އެއީ މި ރޯދަމަހުގެ ފަސް ވަނަ ދުވަހެވެ. ތ. އަތޮޅު ދިޔަމިގިއްޔަށް ދިޔަ ދޯންޏެއްގެ ފަޅުވެރިންތަކެއް އެ ދުވަހު ދުވާލު އެ ރަށު ފިހާރައަކުން ނޫޑްލުސް ގަނެގެން އެ ރަށު ގޮނޑުދޮށުގައި ކައްކައިގެން ކާން ތިއްބައި ފުލުހުން ވަނީ އެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން މި ހަފްތާގައި ފުލުހުން ވަނީ މާލޭގައި ވެސް ރޯދަ މަހު ދުވާލު ކާންތިބި ހަތަރު ފިރިހެނުން ހައްޔަރުކޮށްފަ އެވެ. ރޯދަ މަހު ފުރަތަމަ 10 ނުނިމެނިސް ރޯދައަށް ނުހުރެ ކައިގެން ފުލުހުންނަށް މި ވަނީ ހަތް މައްސަލަ ހުށައެޅި އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އެ އަށް ފިރިހެނުން ވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ. މިއީ ފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް ހާލަތެވެ.

ރޯދަ ނުހިފުން ވަރަށް އާންމު!

ރޯދަމަހު ދުވާލު މާލޭ މަގުތަކުގައި އެނާޖީ ޑުރިންކްތައް ބޮމުން ނުވަތަ ސިނގިރޭޓް ބޮމުން އެދަނީ ލަދެއް ބިރެއްނެތި އެވެ. އުޒުރެއް ނެތި ރޯދަ ދޫކޮށްލައި ގޭގެ އާއި އޮފީސް ފަދަ ތަންތަނުގައި ކަމުން އެދަނީ ހިޔާލެއް ފިކުރެއްނެތި އެވެ. ރަށްރަށު ހޭޅިފަށްތަކުގައި ގޫރޫޕު ހަދައިގެން ކައްކައި ކައި އެ ހަދަނީ ދީނުގެ ރުކުނަށް ފުރަގަސްދީފަ އެވެ. މަސްތުގެ ބަލީގައި ޖެހިފައިވާ ފަރާތްތަކާއި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ އެތައް ބަޔެއް އެ ވަނީ އެނުރައްކާ މަޅީގައިޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހު އިބުރާހިމް އަހުމަދު ވިދާޅުވި ގޮތުގައި ރޯދަ ނުހިފާ މީހުން އުޅޭކަމުގެ ޝަކުވާތަކެއް އެ މިނިސްޓްރީ އަށް ވެސް ހުށައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ ފަރާތްތައް ވެސް ހިމެނޭ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ދީނީ އެހެން އިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް ރޯދަ މަހު ދުވާލު ވަގުތު މަގުމަތިން ސިނގިރޭޓު ބޯ މަންޒަރާއި ކާ މަންޒަރު ފެނެ އެވެ.

ރޯދަ ދޫކޮށްލުމަކީ ވަރަށް ނުރައްކާ ކަމެއް!

ރޯދައަކީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު ގަސްތުގައި ރޯދަ ދޫކޮށްލާ ފަރާތްތަކުން އެ ރޯދައިގެ ކައްފާރާ ދޭން ޖެހޭ ކަމަށާއި އެގޮތުން ކައްފާރާގެ ގޮތުގައި ދޫކޮށްލާ ކޮންމެ ރޯދައަކަށް އަޅަކު މިނިވަން ކުރުން ނުވަތަ ދޫކޮށްލައި ކޮންމެ ރޯދައަކަށް ދެ މަސް ދުވަހު ރޯދަ ހިފުން ނުވަތަ 60 މިސްކީނުންނަށް ކާންދޭން ޖެހޭނެ ކަމަށް ޝެއިހް ފަހުމީ ވިދާޅުވި އެވެ.

އެއްބަޔަކު ދީނުގައި ބާރު އަޅާފައިވާ އެ އަޅުކަން ވެސް ބިރެއް ނެތި ދޫކޮށްލާ އިރު ރޯދަ އަކީ ހިފަން ނުޖެހޭނެ ކަމެއް ކަމަށް ބުނެ ރޯދަ ދޫކޮށްލައިފި ނަމަ އެމީހަކު އެވަނީ ދީނުން ބޭރުވެ މުރުތައްދު ވެފައިކަމަށް ވެސް ޝެއިހް ފަހުމީ ވިދާޅުވި އެވެ.

