24 Jun 2015, 19:56
ކީރިތި ޤުރްއާނަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުން ބާވައިލެއްވި ފޮތެކެވެ. އެފޮތުގެ އުނގަންނައި ދެއްވުންތަކާއި އިރްޝާދުތަކުގެ ދާއިރާއަކީ އެންމެހައި އިންސީންނާއި ޖިންނީންނެވެ. ޤުރުއާނުގައި އެކަލެއްގެ މަތިވެރި ޒާތުފުޅުގެ ތަޞައްވަރު ހުށަހަޅުއްވައިފައިވާ މަތިވެރިވަންތަ އިލާހަކީ ރައްބުލްޢާލަމީނެވެ. ޤުރުއާނާއިގެން ވަޑައިގެންނެވި ރަސޫލާއަކީ އިންސީންނާއި ޖިންނީންގެ ގާތަށް ފޮނުއްވި ނަޒީރެކެވެ. ރަސޫލެކެވެ. ޤުރުއާނުގެ ޒަރީޢާއިން ދައުވަތު ދެއްވައިފައިވާ ދީނަކީ އެދީނެއްގެ ދަޢުވަތު މުޅި ކާއިނާތަށް ޢާއްމުވެގެންވާ ދީނެކެވެ.
ކީރިތި ޤުރްއާނުގެ މެސެޖް ހުށަހަޅުއްވައިފައިވަނީ ވަކި ޚާއްޞަ ޖަމާޢަތަކަށެއް ނޫނެވެ. ފާހަގަކޮށްލެވޭ ވަކި ޤައުމަކަށް އެކަންޏެއްނޫނެވެ. މުޅި ދުނިޔެއަށެވެ. މުޅި އިންސާނިއްޔަތަށެވެ. ކީރިތި ޤުރްއާން އެދެނީ މުޅި ދުނިޔޭގެ އަގުތައްދިރުވައި ކުރިއެރުވުމެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ޙަދީޘުފުޅެއްގައިވެއެވެ.
ތިޔަބައިމީހުން އެއްގޮތަކަށްވެސް އީމާނެއް ނުވަމުއެވެ. ތިޔަބައިމީހުން އޯގާވެރި ނުވާހައި ހިނދަކުއެވެ. މީސްތަކުންދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކީވެސް އޯގާވެރިވާ މީހެކެވެ. ރަޙްމުކުރާ މީހެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ޙަދީޘު ކުރެއްވިއެވެ. އޯގާވެރިވުމުގެ މުރާދަކީ ތިޔަބައިމީހުން ތިޔައިގެ ތެރެއިން އެކަކު އަނެކަކަށް އޯގާވެރިވުމެއްނޫނެވެ. ރަޙްމު ބެހެއްޓުމެއްނޫނެވެ. އަދި ކީއްހެއްޔެވެ. އޯގާވެރިވުމަކީ އެންމެނަށް ރަޙްމުބެހެއްޓުމެވެ. އެންމެހައި އިންސާނުންނަށް އޯގާވެރިވުމެވެ.
ޢާލަމްތަކުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް މީހަކު އީމާންވުމުން އޭގެ ލާޒިމީ ނަތީޖާ އަކަށް ވާންޖެހޭނީ އެމީހެއްގެ އީމާން އޭނާގެ ކިބައިގައި ބަވަނަވެތި ވިސްނުމެއް އުފެއްދުމެވެ. އޭނާ ތިމާގެ ޒާތު ފިޠުރަތުގެ ޗޭނާ ގުޅައިލުމެވެ. އޭނާއަކީ ބަވަނަވެރި މީހަކަށް ބަދަލުވުމެވެ. އޭނާ ހޯދައިގަންނަ ޙަޤީޤަތަކީ އޭނާއަކީ ބޮޑު އަފޫރުއްބަ އިންސާނީ ޢާއިލާގެ މެމްބަރެއްކަމެވެ. އެހެނީ އިންސާނީ މުޅިވަންހައަކީ އެއްކައުވަންތަކަލެއްގެ މަޚްލޫގުންނެވެ. އެކަލާނގެ ޢިޔާލުންނެވެ.
މިދެންނެވި ބަވަނަވެރި ވިސްނުން އޭނާގެ ހިތުގައި އާލާކުރަނީ މުޅި އިންސާނިއްޔަތު އެލޯބީގައި ޝާމިލުވެފައިވާ ބަވަނަވެތި ލޯތްބެކެވެ. އޭނާ އެންމެހައި އިންސާނުންނާ މެދު ދެކޭނީ އޭނާގެ މީހުންކަމުގައެވެ. އޭނާ އަކީ އެ އެންމެންގެ މީހެއްކަމުގައެވެ.
އިސްލާމީ ބިންގަލުގެ މަތީގައި އިންސާނާގެ ކިބައިގައި އުފެދޭ މިޒާޖަކީ އެންމެހައި އިންސާނުންނަށް އިޚްލާޞްތެރިވުމުގެ މިޒާޖެވެ. ހެޔޮކޮށްހިތުމުގެ މިޒާޖެވެ. އިންސާނިއްޔަތު ދެކެ ލޯބި ވުމުގެ މިޒާޖެވެ. އޭނާގެ ކިބައިގައި އުފެދި އާލާވަނީ މުޅި އިންސާނީއްޔަތަށް ޚިދުމަތްކުރުމުގެ ޝުޢޫރެވެ. މުއުމިން އިންސާނާ ހުރިހާ ގޮތަކުންވެސް ބަދަލުވެގެންދަނީ ބަވަނަވެރި އިންސާނަކަށެވެ.