕީގެ މަޖިލިސް މެމްބަރުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފަ އެވެ. އަދި އެ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ހިތަދޫ މެދު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ ސިއްހީ ހާލަކޮޅު ހުރި ގޮތުން އޭނާ ވެސް ހުންނެވީ ރާއްޖެއިން ބޭރުގައި އެވެ.
މިރޭގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން އަދީބު ވިދާޅުވީ ރައީސްއާ ނައިބު ރައީސް ކަމަސް ކުރިމަތި ލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަކީ އޭނާ އަށް އަމާޒު ކޮށްގެން ގެނެސްފައިވާ އިސްލާހެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށަށެވެ. ނަމަވެސް އެ އިސްލާހަކީ "އަޅުގަނޑަކަށް އައިސްފައިވާ އެއްޗެއް ނޫން" ކަމަށް އަދީބު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ޝޯޝަލް މީޑިއާގައި ވެސް އެބަ ކިއާ މިއީ ބުރޯ [އަދީބު] އަށް އައިސްފައިވާ އިސްލާހެކޭ. މި ކަމަކީ އަޅުގަނޑާ އަމާޒުވާ އެއްޗެކޭ. އަޅުގަނޑު އެކަން ރަނގަޅު ކޮށްލަން ބޭނުންވޭ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް އައިސްފައިވާ އެއްޗެއް ނޫން. އަޅުގަނޑު ދަންނަވާނީ މިއީ ރައީސް ޔާމީން ޒުވާނުންނަށްޓަކައި ގައުމުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެންނަށް އަޅައިދިން ވަރަށް ހާއްސަ ފިޔަވަޅެކޭ،" އަދީބު ވިދާޅުވި އެވެ.