"މުރުތައްދުވެފައިވާ މީހާއާ އެކު ދީނީ ގޮތުން އަނބިފިރިކަމުގެ ގުޅުން ހަރާމްވާނެ އަނބިމީހާއަށް. ދެން ވާރުތަ މުދަލަކުން ވެސް ނުލިބޭނެ، އޭގައި އެގޮތަށް ދިމާވާ ވަރަށް ގިނަ ކަންކަން ހުންނާނެ ދީނުން ބޭރުވެއްޖެ ކަމަށް ވަންޏާ،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

ހުރިހާ އިލްމުވެރިން ވެސް ވިދާޅުވާ ގޮތުގައި މަގުބޫލް އުޒުރެއް ނެތި ގަސްތުގައި ރޯދަ ދޫކޮށްލުމަކީ ވަރަށް ނުރައްކާ ކަމެކެވެ. އެގޮތުން ޝެއިހް އާދަމް ޝަމީމް ވިދާޅުވި ގޮތުގައި ރޯދަ ދޫކޮށްލުމުން އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ސަބަބަކީ ރޯދަ އަކީ އިސްލާމް ދީނުގެ ރުކުނަކަށް ވުމުން ރުކުނެއް އެޅުމަކީ ބޮޑު ފާފައެއް ކަމަށް ޝެއިހް ވިދާޅުވި އެވެ. ޝެއިހް ވިދާޅުވީ ގަސްތުގައި ރޯދަ ދޫކޮށްލާ މީހުން މަރުވުމުން ވޭންދެނިވި އަޒާބު ލިބިގެންދާނެ ކަމަށެވެ.

"ގަސްތުގައި ރޯދަ ދޫކުރާ ނަމަ އެމީހެއްގެ އިސްލާމް ކަމާމެދު ޝައްކު އުފެއްދޭނެ ކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ،" ޝެއިހް ޝަމީމް ވިދާޅުވި އެވެ.

ރޯދަ ނުހިފާ ފަރާތެއް އެނގޭ ނަމަ ރިޕޯޓް ކުރޭ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދަ ނުހިފާ މީހުންގެ މައްސަލަ ފުލުހުންގެ 119 އަށް ހުށައެޅުމުން އެބަޔަކު ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ އެންމެންގެ ޒިންމާ ނަގައިގެންނެވެ. އެގޮތުން އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާށެވެ.

މަގުބޫލް އުޒުރެއް ނެތި ރޯދަ ނުހިފުން އާންމުވެފައިވާއިރު ރޯދަ މަސް ފެށުމުގެ ކުރިން އެފަދަ ކަންކަން ދިމާވެދާ ނެތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް ވިދާޅުވި އެވެ. އެކަން މިހާރު އިތުރުވުމުން ކުރިއަށް އޮތްތަނުގައި ބާއްވާ ދަރުސްތަކުގައި އެފަދަ ކަންކަން ހުއްޓުވުމަށް ބޮޑަށް އަލި އަޅުވާލެވޭނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ރޯދަ ނުހިފޭ ހާލަތްތަކުގައި ހަދާ ގޯހެއްގެ ވާހަކަ

އުޒުރެއް ނެތި ރޯދަ ދޫކޮށްލާ މީހުންގެ ވާހަކަ ދައްކާ އިރު ޝަރުއީ އުޒުރެއްގެ ސަބަބުން ރޯދަ ދޫކޮށްލާ މީހުން ހަދާ ގޯހެއްގެ ވާހަކަ ވެސް ދައްކާލާނަމެވެ. އެއީ ރޯދަ ނުހިފޭ މީހުން، އާންމުކޮށް މީހުންނަށް ފެންނަ ގޮތަށް ކައިބޮއެ އުޅޭ ވާހަކަ އެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ވެސް ދީން މަނާކުރައްވާފައިވާ ކަންކަމެވެ.

"އޮފީސްތަކަށް ނުކުންނަވާ ބޭފުޅުން އޮފީސްތަކަށް ނުކުންނަވާފައި ގްރޫޕު ހަދާފައި ސައިފޮދު ހިއްޕެވުން ފަދަ ކަންކަން ކުރަނީ ރޯދަޔަށް ތިބޭ މީހުންގެ ކުރިމަތީގައި، އަންހެނުންގެ ޕީރިއަޑް ހާލަތްތަކުގައި ކައިބޮއެ އުޅެންވާނީ އެހެން މީހުންނަށް ނުފެންނަ ގޮތަށް ގޮތަކަށް،" ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

ދީނުގައި އެކަން މަނާކޮށްފައި ވަނީ އެފަދަ ގޮތްގޮތަށް ރޯދައަށް ތިބޭ މީހުންގެ ކުރިމަތީ ކައިބޮއެ އުޅުމުން ރޯދައަށް ތިބޭ މީހުންނަށް އޭގެ އަސަރު ކުރާނެތީ ކަމަށް ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

ކުޑަކޮށް ބައްޔެއް ވާއިރަށް ރޯދަ ދޫނުކުރޭ، ސިއްހީ ގޮތުން ރޯދައަކީ ފައިދާއެއް

ރޯދަ ދޫކޮށްލެވޭ އުޒުރުތަކެއް އިސްލާމްދީނުގައި ވަނީ ކަނޑައެޅިފަ އެވެ. އެކަން އެހެން އޮންނައިރު ކިރިޔާ ބައްޔެއް ވެލާއިރަށް ރޯދަ ދޫކޮށްލާ މީހުންވެސް މަދެއް ނޫނެވެ. އެއްބަޔަކު ރޯދަ ނުހިފުމުގެ ބޭނުމުގަ އެވެ. އަނެއް ބަޔަކު ސިއްހީ ގޮތުން ވެދާނެ ގެއްލުމަކަށެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވާގޮތުންނަމަ ރޯދަ އަކީ ސިއްހަތައް ވަރަށް ރަނގަޅު ކަމެކެވެ.

އޭއެމްޑީސީގައި މަސައްކަތް ކުރައްވާ ޑރ. އުސާމާ އަލީ ވިދާޅުވި ގޮތުގައި ބޮޑު ބައްޔެއްގައި އުޅޭ މީހަކަށް ނޫނީ ރޯދައިގެ ސަބަބުން އެމީހާގެ ހަށިގަނޑަށް ގެއްލުމެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ރޯދައަކީ ހަށިގަނޑަށް ފައިދާވާނެ ކަމަށެއް ކަމަށާއި އެގޮތުން ހަށިގަނޑުގެ އެކިއެކި ބައިތަކަށް "ރެސްޓް" ލިބި ހަށިގަނޑު ހަމަޖެހިލަން ލިބޭ ފުރުސަތަކަށް ރޯދަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޯދަ ހިފީމަ ޑައިޖެސްޓް ސިސްޓަމް އަށް ފައިދާވާނެ. އަދި ލޭ މައްޗަށް ދާ މީހުންނަށް ވެސް ރޯދައިން އެތައް ފައިދާއެއް ވޭ. ހަމައެއާއެކު ހަކުރާއި ލޮނާއި ކޮލެސްޓްރޯލް ވެސް ބެލެންސް ވާނެ ރޯދައިގެ ސަބަބުން،" ޑރ. އުސާމާ ވިދާޅުވި އެވެ.

މިފަދަ ކަންކަމުގެ ހަގީގީ ހައްލަކީ ތަރުބިއްޔަތު

މިފަދަ ކަންކަން މިހާ އިތުރުވެފައިވާ އިރު މިއީ ހަމައެކަނި ފިޔަވަޅު އެޅިގެން ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. އެންމެ ބޮޑު ހައްލަކީ އެމީހެއްގެ އީމާންތެރިކަމެވެ. އެހެން ކަމުން މިފަދަ ކަންކަން މި މުޖުތަމައުއިން ހުއްޓުވުމަށް ބެލެނިވެރިން އެ މީހުންގެ ޒިންމާ އަދާ ކުރަންޖެހެ އެވެ. ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ބޮޑުވުމަށް ފަހު ވެސް މިފަދަ ނުރައްކާތެރި އަމަލުތަކުން ސަލާމަތް ކުރަން ޖެހެ އެވެ. ރަނގަޅު ތަރުބިއްޔަތެއް ދޭންޖެހެއެވެ.

ހަގީގަތުގައި ހިތާމާގެ ކޮޅެއްވެސް ނެތެވެ. ސައްތައިން ސައްތަ މި ރާއްޖޭގައި ދީނުގެ ވާޖިބުތަކަށް ފާޅުގައި ދެކޮޅުހެދުން އިންތިހާއަށް އިތުރީއެވެ. ފަހަކަށް އައިސް ކޮންމެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ރޯދަ މަހު ވެސް ބިރެއް ނެތި ރޯދަ ނުހިފަނީ އެވެ. އެއް ބަޔަކު ފާޅުގަ އެވެ. އަނެއް ބަޔަކު ސިއްރުންނެވެ. ވިސްނާލާށެވެ. މޮޅު ކަމެއް ކަމަށް ހީކޮށް ތިޔަ ކުރަނީ ވަރަށް ނުކައްކާތެރި ކަމެކެވެ.